Roadha Mihaaru
ލޮކްޑައުން ނިމުނު ފަހުން ކުރި ޖޫރިމަނާ ސައްހައެއް ނޫން

ލޮކްޑައުން ނިމުނު ފަހުން ކުރި ޖޫރިމަނާ ސައްހައެއް ނޫން ކަމަށް ނިންމައިފި

14 ޖޫން 2020

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވި ފަހުން ކުރި ޖޫރިމަނާތައް ސައްހަ ނޫން ކަމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވި ފަހުން ކުރި ޖޫރިމަނާތައް ސައްހަ ނޫން ކަމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ލޮކްޑައުންގެ މުއްދަތު މިދިޔަ ހުކުރު ދުވަހުގެ ރޭ އިތުރުކުރީ އެންމެ ފަހުން އިއުލާނުކުރި މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، އެ ދިޔަ ހުސްކަމުގެ ތެރޭގައި ބޭރުގައި އުޅުނު ބައެއް މީހުން ޖޫރިމަނާ ކޮށްފައިވީ ނަމަވެސް އެކަން އެގޮތަށް ކުރެވިދާނެ ކަމާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުން، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ އެ ޖޫރިމަނާތައް ސައްހަ ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މިދިޔަ މަހު 28 އިން ފެށިގެން ލުއިތަކާ އެކު ލޮކްޑައުން އިތުރު ކުރީ 14 ދުވަހަށެވެ. އެހެންވެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އިން ފެށިގެން 14 ދުވަސް ހަމަވަނީ ޖޫން 11 (މިދިޔަ ބުރާސްފަތި ދުވަސް) ފެށުމާ ހަމައަށެވެ. އެޗްޕީއޭ އިން އެ ފަހަރު 14 ދުވަސް އިއުލާނުކުރި ވަގުތު ކަމަށްވާ 28 ވަނަ ދުވަހުގެ ހަވީރު 4:07 އިން ފެށިގެން ބެލިޔަސް 11 ވަނަ ދުވަހުގެ މި ގަޑިއަށް ވަގުތު ހަމަވާނެ އެވެ.

އެކަމަކު ލޮކްޑައުންގެ މުއްދަތު އިތުރު ކުރީ އެރޭ ނުވައެއް ޖަހަން އުޅެނިކޮށެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ ލޮކްޑައުންގައި މި ދިޔަ ހުސްކަމުގެ ވަގުތުގެ ތެރޭގައި ވެސް އެތައް ބަޔަކު ހުއްދަ ނެތި ބޭރުގައި އުޅުނު ކަމަށް ބަލައި ހައްޔަރުކޮށް ކޯޓަށް ވެސް ހާޒިރުކޮށްފަ އެވެ.

މިދިޔަ އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފެށީ އެ ބަލީގެ މީހަކު މާލެ އިން ފެނުމުންނެވެ. އެ ދުވަހުން ފެށިގެން އެކި މުއްދަތަށް ސަރުކާރުން ވަނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވަރަށް ހަރުކަށިކޮށް ލޮކްޑައުންގެ ފިޔަވަޅުތައް އަޅައިފަ އެވެ.