Roadha Mihaaru
ހުދު ތަށީގައި މާ ގިނައިން ކެވޭ

ހުދު ތަށީގައި މާ ގިނައިން ކެވޭ

22 ޖޫން 2020

ކާން ގެންގުޅޭ ތަށި ވެސް އަދި ބަދިގެ އަށް ބޭނުންވާ އެހެން އެއްޗެހި ވެސް ހުދު ކުލައިން ހޯދަން އިސްކަންދޭ މީހުން ގިނަ އެވެ. ފަހަރުގައި އެއީ ހުދު ކުލަ އާއި ސާފުތާހިރުކަމާ އޮތް ގުޅުމުގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާން ގެންގުޅޭ ތަށި ވެސް އަދި ބަދިގެ އަށް ބޭނުންވާ އެހެން އެއްޗެހި ވެސް ހުދު ކުލައިން ހޯދަން އިސްކަންދޭ މީހުން ގިނަ އެވެ. ފަހަރުގައި އެއީ ހުދު ކުލަ އާއި ސާފުތާހިރުކަމާ އޮތް ގުޅުމުގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ.

އެކަމަކު ދިރާސާއެއްގައި ބުނަނީ ސިއްހީ ނަޒަރަކުން ބަލާއިރު، ކާން ގެންގުޅޭ ތަށިތައް ރަނގަޅީ ހުދު ނޫން ކުލައެއްގައި ބޭނުންކުރުން ކަމަށެވެ. މިސާލަކަށް، ނޫ ނުވަތަ ރަތް ކުލަ ފަދަ ގަދަ ކުލަތަކެވެ. މީގެ ސަބަބެއް ކަމަށް ބުނަނީ ކާ ތަށީގެ ކުލަ އާއި ކެވޭ މިންވަރާ ގުޅުން ބޮޑުވުމެވެ.

މިކަމަށް ބާރުދެމުން ސްޕެއިންގެ ވެލެންސިއާ ޔުނިވަސިޓީން ހަދާފައިވާ ދިރާސާއެއްގައި ބުނީ ހުދު ކުލައިގެ ތަށީގައި ކާ ނަމަ ކެވޭ މިންވަރު އިތުރުވާ ކަމަށެވެ. އެކަމުގެ ސަބަބުން ކެއުން ކޮންޓްރޯލްކުރަން އުނދަގޫވުމާއި، ކެވޭ މިންވަރު މާ ބޮޑަށް އިތުރުވެ، ފަލަވުން ފަދަ މައްސަލތަައް ދިމާވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ ހިކެން ނުވަތަ ޑައިޓެއްގައި އުޅޭ ނަމަ ހުދު ކުލައިގެ ތަށި ދޫކޮށްލަން ޖެހެ އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކާން އެންމެ ރަނގަޅީ ގަދަ ކުލަތަކުގެ ތަށީގަ އެވެ. އެފަދަ ތަށިތަކުގައި ކެއުމުން ކާ އެއްޗެހިން ލާން ޖެހޭ އަސްލު ރަހަ އާއި ކާ އެއްޗެހީގެ މީރުކަން 13 ޕަސެންޓަށް އިތުރުވާ ކަމަށާއި ފަރުވާތެރިކަމާ އެކު ކެއުމަށް ދެވޭ ސަމާލުކަން ނުވަ ޕަސެންޓަށް އިތުރުވެ ފޮނި އެއްޗެހިން ދޭންވާ ފޮނި ރަހަ ހަތް ޕަސެންޓް އިތުރުވާ ކަމަށް ބުންޏެވެ.

ދިރާސާގައި ބުނި ގޮތުގައި ކާތަށީގެ ކުލަ އާއި ކެވޭ މިންވަރުން މީހާގެ ސިކުނޑި އަށް ފޮނުވައިދޭ މެސެޖްތައް ވަރަށް މުހިއްމު ދައުރެއް އަދާކުރެ އެވެ. ހުދު ތައްޓެއްގައި ކާ ނަމަ ދިމާވާ ގޮތަކީ ތައްޓަށް ވީހާ ވެސް ގިނައިން އެއްޗެހި އަޅަން ސިކުނޑި ސިގްނަލް ދިނުމެވެ. ސަބަބަކީ ޕޯޝަން ކުޑަކޮށްލާ ނަމަ ތަށީގެ އެއްޗެއް ނެތްކަމުގެ ނުރަނގަޅު ސިގްނަލް ދިނުމެވެ.

އެހެންވެ ކާން އެންމެ ރަނގަޅީ ނުލާއި ރަތް ކުލައިގެ ޝޭޑްތަކުގެ ކުލަތަކުގެ ތަށިތަކުގައި ކަމަށް ދިރާސާގައި ބުންޏެވެ. ނޫ ކުލައިގެ ތަށީގައި ކާ ނަމަ ކެވޭ މިންވަރު މަދުވެ، ބަނޑުފުރުމުގެ އިހުސާސް ސިކުނޑި އަށް ފޮނުވައިދިނުން އަވަސްވެ އެވެ. ރަތް ކުލައިގެ ތަށީގައި ކާ ނަމަ، އެ ކުލައިގެ ގޮތުން ވެސް ސިކުނޑި އަށް ދެން ހުއްޓާލާށޭ ބުނާ ކަހަލަ އިންޒާރުގެ މެސެޖް ފޯރުކޮށްދޭނެ އެވެ. އެހެންވެ ހާއްސަކޮށް ޖަންކްފުޑް ނުވަތަ ސިއްހަތަށް އެހާ ރަނގަޅު ނޫން ކެއުންތަކަށް އާދަވެފައި ހުރި ނަމަ، ކާން ހުދު ކުލައިގެ ތަށި ގެންގުޅުން ބުއްދިވެރިއެއް ނޫނެވެ.

ދިރާސާގައި ވަނީ ކެއުމާ ގުޅޭ އިތުރު މުހިއްމު އެހެން ކަމެއް ވެސް ފާހަގަކޮށްފަ އެވެ. އެއީ ޕެކްކޮށްފައި ހުންނަ ކާތަކެތި ޕެކްގައި ބަހައްޓައިގެން ކެއުމެވެ. އެގޮތުން އެފަދަ ތަކެތި ވެސް އެންމެ ރަނގަޅީ ތައްޓަކަށް އަޅައިގެން ކެއުން ކަމަށް ބުންޏެވެ. ޕެކްގައި ބަހައްޓައިގެން ކާ ނަމަ ދިމާވާނެ މައިގަނޑު މައްސަލަކީ ކެވޭ މިންވަރު ވަޒަން ނުކުރެވުމެވެ.

މީގެ އިތުރަށް ޖޫސް ފަދަ އެއްޗެހި ބޯން އެންމެ ރަނގަޅީ ހިމަކޮށް ދިގުކޮށް ހުންނަ ބިއްލޫރި ތަށީގައި ކަމަށް ދިރާސާގައި ބުންޏެވެ. އޭރުން ބޮވޭ މިންވަރު ވެސް ކޮންޓްރޯލްވުމަށް މަގުފަހިކޮށްދޭ ކަމަށް ދިރާސާގައި ބުންޏެވެ.