Roadha Mihaaru
މަޖިލިސް ކުރިމަތީގައި ހޯމަ ދުވަހު މުޒާހަރާ ކުރަނީ

މަޖިލީހުގެ އިދާރާ ކުރިމަތީގައި ހޯމަ ދުވަހު މުޒާހަރާ ކުރަނީ

16 ޖޫން 2020

އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި މުޒާހަރާ ކުރަން ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި" އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި މުޒާހަރާ ކުރަން ސިޔާސީ ހަރަކާތް ހިންގާ "ނަވާނަވައި" އިން ނިންމައިފި އެވެ.

ނަވާނަވައި އަކީ ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރަން މަސައްކަތް ކުރާ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެކެވެ.

ނަވާނަވައިގެ ސްޕޯކްސްޕާސަން ފާތިމަތު ޝާއިރާ ވިދާޅުވީ މަޖިލީހުގެ އިދާރާ ކައިރީގައި މުޒާހަރާ ކުރަން ނިންމީ އާންމުންގެ މާލީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި ވެސް މާލީ އެހީ އާންމުންނަށް ފޯރުކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވި އަދި ކުލި ކޮންޓްރޯލް ކުރުމާއި ތިމާވެށި ހިމާޔަތްކުރަން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭތީ ކަމަށެވެ. މުޒާހަރާ ކުރިއަށް ގެންދާއިރު، އެ ހަރަކާތުގައި ބައިވެރިވާ މީހުން ރައްކާތެރިކަމުގެ ގޮތުން މާސްކް އަޅަން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އޮގަނައިޒަރުންގެ ބައްދަލުވުމެއް އޮންލައިންކޮށް، މާދަމާ ރޭ ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

ނަވާނަވައިގެ ޓްވީޓް

ނަވާނަވައި އިން މީގެ ކުރިން ވަނީ މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރަން ގޮވާލައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ ކުރިމަތީގައި ވެސް މުޒާހަރާ ކޮށްފަ އެވެ. އޭރު އެ މުޒާހަރާކުރީ ސަރުކާރު ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުމަކަށް ފަހު ޖެން ހޮޓެލް ބޭރުގައި ރައީސާއި ލީޑަރުން ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނިކޮށެވެ.