Roadha Mihaaru
މާލޭގެ ހާލަތު އަދި ރަނގަޅު، އެކަމަކު ކަންބޮޑުވޭ:ޓެގު

މާލޭގެ ހާލަތު އަދި ރަނގަޅު، އެކަމަކު ކަންބޮޑުވުން އެބަ އޮތް: ޓެގް

12 ޖުލައި 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލުވާ މިންވަރު ބަލާ މިންގަނޑުތަކުން މާލޭގެ ހާލަތު އަދި ރަނގަޅު ކަމަށާއި ނަމަވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލުވާ މިންވަރު ބަލާ މިންގަނޑުތަކުން މާލޭގެ ހާލަތު އަދި ރަނގަޅު ކަމަށާއި ނަމަވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން މިރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި މީޑިއާ ބްރީފިންގައި ޓެގުގައި ހިމެނިވަޑައިގަންނަވާ ސީނިއާ ޑރ. އަލީ އަބްދުﷲ ލަތީފް ވިދާޅުވީ ހާލަތު ގޯސްވޭތޯ ނުވަތަ ނޫންތޯ ބަލަނީ މައިގަނޑު ފަސް ކަމަކަށް ބަލައިގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާލަތު ވަޒަންކުރަން ބަލާ ފުރަތަމަ ކަމަކީ ފްލޫ ކްލިނިކްތަކަށް ދައްްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދެެވެ. ދެ ވަނަ އަށް ބަލާ ކަމަކީ ބަލީގައި މަރުވާ މީހުންގެ އަދަދެވެ. ތިން ވަނަ ކަމަކީ ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ ދެ ގުނަވާން ހޭދަވާ މުއްދަތެވެ. ހަތަރު ވަނަ ކަމަކީ ކްލަސްޓާ އަކާ ނުގުޅި ހުންނަ ކޭސްތައް އިތުރުވާ މިންވަރު ކަމަށާއި ފަސްވަނަ ކަމަކީ ހޮސްޕިޓަލްގައި މީހުން އެޑްމިޓްކުރާ އަދަދު ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

"މިސާލަކަށް ދަންނަވަންޏާ ހޮސްޕިޓަލްގެ ބެޑްތަކަށް ފުދޭ ވަރަކަށް މީހުން ގިނަވެގެން ގާތްގަނޑަކަށް 80 ޕަސެންޓާ ހިސާބަށް ގޮސްފިއްޔާ އޭގެ މާނައަކީ މާލެ ތެރޭގައި އެ ބަލި ވަރަށް ބޮޑަށް ފެތުރިގެން އަޅުގަނޑުމެން ލޮކްޑައުންއަކާ ހިސާބަށް ދާން ޖެހިދާނޭ،" އަލީ ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާލަތު ބަލާ މިންގަނޑުތަކުގައި ފިޔަވަޅުތައް ބަދަލުކުރާނެ ސްޓޭޖްތަކެއް ހުންނަ ކަމަށާއި އެއީ ތިން ސްޓޭޖެއް ކަމަށެވެ. ބަލަމުން އަންނަ ބައެއް ކަންތައްތައް އަދި ހުރީ ސްޓޭޖް އެކަކަށް ވުރެ ވެސް ދަށުގައި ކަމަށާއި އެކަމަކު ބައެއް ކަންތައްތައް ގޯސްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެފަދަ ކަމެއްގެ ގޮތުގައި ދެއްކެވީ ގުޅުމެއް ނެތް ކޭސްތައް ގިނަވަމުން ދިއުމެެވެ. ކްލަސްޓާއަކާ ގުޅުމެއް ނެތް ކޭސްތައް ގިނަވަންޏާ އޭގެ މާނައަކީ އާއްމުންގެ ތެރޭގައި ބަލި ފެތުރެމުން ދިއުން ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި އެ މިންގަނޑުތަކުން ބަލައި ކޮންމެ ހަފްތާއަކު ވެސް ހާލަތު ވަޒަން ކުރެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ މީޑިއާ ބްރީފިން އެއްގައި ވާހަކަ ދައްކަވަނީ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ މީޑިއާ ބްރީފިން އެއްގައި ވާހަކަ ދައްކަވަނީ.

ހާލަތު ގޯސްވާ ނަމަ އަޅަން ޖެހިދާނެ ފިޔަވަޅުތަކަކީ އަލީ ލަތީފް ވިދާޅުވި ގޮތުގައި ފިހާރަތާއި ކެފޭ ރެސްޓޯރެންޓްތަކާއި އޮފީސްތައް ބަންދުކުރުމެވެ.

