Roadha Mihaaru
ރައީސް ވިދާޅުވަނީ މަރު ކޮމިޝަނަށް ނަތީޖާ ނެރެވޭނެކަމަށް

ރައީސް ޔަގީންކުރައްވަނީ މަރު ކޮމިޝަނަށް ނަތީޖާ ނެރެވޭނެ ކަމަށް

23 ޖޫން 2020

މަރު ކޮމިޝަނުން ބަލާ މައްސަލަތައް ހުއްޓާނުލާ ކަމަށާއި ތަހުގީގުތައް ކޮޅެއްގައި ޖައްސައި އިންސާފަށް ވާސިލްވާން ކުރެވެން ހުރި މަސައްކަތްތަކެއް އެ ކޮމިޝަނުން ކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަރު ކޮމިޝަނުން ބަލާ މައްސަލަތައް ހުއްޓާނުލާ ކަމަށާއި ތަހުގީގުތައް ކޮޅެއްގައި ޖައްސައި އިންސާފަށް ވާސިލްވާން ކުރެވެން ހުރި މަސައްކަތްތަކެއް އެ ކޮމިޝަނުން ކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމުން ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވި އެވެ. ނަތީޖާ އަށް ވާސިލްނުވެވި ކޮމިޝަން މަރުވީ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

ތަހުގީގުތަކުގައި ފުލުހުން އިހުމާލުވެފައިވާ މިފަދަ މައްސަލަތަކުގައި އާއިލާތަކަށް އިންސާފު ހޯދައި ދެއްވުމަކީ ވެރިކަމަށް ވަޑައިގަތުމަށް ރައީސް ކުރެއްވި ކެމްޕޭންގެ މުހިއްމު އެއް ވައުދެކެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ވިދާޅުވީ މަރު ކޮމިޝަންގެ މަސައްކަތްތަކުން ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ކޮމިޝަންގެ މަސައްކަތް ހުއްޓާލާނީ ތަހުގީގުތައް ކޮޅެއްގައި ޖެއްސުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އަޅުގަނޑު ހިތުން މަސައްކަތް ކުރެވިއްޖިއްޔާ ހޯދޭނެ، މަސައްކަތް ކުރެވޭނެ. --ރައީސް

ރައީސް ވިދާޅުވި ގޮތުގައި ގެއްލުވާލާފައިވާ މީހުންނާއި މަރުތަކުގެ މައްސަލަތައް ބަލަން ކޮމިޝަނެއް އުފައްދަވައި އެމަނިކުފާނު މަސައްކަތް ފެއްޓެވީ ވަރަށް ހެޔޮނިޔަތުގަ އެވެ. ވަގަށް ނަގައި ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ގަތުލުކޮށްލި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދާއި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރަށް އިސްކަންދީ، ކޮމިޝަނުން ޖުމްލަ 28 މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދިޔަ ކަމަށް ވިދާޅުވި އެވެ.

ރައީސް، މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

ރައީސް، މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް

މީގެ ތެރެއިން ދެ މައްސަލައެއް ނިންމާފައިވާ އިރު ނުވަ މައްސަލައެއްގެ ރިޕޯޓް ކޮމިޝަނުން ލިޔަމުން އަންނަ ކަމަށް ރައީސަށް ކޮމިޝަނުން އޮތީ މައުލޫމާތު ދީފަ އެވެ.

ރިލްވާނާއި އަފްރާޝީމާއި ޔާމީން ރަޝީދުގެ މަރުގެ ހަގީގަތް ހޯދައި ދައުވާ ކުރަން ފޮނުވިޔަސް އިތުރު ކަންތައްތަކެއް ފުރިހަމަކުރަން އަނބުރާ ޕީޖީ ފޮނުވާލި ކަން ރައީސް ފާހަގަކުރެއްވި އެވެ.

އެ ތިން މަރާ ގުޅިގެން ކޮމިޝަނުން ދައުވާކުރަން އެދުނީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. ހަރުކަށި ފިކުރުގެ ޖަމާއަތް ހިންގައި ހަރަކާތްތައް ފުޅާކޮށް ހިންގާ ކަމަށް ތުހުމަތުކުރާ އެ ދެ މީހުންނަކީ ތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަންގެ ރިޕޯޓެއްގައި ވަނީ ތުހުމަތުކޮށްފަ އެވެ.

