Roadha Mihaaru
ލޭ ހަދިޔާކުރުމުގައި 17އަހަރު، އިންސާނިއްޔަތުގެ ނަމޫނާ

ލޭ ހަދިޔާކުރުމުގައި 17 އަހަރު، އިންސާނިއްޔަތުގެ ނަމޫނާ

23 އެޕްރީލް 2021

މީގެ 17 އަހަރު ކުރިން އެންމެ ފުރަތަމަ ލޭ ހަދިޔާކުރިއިރު އޭގައި ވާނުވާއެއް އިބްރާހިމް ރަޝީދު (އިިއްބެ) އަކަށް މާ ރަނގަޅަކަށް ނޭނގެ އެވެ. އެކަމާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެމުން ދިޔަ އެވެ؛ ލޭ ދޭ މީހުން ފަލަވާ ކަމާއި ސިއްހީ ގޮތުން އެކި މައްސަލަތައް ކުރިމަތިވާ ވާހަކަ އެވެ. އެކަމަކު އިންސާނިއްޔަތަށް ހިދުމަތްކުރުމުގައި ހުރި ވަރުގަދަ އަޒުމުގައި، އޭރު ޣިޔާސުއްދީން ސްކޫލުގެ ޓީޗަރަކަށް އުޅެމުން އިއްބެ ލޭ ހަދިޔާކުރީ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މީގެ 17 އަހަރު ކުރިން އެންމެ ފުރަތަމަ ލޭ ހަދިޔާކުރިއިރު އޭގައި ވާނުވާއެއް އިބްރާހިމް ރަޝީދު (އިިއްބެ) އަކަށް މާ ރަނގަޅަކަށް ނޭނގެ އެވެ. އެކަމާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެމުން ދިޔަ އެވެ؛ ލޭ ދޭ މީހުން ފަލަވާ ކަމާއި ސިއްހީ ގޮތުން އެކި މައްސަލަތައް ކުރިމަތިވާ ވާހަކަ އެވެ. އެކަމަކު އިންސާނިއްޔަތަށް ހިދުމަތްކުރުމުގައި ހުރި ވަރުގަދަ އަޒުމުގައި، އޭރު ޣިޔާސުއްދީން ސްކޫލުގެ ޓީޗަރަކަށް އުޅެމުން އިއްބެ ލޭ ހަދިޔާކުރީ އެވެ.

ފުރަތަމަ ތަޖުރިބާ މިހާރު މާ ބޮޑަށް ހަނދާނަކު ނެތެވެ. ނަމަވެސް އިއްބެ ބުނާގޮތުން އޭނާ އޭރު ހުރީ 50 ކިލޯ ހަމަވެ ލޭ ދެވޭތީ ވަރަށް ބޮޑަށް އުފާވެފަ އެވެ.

ތެލެސީމިއާ ދުވަހާ ގުޅިގެން ސްކޫލުން ބޭއްވި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމުގައި ފުރަތަމަ ދެ ތިން އަހަރު އޭނާއަށް ބައިވެރިވެވޭ ގޮތެއް ނުވި އެވެ. އެހެންވެ ދޭތެރެއަކުން ޓެސްޓުކުރަމުން ދަނިކޮށް ބަރުދަން ހަމަވެފައިވާކަން އެނގުމުން 2004 ވަނަ އަހަރު، ހަޔާތުގައި ފުރަތަމަ ފަހަރަށް ލޭ ހަދިޔާކުރި އެވެ.

"އެ ޕްރޮގްރާމުގައި ބައިވެރިވެ ކޮންމެ ފަހަރަކު ވެސް ލޭ ހަދިޔާކުރަން ބަރުދަން ބަލާއިރު ބުނަނީ ލުއިކަމަށް. އޭގެ ފަހުން ވެސް ބަރުދަން ބަލަމުން ބަލަމުން ދިޔައީ. ދެން، އޭގެ ދެ އަހަރު ފަހުން 50 ކިލޯ ހަމަވެގެން އެންމެ ފުރަަތަމަ ލޭ ހަދިޔާކުރީ ވެސް ތެލެސީމިއާ ސެންޓަރުގައި ބޭއްވި ކޭމްޕެއްގައި،" ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓުގައި، ޓްރެއިނިން ކޯޑިނޭޓަރުގެ މަގާމުގައި ހުރި އިއްބެ ބުންޏެވެ.

