Roadha Mihaaru
ކުރިން ދޫކުރި ރަށްތައް އަތުލެވޭ ގޮތަށް ހަދައިފި

ކުރިން ވަރުވާ އަށް ދޫކުރި ރަށްތައް ސަރުކާރަށް އަތުލެވޭ ގޮތަށް ހަދައިފި

19 އޮކްޓޯބަރ 2016

ފަޅު ރަށްތައް ދޫކުރުމާ ބެހޭގޮތުން ކުރިން އަމަލުކުރި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ފަޅު ރަށްތައް ސަރުކާރަށް އަތުލެވޭ ގޮތަށް ފަޅު ރަށްރަށާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަޅު ރަށްތައް ދޫކުރުމާ ބެހޭގޮތުން ކުރިން އަމަލުކުރި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ފަޅު ރަށްތައް ސަރުކާރަށް އަތުލެވޭ ގޮތަށް ފަޅު ރަށްރަށާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ފަޅު ރަށްރަށާ ބެހޭ ގަވާއިދު އޮންނަ ގޮތުން ވަރުވާއަށް ދޫކޮށްފައިވާ ފަޅު ރަށެއް ސަރުކާރަށް ނެގޭނީ ރަށް ދޫކުރި ޝަރުތަކާ ޚިލާފުވުމުން ނުވަތަ ދައުލަތުގެ ބޭނުމަކަށް ނުވަތަ ރާއްޖޭގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅަކަށްޓަކައި ނުވަތަ އެ ރަށް ދޫކޮށްފައިވާ ފަރާތުން އެދިގެން ނުވަތަ އެ ފަރާތް މަރުވުމުންނެވެ.

އެކަމަކު ގަވާއިދަށް މިއަދު ގެނެސް، އަމަލުކުރަން ފެށި އިސްލާހު ބުނާގޮތުން ފަޅު ރަށްތައް ދޫކުރުމާ ބެހޭގޮތުން ކުރިން އަމަލުކުރި ގަވާއިދުގެ ދަށުން ވަރުވާ އަށް ދޫކޮށްފައިވާ ރަށްތައް، އެ ގަވާއިދުގެ ދަށުން ދޫކުރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީ އަށް އަތުލެވިދާނެ އެވެ.

މިހާރު އަމަލުކުރާ ގަވާއިދު ބުނާގޮތުން ކުރީގެ ގަވާއިދުގެ ދަށުން ވަރުވާއަށް ދޫކުރި ރަށްތަކުގެ އެއްބަސްވުންތައް ދެމިއޮންނާނެ އެވެ. އެކަމަކު މިއަދު ގެނައި އިސްލާހުގެ ސަބަބުން އެއްބަސްވުމުގެ ޝަރުތަކާ ޚިލާފް ނުވިޔަސް އަދި ރަށް އަތުލަންޖެހޭ އެހެން ސަބަބެއް ނެތަސް އެފަދަ ރަށެއް އަތުލުމުގެ ބާރު ފިޝަރީޒް މިނިސްޓްރީ އަށް އޮންނާނެ އެވެ.

މީގެ އިތުރުން ޕާޓްނާޝިޕްތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި ކައުންސިލްތަކަށް ވެސް ފަޅު ރަށްތައް ވަރުވާ އަށް ދެވޭ ގޮތަށް ކަމަށް މިއަދު ގެނައި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. ކުރިން އޮންނަ ގޮތުން ވަރުވާ އަށް ރަށް ދޫކުރެވެނީ 18 އަހަރު ފުރިފައިވާ މީހުންނާއި ކުންފުނިތަކާއި ޖަމްއިއްޔާތަކަށް އެކަންޏެވެ.