Roadha Mihaaru
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ

ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ނުދިން މީހެއްގެ ޒާތީ މައުލޫމާތު އާއްމުކުރަނީ

19 އެޕްރީލް 2020

ކޮވިޑް-19 މާލޭގައި އެންމެ ފުރަތަމަ ފެތުރެން ފެށި ތިން ކްލަސްޓާގެ ތެރޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހަކު، އޭނާއާ ބައްދަލުވި މީހުން ސިއްރުކޮށް ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ނުދޭތީ އެ މީހާގެ ޒާތީ މައުލޫމާތު އާއްމުކުރަން ސަރުކާރުން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 މާލޭގައި އެންމެ ފުރަތަމަ ފެތުރެން ފެށި ތިން ކްލަސްޓާގެ ތެރޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހަކު، އޭނާއާ ބައްދަލުވި މީހުން ސިއްރުކޮށް ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ނުދޭތީ އެ މީހާގެ ޒާތީ މައުލޫމާތު އާއްމުކުރަން ސަރުކާރުން ނިންމައިފި އެވެ.

އެންއީއޯސީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރޭގައި ޕޮޒިޓިވްވި ކޭސް 35އާ ވެސް އޭނާ ގުޅުން ހުރި ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު މިހާތަނަށް ސައްހަ މައުލޫމާތު ކޮންޓެކްޓް ޓްރޭސިންގައި ފޯރުކޮށްދެމުން ނުދާ ކަމަށް ވިދާޅުވި އެވެ.

ބަލި ޖެހިދާނެ ކަމަށް ލަފާކުރެވޭ އެންމެން ހޯދަމުން އަންނަ އިރު ދިމާވި މީހުން ރަނގަޅަށް ކިޔައި ނުދިނުމަކީ ކޮންޓެކްޓް ޓްރޭސިން ޓީމުގެ މަސައްކަތަށް ވެސް ބޮޑު ގޮންޖެހުމެކެވެ. އެހެންވެ އޭނާ އަށް މިހާރު ވަނީ ޒާތީ މައުލޫމާތު އާއްމުކުރާނެ ކަމުގެ ފަހުގެ އިންޒާރު ދީފަ އެވެ.

ކޮވިޑް-19 އަށް ޚާއްސަ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ މައުލޫމާތު ނުދޭ މީހާގެ މައްސަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައި ކަމަށެވެ. މިރެއާ ހަމައަށް މައުލޫމާތު ނުދީފި ނަމަ، އޭނާގެ ޒާތީ މައުލޫމާތު މިރޭގެ ބްރީފިންގެ ކުރިން އާއްމުކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި 16 ބިދޭސީންނާ އެކު ރާއްޖޭގައި އެންމެ ގިނަ މީހުން މިއަދު ޕޮޒިޓިވް ވެފައިވާ އިރު އެންމެންނާ ވެސް ކުރީގެ ކޭސްއަކާ ގުޅުން ހުރި ކަމަށް ބެލެވެ އެވެ. ޕޮޒިޓިވްވި ބިދޭސީންގެ ތެރެއިން ބަންގްލަދޭޝްގެ 16 މީހުންނަކީ ލިލީ ސްޓޯރުގައި މަސައްކަތް ކުރާ މީހުންނެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، ކަމާ ބެހޭ އިދާރާތަކުގެ އެންގުންތަކަށް ކިޔަމަން ނުވާ މީހުންގެ ޒާތީ މައުލޫމާތު އާއްމުކުރެވޭ ގޮތަށް ރާއްޖޭގައި އަލަށް އުސޫލެއް ހަދައި މިހާރު އަންނަނީ އަމަލުކުރަމުންނެވެ. އެ އަށް އަމަލު ކުރަން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ.

މާލެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 31 އެވެ. އޭގެ ތެރެއިން 16 މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް/ އިންޑިއާގެ މީހުންނެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 51 އަށް އަރައިފަ އެވެ.