އޭގެ ފަހުން މިދިޔަ ހަފުތާގެ ކުރީކޮޅު ހަދިޔާކުރި ބުރާއެކު މިހާތަނަށް 40 ފަހަރު ލޭ ދީފައި ވެ އެވެ.

ފުރާނަ ސަލާމަތްކޮށްދެވުމުގެ އުފާ ވަރަށް ބޮޑު

"ރަނގަޅު ސިއްހަތެއްގައި ހުންނަ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް ގޮތަށް ދެކެންވީ އެ ލޭ ބޭނުންވާ މީހާ، ތިމާއަށް ވެސް އެކަހަލަ ހާލަތަކަށް ހިނގައިދާނެ ކޮންމެ ދުވަހަކު ވެސް. ދިޔައީމަ އިހުސާސްކުރެވޭނީ ލޭފޮދެއް ނުލިބިގެން އުޅޭ ވަގުތުގައި ކިހާ މުހިއްމު ކަމެއްކަން މިކަން ކުރުމަކީ. އަމިއްލައަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައި ހުރި މީހަކަށް މާ ބޮޑު ތަކުލީފަކާ ނުލައި ވަރަށް ބޮޑު އެހީތެރިކަމެއް މި ދެވުނީ."

"ލޭ ހަދިޔާކުރުމުން މީހެއްގެ ފުރާނަ ސަލާމަތްކޮށްދެވުމުގެ އިހުސާސް ކުރެވޭ،" އިއްބެ ބުންޏެވެ.

އިއްބެ ލޭ ހަދިޔާކުރަނީ.--

އިއްބެ ލޭ ހަދިޔާކުރަނީ.--

އޭނާ ބުނީ ކުއްލިއަކަށް ކުރާ ބޮޑު އޮޕަރޭޝަނަކަށް ގިނަ އަދަދެއްގެ ލޭ ހޯދަން ބައެއް ފަހަރު ނުނިދާ ވެސް ތިބެންޖެހޭ ކަމަށެވެ. އެކަން ބަލައިގަނެ އެ ލޭ ލިބުނު އާއިލާއިން ޝުކުރު އަދާކުރުމުން ކަމުގެ މުހިއްމުކަން ވަރަށް ރަނގަޅަށް އިހުސާސްކުރެވޭކަމަށް ބުންޏެވެ. އެއާއެކު ދެން ހިއްސާކުރީ އިއްބެ ކުރި އުފާވެރި އަދި ހިތްދަތި ތަޖުރިބާއެކެވެ.

"އެއްފަހަރަކު ހިތުގެ 12 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނަކަށް ހަ ޑޯނަރުން ބޭނުންވެގެން ވަރަށް މަސައްކަތްކުރިން. ސޯޝަލް މީޑިއާގައި ޖަހައިގެން ވަރަށް ލަސްވި ފަހުން މީހުން ހަމަވީ. އޭގެ ފަހުން ވެސް އިތުރަށް މީހުން ގުޅި. އެހެންވެ، އެ ހުރިހާ ނަމްބަރުތަކެއް ރިޒާވްގައި ބެހެއްޓީ ބޭނުން ޖެހިދާނެ ކަމަށް. އެ އާއިލާއިން ވަރަށް ހިތްހަމަޖެހިފައި ތިބީ، ވަރަށް ބޮޑަށް ޝުކުރު އަދާކުރި." އެޑިއުކޭޝަން ލީޑަޝިޕުން މާސްޓާސް ހާސިލްކޮށްފައިވާ އިއްބެ ބުންޏެވެ.

"އަނެއްކާ އޭގެ ދެ ދުވަސް ފަހުން ހަމަ އޯޕަން ހާޓް ސާޖަރީއަކަށް ކުޑަ ކުއްޖަކަށް ހަތަރު ޑޯނާސް ބޭނުންވެގެން ގުޅި. ކުރިން ރިޒާވްކުރި ޑޯނާސްތައް ފޮނުވާލީ އެ ކުއްޖާ އަށް. ސާޖަރީކޮށް ނިންމާފައި ޖެހިގެން އައި ދުވަހު އެ ކުއްޖާ ނިޔާވިކަން ފަހުން އެނގުނު. އެގޮތަށް އެބަހުރި ވަރަށް އުފާވެރި ކަންކަމާއި ދެރަވާ ކަންކަން ތަޖުރިބާ ކުރެވިފައި."

