Roadha Mihaaru
ލޭ ހަދިޔާކުރަން ބިރުގަންނާނެކަމެއް ނެތް

ލޭ ހަދިޔާކުރަން ބިރުގަންނާނެކަމެއް ނެތް

16 ޖޫން 2020

ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތަށްޓަކައި ފަރުދީ ގޮތުން އަދާކުރެވިދާނެ ވަރަށް ބޮޑު ޒިންމާއެކެވެ. ލޭ ބޭނުންވެފައިވާ މީހަކަށް ލޭ ހަދިޔާކުރުމަކީ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމެވެ. އެހެންވެ މިއީ ފަސްޖެހި، ބިރު ގަންނަން ޖެހޭ ކަމެއް ނޫނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޭ ހަދިޔާކުރުމަކީ އިންސާނިއްޔަތަށްޓަކައި ފަރުދީ ގޮތުން އަދާކުރެވިދާނެ ވަރަށް ބޮޑު ޒިންމާއެކެވެ. ލޭ ބޭނުންވެފައިވާ މީހަކަށް ލޭ ހަދިޔާކުރުމަކީ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމެވެ. އެހެންވެ މިއީ ފަސްޖެހި، ބިރު ގަންނަން ޖެހޭ ކަމެއް ނޫނެވެ.

ލޭ ހަދިޔާކުރާ މީހުންގެ ތެރޭގައި ގަވައިދުން އެކަން އަބަދު ވެސް ކުރާ މީހުންނާއި މަދުމަދުން ލޭ ދޭ މީހުން ވެސް ހިމެނެ އެވެ. އެކަމަކު ލޭ ހަދިޔާކުރުމަކީ ބައެއް މީހުން ޖެހިލުންވާ ކަމެކެވެ. އެހެން އެވަނީ ކަމާބެހޭ ގޮތުން ރަނގަޅު މައުލޫމާތު ވެސް އެކަށީގެންވާ ވަރަށް ލިބިފައިނުވާތީ އެވެ.

ލޭ ހަދިޔާކުރުމަކީ ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ދިމާވާނެ ކަމެއް ނޫނެވެ. ތިމާ އަކީ ސިއްހަތު ރަނގަޅު މީހެއް ނަމަ، ޑޮކްޓަރުން ދޭ އިރުޝާދުތަކާ އެކު، ކޮންމެ މީހަކަށް ވެސް ލޭ ހަދިޔާކުރެވިދާނެ އެވެ. ނަމަވެސް ލޭ ހަދިޔާކުރުމުގައި ބަލާ ހާއްސަ ކަންތައްތަކެއް ވެސް ހުރެ އެވެ. އެކަންކަން އެނގިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ.

* ލޭ ހަދިޔާކުރާ މީހާ އަކީ ލޭ ދެވޭ ފަދަ ސިއްހަތެއްހައި ހުރި މީހަކަށްވާން ޖެހޭ

* އުމުރުން 18 އަހަރުން މަތީގެ މީހަކަށްވުމާއި 65 އަހަރުންމަތީގެ މީހަކަށް ނުވުމުގެ އިތުރުން ބަރުދަން 45 ކިލޯގައި އަށް ވުރެ ދަށް ނުވުން

* މާބަނޑު މީހުންނާއި ގާތުންދޭ އަންހެނުންނަށް ލޭ ހަދިޔާނުކުރެވޭނެ

* ލޭ ހަދިޔާކުރާ މީހާގެ ހިމަގްލޮބިން އެންމެ ދަށްވެގެން ވެސް 12.5g/dL ގައި ހުރުން

* އެއިޑްސް އާއި ހެޕަޓައިޓިސް ފަދަ ގައިންގަޔަށް އަރާ ބަލިތައް ހުންނަ މީހުންނަށް ލޭ ހަދިޔާއެއްނުކުރެވޭނެ

* ލޭ ދެވޭނީ ކޮންމެ ތިން މަހަކުން

* ހުސްބަނޑާ ހުރެ ލޭ ހަދިޔާއެއް ނުކުރެވޭނެ. ލޭ ހަދިޔާކުރުމުގެ ގޮތުން ޑޮކްޓަރުން ދޭ އިރުޝާދާ އެއްގޮތަށް ނާސްތާ ނަގަން ޖެހޭނެ

* ލޭ ހަދިޔާކުރާ އިރު ރަނގަޅަށް ހަމަ ނިދި ލިބިފައި ހުރުން މުހިއްމު. އަދި ލޭ ހަދިޔާކުރުމުގެ ކުރިން 2-3 ތަށި ފެން ބޯލުން ރަނގަޅު

* އެއްވެސް ކަހަލަ ބޭހެއް ބޭނުން ކުރާ ނަމަ ލޭ ހަދިޔާކުރުމުގެ ކުރިން އެކަމުގެ މައުލޫމާތު ޑޮކްޓަރުންނާ ހިއްސާކުރަން ޖެހޭ

* ލޭ ހަދިޔާކުރާތާ 24 ގަޑިއިރު ވަންދެން ބުރަ ކަސްރަތެއްކޮށްގެން ނުވާނެ

ލޭ ހަދިޔާކުރުމަކީ މީހާ އަށް ނަފުސާނީ ގޮތުން ވެސް ހިތްހަމަޖެހުން ލިބުމުގެ އިތުރުން ޖިސްމާނީގޮތުން ވެސް ދުޅަހެޔޮކޮށްދޭން ބާރު އަޅާކަމެކެވެ.

ލޭ ހަދިޔާކުރުމުގެ މުހިއްމުކަން ދައްކުވައިދޭ އެއް ކަމަކީ އެކަމަށް ހާއްސަ ދުވަހެއް ވެސް ދުނިޔޭގައި ފާހަގަކުރަމުން ދިއުމެވެ. އެއީ ޖޫން މަހުގެ 14 ވަނަ ދުވަހެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރަމުން އަންނަނީ 2005 އިން ފެށިގެންނެވެ.