Roadha Mihaaru
އައްޑޫގައި ރޭޕްގެ ތުހުމަތު ކުރެވޭ މީހާ އަލުން ހައްޔަރު

އައްޑޫގައި ދުވަސްވީ ތިން މީހުން ރޭޕްކުރުން؛ ތުހުމަތު ކުރެވޭ މީހާ އަލުން ހައްޔަރުކޮށްފި

24 ޖޫން 2020

އައްޑޫ މީދޫގައި އުމުރުން ދުވަސްވީ، ތިން އަންހެނަކު ރޭޕްކުރުމުގެ ތުހުމަތަށް ހައްޔަރުކުރި ފިރިހެން މީހާ، އެ ރަށު ކޯޓުގެ އަމުރަކުން ގޭ ބަންދަށް ބަދަލުކުރި ނަމަވެސް އެ މައްސަލަ ޕީޖީ އޮފީހުން މުރާޖައާ ކުރުމުން އޭނާ އަލުން ހައްޔަރުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އައްޑޫ މީދޫގައި އުމުރުން ދުވަސްވީ، ތިން އަންހެނަކު ރޭޕްކުރުމުގެ ތުހުމަތަށް ހައްޔަރުކުރި ފިރިހެން މީހާ، އެ ރަށު ކޯޓުގެ އަމުރަކުން ގޭ ބަންދަށް ބަދަލުކުރި ނަމަވެސް އެ މައްސަލަ ޕީޖީ އޮފީހުން މުރާޖައާ ކުރުމުން އޭނާ އަލުން ހައްޔަރުކޮށްފި އެވެ.

އުމުރުން 30 އަހަރުގެ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މީދޫ މެޖިސްޓްރޭޓް ކޯޓަށް މި މަހުގެ 16 ގައި ގެންދިއުމުން އޭނާ ބަދަލުކުރީ ގޭބަންދަށެވެ. އެހެންވެ، އެ މައްސަލަ ހޫނުވެފައި ވަނިކޮށް، ޕީޖީ އޮފީހުން އެ މީހާގެ ގޭބަންދު އަމުރު އިއްޔެ އެ ކޯޓުގައި މުރާޖައާ ކުރުމުން ގޭބަންދުގެ ބަދަލުގައި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރަން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާގެ މައްޗަށް ކުރަނީ އުމުރުން 64 އަހަރާއި 65 އަހަރު އަދި 66 އަހަރުގެ ތިން އަންހެނުން ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ. މި މައްސަލާގައި އޭނާ ބަންދު ކުރީ މިިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އެ މީހާ އަލުން ހައްޔަރުކުރި ނަމަވެސް ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އޭނާ އުމުރުން 64 އަހަރުގެ މީހަކު ރޭޕް ކުރަން މަސައްކަތް ކުރި މައްސަލަ އެވެ. އަދި އެ މައްސަލަ ބެލުމުގެ ތެރޭގައި އޭނާ 24 ގަޑި އިރު ތެރޭ އިތުރު ދެ އަންހެނަކު ރޭޕް ކުރަން އުޅެފައިވާކަން ވެސް ތަހުގީގަށް އެނގުނު ކަމަށް ފުލުހުން ބުނެފައި ވެ އެވެ.