ލޭ ހަދިޔާކުރުމަށް ވުރެ އިއްބެގެ އެހީ ގިނައިން ލިބިފައިވާނީ ލޭ ދޭނެ މީހުން ހޯދުމުގަ އެވެ. މިހާތަނަށް އެތައް ސަތޭކަ މީހުންނަށް ލޭ ހޯދައިދެވިފައި ވެ އެވެ. އެކަމުގައި ވެސް އޭނާއަށް ކުރެވެނީ އަމިއްލައަށް ލޭ ހަދިޔާކުރިކަމުގެ އިހުސާސެވެ. އެ އުފަލެވެ.

ހާލު ވަރަށް ބަރާބަރު، އަވަހަށް ލޭ ހަދިޔާކުރޭ!

ލޭ ހަދިޔާކުރަން ބައެއް މީހުން ފަސްޖެހޭ އެންމެ ބޮޑު ސަބަބަކީ ލޭ ހަދިޔާކުރުމަށްފަހު ދެން ވާނެ ގޮތެއް ނޭނގޭތީ އެވެ. ހަށިގަނޑަށް ނުވަތަ ސިއްހަތެއް ނުރަނގަޅު ބަދަލެއް އަތުވެދާނެތީ އެވެ.

އުމުރުގެ ބޮޑު ބައެއް ލޭ ހަދިޔާކުރުމުގައި ހޭދަކޮށް އަދި ނޭޝަނަލް ބްލަޑް ޑޮނާސްގެ ވޮލެންޓިއަރެއްގެ ގޮތުގައި ފާއިތުވި 11 އަހަރު މަސައްކަތް ކޮށް މިހާރު އެ ޖަމިއްޔާ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރާ އިއްބެ ކޮންމެ ތިން މަހަކުން ލޭ ހަދިޔާކުރެ އެވެ. އޭނާގެ ސިއްހަތު ވެސް ރަނގަޅެވެ.

ލޭ ހަދިޔާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މުއްދަތަކީ ތިން މަހެވެ. އެ ދުވަސް ހަމަވުމުން، ހަދަންޖެހޭ ޓެސްޓުތަކުން ފާސްވެއްޖެނަމަ ލޭ ހަދިޔާކުރަންވީ އެވެ. ތިން މަސް ހަމަވުމުން ކޮންމެ ފަހަރަކު ބްލަޑް ބޭންކަށް ދިއުމުގެ ބަދަލުގައި އިއްބެ ގިނައިން ލޭ ހަދިޔާކުރަނީ، ލޭ ހޯދަން އެދިފައި ހުންނަ ނަމްބަރުތަކަށް އަމިއްލައަށް ގުޅައިގެންނެވެ.

އިއްބެ، "މިހާރު" އަށް އިއްޔެ އިންޓަވިއު ދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އިއްބެ، "މިހާރު" އަށް އިއްޔެ އިންޓަވިއު ދެނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އޭނާ ބުނީ ލޭ ހަދިޔާކުރަން ބޭނުންވާތީ އަމިއްލަ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދެވޭ ކަމަށެވެ. ރަނގަޅަށް ނިދުމާއެކު ކެއުންބުއިމުގައި ލެއާއި ހަށިގަނޑަށް ރަނގަޅު ބާވަތްތައް ބޭނުންކުރެ އެވެ.

"ލޭ ދޭތީވެ ފަލަވުން ކަހަލަ ކަމެއް އަދި ނުވޭ ގައިމު ވެސް. ހަށިގަނޑު ހުންނަނީ އަބަދު ވެސް އެ ހުންނަ އެވްރެޖުގައި... ގާތްގަނޑަކަށް އުމުރުން 18 އަހަރުގައި ލޭ ދޭން މަސައްކަތްކޮށްފައި، ގާތްގަނޑަކަށް ވިއްސަކަށް އަހަރުވި ފަހުން ލޭ ދޭން ފެށުނީ. އޭރުއްސުރެ ލޭ ދީފައި، މިހާރު 38 އަހަރު މި ވީ، އަދި ނެތް އިރާދަކުރެއްވިއްޔާ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭން ޖެހިފައެއް. އެހެންވީމަ ސިއްހަތު ރަނގަޅޭ ދޯ ބުނެވޭނީ،" އޭނާ ބުންޏެވެ.