މަރު ކޮމިޝަންގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅުގެ ރައްދެއްގެ ގޮތުން ރައީސް ވަނީ ކޮމިޝަނުން މަޖިލީހާ ހިއްސާކޮށްފައިވާ ދެ ސިޓީއެއްގައިވާ މައުލޫމާތު އާއްމުކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ ތަހުގީގުތަކުގެ މައުލޫމާތު ހިއްސާކޮށްދޭން މަޖިލީހުން އެދުމުން ކޮމިޝަނުން ސިޓީއެއް ފޮނުވި ކަމަށެވެ.

އެ ސިޓީގައި އޮތީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރިލްވާންގެ މައްސަލައިގައި ކޮމިޝަނުން އެކުލަވާލި ޕްރިލިމިނަރީ ރިޕޯޓް އާއްމުވެފައިވާތީ ކޮމިޝަނަށް ހެކިބަސް ދޭން ތިބި ފަރާތްތަކުން އިންކާރުކޮށްފައިވާތީ އެކަން ފާހަގަކުރާ ކަމަށެވެ. އަދި ކޮމިޝަނުން ބަލަމުންދާ އެކިއެކި މައްސަލަތަކުގައި ހިމެނޭ މީހުން ސިޔާސީ އެކިއެކި ފަރާތްތަކާ އެކު ގާތް ގުޅުމެއް އޮތް ކަން ފެންނަ ފަދަ ގޮތަކަށް ސިޔާސީ އެކިއެކި އިވެންޓްތަކުން ފެންނާތީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކާ މެދު އާއްމުން ދެކޭ ގޮތް ބަދަލުވެގެންދާ ކަން ވެސް ފާހަގަކުރެވޭ ކަމަށް ސިޓީގައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ނަމަވެސް ތަހުގީގު ކުރިއަށް ގެންދާ ވާހަކަ [ސިޓީގައި] އެބައޮތް،" ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުގެ ހުރިހާ ވެސް އުއްމީދަކީ، އަޅުގަނޑު ބޭނުންވަނީ އިރާދަކުރެއްވިއްޔާ މިކަމުގައި ޝާމިލްވާ މީހުން ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ގެންދިއުން. އެ މަސައްކަތުގައި އަޅުގަނޑު ކުރިއަށް ދާނެ ކަމުގެ ޔަގީންކަން މިއަދު ވެސް އަޅުގަނޑު އަރުވަން. --ރައީސް

ޔާމީން ރަޝީދުގެ މައްސަލައިގައި ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުންދާ އިރެއްގައި ސުވާލު އުފައްދަފާނެތީ އެ މައްސަލައާ ގުޅިގެން ކުރަން ހުރި ކަންކަން މަޑުޖައްސާލާފައިވާ ކަމަށެވެ. ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތް ލަސްވަމުންދާތީ ކޮމިޝަނުން ކަންބޮޑުވާ ކަމަށް ވެސް ސިޓީގައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮމިޝަނުން އަމާޒު ހިފާފައި ވަނީ އޮގަސްޓް މަހުގެ ނިޔަލަށް މަސައްކަތްތައް ނިންމާލުމަށެވެ. އެކަން އަވަސް ކުރަން ދެންނެވުމަށް ކޮމިޝަންގައި މިހާރު ތިއްބެވި ތިން މެމްބަރުންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮމިޝަނަށް އިތުރު މެމްބަރުންތަކެއް އައްޔަން ކުރައްވާކަށް ވިސްނުންފުޅެއް ނެތެވެ. އެއީ އާ މެމްބަރުންތަކެއް ނަމަ އާ ފެށުމަކުން ތަހުގީގުތައް ބަލަން ޖެހޭނެތީ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮމިޝަނުން ބަލާ އެއްވެސް މައްސަލައެއްގައި ތުހުމަތު ކުރެވެނީ ވަކި މީހަކަށް ވާތީ، ދައުވާނުކޮށް މަޑުޖެއްސުން ފަދަ އެއްވެސް ކަމެއް ވެސް ދުލެއް ނުކޮށްލައްވާނެ ކަމަށެވެ. މުހިއްމީ އިންސާފަށް ވާސިލްވުން ކަމަށް ވިދާޅުވެ، އާއިލާތަކުގެ އުއްމީދު އާ ކޮށްދެއްވި އެވެ.