Roadha Mihaaru
ގިނަ ބަޔަކު ބޭރުގައި! ޑރ. އަލީ ލަތީފުގެ އިންޒާރެއް

ގިނަ ބަޔަކު ބޭރުގައި! އަލުން ލޮކްޑައުންއަކަށް ދާން ޖެހިދާނެ!

20 ޖޫން 2020

ލޮކްޑައުން ލުއިކުރުމާ އެކު އާންމުންގެ ފަރާތުން ފެންނަ މަންޒަރުތަކާ މެދު، ޓެގް ޓީމުގެ އިސް ލީޑަރު ޑރ. އަލީ ލަތީފު ހިތްހަމަޖެހިވަޑައިނުގެން، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ ނަތީޖާއެއް ފެނިދާނެކަމުގެ އިންޒާރު ދެއްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ލޮކްޑައުން ލުއިކުރުމާ އެކު އާންމުންގެ ފަރާތުން ފެންނަ މަންޒަރުތަކާ މެދު، ޓެގް ޓީމުގެ އިސް ލީޑަރު ޑރ. އަލީ ލަތީފު ހިތްހަމަޖެހިވަޑައިނުގެން، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ ނަތީޖާއެއް ފެނިދާނެކަމުގެ އިންޒާރު ދެއްވައިފި އެވެ.

އެޗުޕީއޭ އިން އާންމުކުރި ވީޑިއޯއެއްގައި ޑރ. އަލީ ލަތީފް ވިދާޅުވީ މާލެ އިން މިހާރު ފެންނަނީ މަގުތަކަށް ވަރަށް ގިނަ މީހުން އެއްވާ ތަން ކަމަށެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއް

"މީގެ ސަބަބުން ކޮވިޑް-19 ފެތުރުމަކީ ވަރަށް ގާތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

ދެން އޭނާ އާންމުންނަށް ހަނދާންކޮށްދެއްވީ، ލޮކްޑައުންއަށް ލުއިދިނުމުގެ ކުރިން ވެސް ތަޖުރިބާރުން ދެމުން އަންނަ އިންޒާރެވެ.

އެވަރަށް "ފެތުރިއްޖެއްޔާ އަޅުގަނޑުމެންނަށް ޖެހިދާނެ މާލެ އަނެއްކާވެސް ލޮކްޑައުންކުރަން،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

އެކަމުން ދުރުވުމުގެ ފިޔަވަޅެއްގެ ގޮތުން އޭނާ އާންމުންގެ ކިބައިން އެދިވަޑައިގަތީ "ކޮންމެހެން މަޖުބޫރުވެގެން ނޫނިއްޔާ ބޭރަށް ނުކުމެވަޑައިނުގަތުމަށެ"ވެ.

"ގޭގައި މަޑުކުރައްވާ،" އާންމުންނަށް އޭނާ ވިދާޅުވި އެވެ.

ދެ މަސް ދުވަހުގެ ބަންދަށް ފަހު މި މަހު 15 ގައި ލުއި ދިންތާ މިއަދަށް ހަފުތާއެއް ވީ އެވެ. އެކަމަކު އާންމުންގެ އަމަލްތަކާ ހެދި ކޮވިޑް-19 ބޮޑަށް ފެތުރޭކަން މުޅިން ކަށަވަރުވާނީ ދެ ހަފުތާއެއްހާ ދުވަހުގެ ހިސާބުތަކުން ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ. މި ހަފުތާއަށް ފަހު އެކަން ބަލައި، އެ ހާލަތު ގޯސްވާކަމުގެ ނިޝާންތަކެއް ފެނިއްޖެ ނަމަ ލުއިތައް އަނބުރާ ގެންގޮސް، ލޮކްޑައުން ދަމަހައްޓަން ޖެހިދާނެ ކަމަށް، މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޑޮކްޓަރުން ވިދާޅުވި އެވެ.

ލޮކްޑައުން ލުއިކޮށްލުމާ އެކު، މި ބަލި ޖެހިފައިވާ މީހުންނާ ގުޅުމެއް ނެތް މީހުން މި ބައްޔަށް ޕޮޒިޓިވްވަމުން ދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. މި ބައްޔަށް ޖުމްލަ 2،175 މީހަކު ޕޮޒިޓިވްވެފައިވާ އިރު 1،769 މީހަކު ވަނީ ރަނގަޅުވެފަ އެވެ.