"ބޮޑު ބައްޔެއްވެ އެ ކަހަލަ ކަމެއް ވެފައެއް ނެތް އަދި ދުވަހަކު ވެސް. އަސްލު އޭގެ ބަދަލުގައި ލޭ ދީގެން ވަރަށް ގިނަ ފައިދާތަކެއް އެބަހުރި. ކޮންމެ ތިން މަހަކުން ލޭ ހަދިޔާކުރާ ކޮންމެ ފަހަރަކު ތިމާގެ ސިއްހަތު އެބަ އަސްލު ޗެކަޕެއް މި ހަދައިލެވެނީ. ބޮޑެތި ބައްޔެއް ހުރިތޯ އެބަ ޗެކްކުރެވޭ. ބީޕީއާ އެޗްބީއާ ހުންނަންވާ ލެވެލްގައިތޯ ހުރީ، އެ އެއްޗެހި ބަލައިލެވޭ އެބަ. އަމިއްލައަށް އެ އެއްޗެހި ބަލައި މޮނީޓާކޮށް ބެލެހެއްޓޭ ލޭ ހަދިޔާކުރުމުގެ ސަބަބުން. އަސްލު ބުނަންޏާ ސިއްހީ ގޮތުން ވެސް ފައިދާ."

ތިން މަސް ހަމަވުމުން ލޭ ދޭން ޓެސްޓުކުރިއިރު އެޗްބީ ހަމަނުވުމުގެ މައްސަލައެއް މީގެ ކުރިން ދިމާވި އެވެ. ބޭހެއް ބޭނުންކުރުމެއް ނެތި އެބައި ހަމަަކަށް އަޅުވާލީ ކާ އެއްޗެހީގެ ތެރެއިންނެވެ. އެހެން ނޫނީ އިތުރު އެއްވެސް މައްސަލައެއް ދިމައެއް ނުވެ އެވެ.

ލޭ ހަދިޔާކޮށްފައި ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ބޭނުމަކީ ވެސް އެހެން މީހުން އެ މަގުން ކުރިއަށް ދިއުމުގެ ހިތްވަރު ދިނުމެވެ. އޭނާ ހިއްސާކުރި ފޮޓޯތަކާއެކު، ލޭ ހަދިޔާކުރަން ބިރުގަންނަ ކަމަށް ބައެއް ޒުވާނުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އިތުރު ހިތްވަރާއެކު އެންމެ ފަހުން ލޭ ހަދިޔާކުރި އެވެ.

"އެ ކަހަލަ ކުދިންނަށް ބުނެލަން ބޭނުންވަނީ ނުކުރާ ވަރުގެ ކަމެއް ނޫނޭ އެއީ، އޭގެ ބަދަލުގައި ކޮންމެ މީހަކަށް ވެސް ލޭ ބޭނުންވެގެން އެ ކަހަލަ ހާލަތެއް އައީމަ އިހުސާސްކުރެވޭނީ ކިހާ މުހިއްމު ކަމެއްކަން. ތިމާގެ ފަރުދީ ޒިންމާއަކަށް ހަދާލާށޭ، ކޮންމެ ކުއްޖަކު ވެސް ލޭ ހަދިޔާކުރުމަކީ އާދައަކަށް ހަދާލާށޭ ބުނެލަން ބޭނުންވަނީ."

އިއްބެ، 40 ވަނަ ފަހަރަށް މިދިޔަ ހަފުތާގައި ލޭ ހަދިޔާކުރަނީ؛--

އިއްބެ، 40 ވަނަ ފަހަރަށް މިދިޔަ ހަފުތާގައި ލޭ ހަދިޔާކުރަނީ؛--

ހާލަތަށް ބަދަލެއް، ސަރުކާރުގެ އެހީ މުހިއްމު

އިއްބެ ބުނީ އޭނާ އެންމެ ފުރަތަމަ ލޭ ދޭން ފެށި އިރާ އަޅާބަލާއިރު މިހާރު މީހުން ވަރަށް ހޭލުންތެރި ކަމަށެވެ. އެކަމަކު އަދި ވެސް އެންމެ ބޭނުންވާ ވަރަށް މީހުން ލޭ ހަދިޔާއެއް ނުކުރެ އެވެ.

މީގެ ކުރިން މަސައްކަތްކުރަމުން ދިޔައީ 2020 ވަނަ އަހަރު އަންނަން ވާއިރަށް ހުރިހާ ގައުމެއްގައި ވެސް، އެ ގައުމެއްގެ ރައްޔިތުން އަމިއްލައަށް އިސްނަގައި ލޭ ހަދިޔާކުރާނެ ފުރިހަމަ އާބާދީއަކަށް ހެދުމަށެވެ. ނަމަވެސް ރާއްޖޭގައި އެކަން ފުރިހަމަކުރަން ހުރަސްތަކެއް އެބަހުއްޓެވެ.

ރަށްރަށުގައި ލޭ ރައްކާކުރެވޭނެ ގޮތެއް ނޯންނައިރު ސަރަހައްދީ ހޮސްޕިޓަލުތަކުގައި ހުރީ ފަސް ޕެކް ރައްކާކުރާނެ ޖާގަ އެވެ. އޭގެ އިތުރުން ރަށްތައް ބެހިފައިވާ ގޮތުން ވެސް ގޮންޖެހުންތައް ދިމާވެ އެވެ.

"ލޭ ހަދިޔާކުރުމުގެ ބޮޑު ބައެއް ރިސޯޓުތަކުން ވެސް ހިއްސާކުރޭ. އެކަމަކު އެ މުއްދަތު ހަމަވާއިރަށް އަނެއްކާ ވެސް ލޭ ހަދިޔާކުރަން މާލެ ދިއުމަކީ ފަސޭހަކަމެއް ނޫން. އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަށް 100 ޕަސެންޓް ހެދުމަކީ އެއީ ގޮންޖެހުމެއް،"

އޭނާ ދެކޭގޮތުގައި 18 އަހަރު ވުމުން ލޭ ހަދިޔާކުރެވޭކަން ސްކޫލުތަކުގައި ވެސް ކިޔައިދޭން ޖެހެ އެވެ. އަދި އެކަމަށް ޒުވާނުން ހޭލުންތެރިކުރުވަންޖެހޭ ކަމަށް ބުންޏެވެ. އޭރުން، އަމިއްލައަށް އިސްވެ ލޭ ހަދިޔާކުރުމުގެ ކަންކަމަށް ކުޑަވަރެއްގެ ލުއެއް އަންނާނެ ކަމަށް ބެލެވެ އެވެ.

"ކުރިއަށް ވުރެ އަސްލު މީހުން ހޭލުންތެރި. މިސާލަކަށް ލޮކްޑައުންގައި، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ވަރަށް ލޭ ހޯދުމަށްޓަކައި ޝެޑިއުލެއް ހަދައިގެން ބްލަޑް ބޭންކް ބަންދުނުކޮށް ލޭ ހޯދަން ވަރަށް ބޮޑަށް ޕްރޮމޯޓްކުރި ގަޑީގައި އެކިއެކި މުއައްސަސާތަކާއި ޖަމިއްޔާތަކުން ގުޅިގެން ކުރި މަަސައްކަތުން ވަރަށް ގިނަ ޑޯނާސް ލިބުނު. އަލަށް ޑޮނޭޓްކުރަން މި ގޮތަށް ޕާމިޝަން ނަގައިގެން ދިޔަ މީހުން ފާހަގަވި،" އިއްބެ ބުންޏެވެ.

ލޭ ހަދިޔާކުރާ މީހުން ޓްރެކްކުރެވޭނެ އެއްވެސް ގޮތެއް ރާއްޖެއަކު ނޯވެ އެވެ. އޭނާ ބުނީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެފައި ލޭ ދިނަސް އެނގެން ޖެހޭނެ ކަމަށެވެ. އެ މައުލޫމާތުތައް ލިބޭނެ ޕޯޓަލެއް ހަދަން ބްލަޑް ޑޮނާސް އިން ވެސް މަސައްކަތްކުރި އެވެ.

އޭނާ ބުނީ އެއީ ސަރުކާރުން ކުރަން އުޅެފިނަމަ ވަރަށް ފަސޭހައިން ހާސިލްވާނެ ކަމެއް ކަމަށެވެ. އަދި ސަރުކާރުން އިސްނަގައިގެން ޖަމިއްޔާތަކާ ގުޅިގެން މިހާރު ދިމާވާ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް ވެސް ދެކެ އެވެ.