Roadha Mihaaru
އިންތިޚާބަށް ނުކުންނަން އެދެފި ނަމަ ވިސްނާނަން: ވަހީދު

ޕާޓީން އެދެފި ނަމަ ރިއާސީ އިންތިހާބުގައި ވާދަކުރަން ވިސްނާނަން: ވަހީދު

22 ޖޫން 2020

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ދީފި ނަމަ އެކަމާ ވިސްނަވާނެ ކަމަށް އެ ކޯލިޝަންގެ އެޑްވައިޒަރަކަށް މިރޭ ހަމަޖެއްސި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ދީފި ނަމަ އެކަމާ ވިސްނަވާނެ ކަމަށް އެ ކޯލިޝަންގެ އެޑްވައިޒަރަކަށް މިރޭ ހަމަޖެއްސި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ވެސް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓަކީ މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ކޯލިޝަނުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ޝަރުތު އެމަނިކުފާނގެ ފުރިހަމައެއް ނުވެ އެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ވަހީދު ހަމަޖެއްސިކަން އިއުލާނުކުރުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދަށް ތަކުރާރުކޮށް އަމާޒުވި ސުވާލަކީ ކުރިއަށް އޮތް ރިއާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ވިސްނުން ގެންގުޅުއްވަންތޯ އެވެ. ޖަވާބު ދެއްވަމުން ވަހީދު ވިދާޅުވީ އެކަމާ ވިސްނަން އަދި މާ އަވަސް ކަމަށާއި ނަމަވެސް އެ ފުރުސަތު އެ ޕާޓީން ދީފި ނަމަ ވިސްނަވާނެ ކަމަށެވެ.

"ހުރިހާ އެންމެނަށް ވެސް އެ [ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ] ފުރުސަތު އެބަ އޮތް މި ޕާޓީގައި. އަޅުގަނޑު މިދަންނަވަނީ ތެދަށް އަޅުގަނޑު ސީރިއަސްކަމާއެކު އެކަމަކަށް ނުވިސްނަން. ހަގީގަތުގައި އަޅުގަނޑު ވަރަށް އުފަލުން މިހާރު މިހުރީ. އަޅުގަނޑަށް އިތުރަށް އުފަލެއް ލިބޭކަށް ކޮންމެހެން އެކަން ވާކަށް ނުޖެހޭ. އަނެއްކާ ކޮންމެ ހާލެއްގައި ނަމަވެސް އަޅުގަނޑަށް ރިއާސަތުގައި ވެސް ހުރެއްޖައިން. އެ ތަޖުރިބާ ވެސް ލިބިއްޖެ. އެހެންވީމަ އެއީ އެހާ ބޮޑު ކަމެއް ނޫން އަޅުގަނޑަކަށް. އެހެން ނަމަވެސް ޕާޓީން އެގޮތަށް އެދިވަޑައިގެންފިއްޔާ އަޅުގަނޑު އެކަމާ ދޭތެރޭ ނުވިސްނާނެ ވާހަކައެއް ނުދަންނަވަން،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އެޑްވައިޒަރެއްގެ ފުރުސަތު ލިބިވަޑައިގަތީ ގައުމަށް ހިދުމަތް ކުރައްވަން ބޭނުންވެފައި ހުންނަވަނިކޮށް ކަމަށެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިިގަތީ ގައުމީ މަސައްކަތްތަކެއް ކުރައްވަން ކަމަށާއި އަމިއްލަ އެއްވެސް ބޭނުންފުޅެއް ނެތް ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު އެޑްވައިޒަރަކަށް ހަމަޖެއްސުމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ހަފްލާ: ވަހީދު ވިދާޅުވީ ޕީޕީއެމަކީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހައްދަވާނެ ކަމަށް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ވަހީދު އެޑްވައިޒަރަކަށް ހަމަޖެއްސުމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ހަފްލާ: ވަހީދު ވިދާޅުވީ ޕީޕީއެމަކީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހައްދަވާނެ ކަމަށް-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ވޭތުވެދިޔަ ހަތް އަހަރު އަޅުގަނޑު އުޅުނު ގޮތަށް ދެން ވެސް އުޅެވޭނެ. އެކަމަކު އަޅުގަނޑު ބޭނުން ވަނީ އަޅުގަނޑުގެ އުމުރުން ވެސް ދުވަސްވާތީއާ އެކު ގައުމަށް ހިދުމަތެއް ކޮށްދޭން. އަޅުގަނޑަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެކި ގޮތްގޮތުން މަސައްކަތްކުރި މީހެއް،" މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ވަހީދު ވިދާޅުވި އެވެ.

އަމާޒަކީ ޕީޕީއެމް ވަރުގަދަ ކުރުން

ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން ލިބިވަޑައިގެންފައިވާ ތަޖުރިބާ އާއި ތައުލީމްގެ ބޭނުން ކުރައްވައިގެން މަސައްކަތް ކުރައްވާނީ ޕީޕީއެމަކީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހެދުން ކަމަށެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި ވަރުގަދަޔަށް މަސައްކަތް ކޮށް ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

މިއީ ސިޔާސީ ލީޑަރުންގެ އަމިއްލަ މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި އެންމެން ގުޅިގެން މަސައްކަތްކުރަންވީ ވަގުތު ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

"ވެރިން ހަމައެކަނި މަސައްކަތްކުރަން ޖެހޭނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން. ސުލްހަ އާއި ޑިމޮކްރަސީ އިސްކޮށްގެން. ނަމުގެ ކުރިއަށް ޑިމޮކުރަސީ އައުމަކުން އަދި ނުވާނެ. އަމަލުން އެކަން ދައްކަން ޖެހޭ،" އެމްޑީޕީ އަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ވަހީދު ވިދާޅުވި އެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެ ޖަލަށް ލައިފައިވާ ކުރީގެ ރައީސް ޔާމީނާ ދޭތެރޭ ކަންތައްތައް ކޮށްފައިވަނީ އިންސާފުން ބޭރުން، ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. ޔާމީނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ވެސް މަސައްކަތް ކުރައްވާނެ ކަމަށާއި އދ. ގައި 12 އަހަރު މަސައްކަތް ކުރެއްވުމުން ދަންނަ މީހުން ގިނަ ކަމަށް ވަހީދު ވިދާޅުވި އެވެ.

"މިހާ ދަތި ހާލެއްގައި އެވަރުގެ ހިދުމަތްތެރިއަކު އެ ހުންނެވީ ބަންދުގައި. ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އިންސާފެއް ނެތް. އެހެންވީމާ އިންސާފު ހޯދަން މަސައްކަތް ކުރަން ޖެހޭ،" ވަހީދު ވިދާޅުވި އެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ރާއްޖެ ތަޖުރިބާކުރާ އެންމެ އުނދަގޫ ދުވަސްތަކަކީ ކޮވިޑް-19 ފެތުރިފައިވާ މިދުވަސްތައް ކަމަށާއި އެތައް ބައެއްގެ ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ގެއްލުންތަކާ ކުރިމަތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރަށް ފާޑުވިދާޅުވަމުން ވަހީދު ވިދާޅުވީ ދައުލަތުގެ މާލިއްޔަތުން ބޮޑު ބައެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. ބަދަލު ދިނުމުގެ ނަމުގައި އެކި ފަރާތްތަކަށް ބައި އަޅަމުން ދާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.