Roadha Mihaaru
ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: މައުމޫން

ކޮވިޑް-19 ކޮންޓްރޯލްކުރަން ހަރުކަށި ފިޔަވަޅު އަޅަން މައުމޫން ގޮވާލައްވައިފި

06 ޖުލައި 2020

ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ރާއްޖޭގައި "ވަރަށް ބޮޑަށް އިތުރުވާތީ" ބަލި ކޮންޓްރޯލް ކުރުމަށް ކުރީގެ ހަރުކަށި ފިޔަވަޅުތައް އަލުން ގެނެސް ފުރިހަމަ އަށް ތަންފީޒުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ގޮވާލައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ރާއްޖޭގައި "ވަރަށް ބޮޑަށް އިތުރުވާތީ" ބަލި ކޮންޓްރޯލް ކުރުމަށް ކުރީގެ ހަރުކަށި ފިޔަވަޅުތައް އަލުން ގެނެސް ފުރިހަމަ އަށް ތަންފީޒުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ގޮވާލައްވައިފި އެވެ.

އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި، ކޮވިޑް-19 ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ވިދާޅުވެފައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާ ކަމަށް އަދި ނުބެލެވޭ ކަމަށާއި ކުރިން ވެސް ބައެއް ދުވަސްވަރު ކޭސްތައް ވަރަށް ގިނަވެފައި އަނެއްކާ މަދުވާ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ރައީސް، ކޮވިޑާ ދެކޮޅަށް އަލުން ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައްވައި ކުރެއްވި ޓްވީޓްގައި ރައީސް އޮފީހާއި އެޗްޕީއޭ ވެސް ޓެގް ކުރައްވާފައިވެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް، ހަރުކަށި ފިޔަވަޅުތަކާއެކު މާލެ ސަރަހަައްދު ލޮކްޑައުންކުރީ އޭޕްރީލް 15 ގަ އެވެ. ދެ މަސް ދުވަހަށް ފަހު މިިދިޔަ މަހުގެ 15 އިން ފެށިގެން އަންނަނީ އެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދެމުންނެވެ.

ލޮކްޑައުނަށް ލުއި ދިން ފަހުން އިއްޔެ އަކީ ދެ ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިދިޔަ މަހުގެ 20 ގައި އަލަށް 35 މީހުން ޕޮޒިޓިވްވިއިރު އިއްޔެ ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 32 ގަ އެވެ. އެޗްޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ފަދަ ބައްޔެއް ރާއްޖޭގައި ފެތުރޭއިރު ދުވާލަކަށް ފަންސާހަކަށް ކޭސް ފެނުމަކީ ގިނަ އަދަދެއް ނޫނެވެ.

ކޮވިޑް-19 ގައި މިހާތަނަށް 12 މީހަކު ވަނީ މަރުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް 2،469 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު 2,049 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެހެންވެ މިހާރު ތިބި ޕޮޒިޓިވް މީހުންގެ އަދަދަކީ 403 އެވެ.

ކޮވިޑް-19 ފެތުރުން އެއްކޮށް ނުހުއްޓުނު ކަމުގައި ވިޔަސް ރައްކާތެރިކަމާ އެކު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ އާ މަރުހަލާއެއް ފަށައިފަ އެވެ. އެ މަރުހަލާގައި ސްކޫލުތަކާއި ކެފޭ/ރެސްޓޯރެންޓުތަކާއި މިސްކިތްތައް ވެސް ހުޅުވާލާފައި ވެ އެވެ. އޭގެ ފަހުން، ތިން މަހަށް ފަހު ސަރުކާރުގެ އޮފީސްތައް ވެސް އިއްޔެ ހުޅުވާލާފައިވެ އެވެ.

ނިއު ނޯމަލްގެ އުސޫލުތަކަށް ފަރުވާކުޑަކޮށްފިނަމަ ޕީކެއް އަތުވެދާނެ ކަމަށް އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ.

"ކުޑަ ޕީކެއް އައިސް ދަށްވެފައި މިއޮތީ. ނިއު ނޯމަލްގައި އަމަލުކުރަން ޖެހޭ ކަންކަން ގިނަ މީހުންނަށް ދިގު މުއްދަތަކަށް ނުހިފެހެއްޓިއްޖިއްޔާ ހަމަ އަލުން ޕީކެއް އައުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.