"އެކަމަކު މިވަގުތު އިރާދަފުޅުކުރެއްވިއްޔާ [ކަންތައްތައް]ހުރީ ރަނގަޅަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މިގޮތަށް ކޭސްތައް އިތުރުވެގެން ދާ ނަމަ ހަަމަ ގޯސްވެގެން ގޮސްދާނޭ،" އޭނާ ވިދާޅުވި އެވެ.

ފަރުވާ ކުޑަކުރާތަން އެބަ ފެނޭ

މިރޭގެ ބްރީފިންގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެ މީހުންގެ ކޮންޓެކްޓުންގެ މައުލޫމާތު ދިނުމުގައި ބައެއް މީހުން ފަރުވާކުޑަކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބައެއް މީހުންގެ ކޮންޓެކްޓް ޓްރޭސިންގައި އެ މީހުންނާ އެކީ އުޅޭ އާއިލާގެ މީހުންގެ މައުލޫމާތު ނުދޭ ކަމަށާއި ބައްދަލުވި މީހުންގެ މައުލޫމާތު ވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރު އެބަހުރި ވަރަށް ހައި ރިސްކް މީހުންނާ ދިމާވެފައި ތިބެފައި ވެސް އެ މައުލޫމާތު ނުދެއްވާ. ނޫނީ ބައެއް ކަހަލަ ހައިރިސްކް ތަންތަނަށް ވަޑައިގެންފައި ވެސް އެ މައުލޫމާތު ނުދެއްވާ ބޭފުޅުން. މިގޮތަށް އަމަލުކުރައްވަންޏާ ފުރަތަމަ ކަމަކީ އިތުރު ބަޔަކު ބައްޔަށް ހުށަހެޅުމަށް އަޅުގަނޑުމެންނަށް މި މަގުފަހިކުރެވެނީ،" ނަޒްލާ ވިދާޅުވި އެވެ.

ޑރ.އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންއަށް ލުއިދިނުމުން މަގުތަކުންނާއި އެހެން ތަންތަނުން ފެންނަ މަންޒަރުތަކުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި މަގުތަކުގައި ވެސް ހަރަކާތްތެރިވުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ ކޮޅުގައި އަޅުގަނޑުމެންނަށް ފެނުނު އިނގޭތޯ ވަރަށް ގިނަ ބޭފުޅުން މާސްކް އަޅުއްވައިގެން އުޅުއްވިތަން. އެެހެން ނަމަވެސް މިހާރު އެބަ ފެނޭ މާސްކް ނާޅާ އުޅޭތަން. އަދި މާސްކު އެޅިކަމުގައި ވިޔަސް މާސްކް އަަޅަންވާ ގޮތަށް ނާޅާތަން،" އަލީ ލަތީފް ވިދާޅުވި އެވެ.

ކެފޭ ރެސްޓޯރެންޓްތަކުގައި މީހުން ގިނަވާ މަންޒަރުވެސް ފެންނަ ކަމަށާއި ގައިދުރުކުރުމުގެ އުސޫލު އެއްގޮތަކަށް ވެސް ނުގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތަށް ކަންތައްތައް ކުރިއަށް ދާނަމަ އަނެއްކާވެސް ކޮވިޑް ފެތުރިގެން ދިއުމަކީ އޭނާ ވިދާޅުވި ގޮތުގައި އަދިވެސް އޮތް ބިރެކެވެ. ކުރިއާ އަޅާ ބަލާއިރު ކޭސްތައް މަދު ނަމަވެސް އަދިވެސް ފެތުރޭކަން އެބަ އެނގޭ ކަމަށާއި މިއަދުވެސް 47 މީހުން ޕޮޒިޓިވް ވި އިރު އޭގެ ތެރެއިން 43 މީހުންނަކީ ދިވެހިން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދެދުވަހު ފެނުނު ކޭސްތައް އިތުރުވުމާ އެކު އޭގެ ތެރޭގައި ދިވެހިން އިތުރުވެފައިވާތީ އަލީ ލަތީފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރާއްޖެއިން މިހައިތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަަދަދަކީ 2،664 އެވެ. އޭގެ ތެރެއިން 13 މީހަކު މަރުވި އިރު 2،268 މީހަކު ވަނީ ރަނގަޅު ވެފަ އެވެ. މިހާރު އެކްޓިވް ކޭސްގެ އަދަދަކީ 378 އެވެ.