Roadha Mihaaru
ބިން ލާދިން އަކީ ޝަހީދެއް ކަމަށް ބުނުމުން ހޫނު ފެނަށް

ބިން ލާދިން އަކީ ޝަހީދެއް ކަމަށް ވިދާޅުވުމުން އިމްރާން ޚާން ހޫނު ފެނަށް

26 ޖޫން 2020

އިސްލާމްއާބާދު (ޖޫން 26) - އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން އަކީ އެމެރިކާ އިން "ޝަހީދުކޮށްލި" މީހެއް ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ޕާލަމެންޓުގައި ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ޖޫން 26) - އަލްގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން އަކީ އެމެރިކާ އިން "ޝަހީދުކޮށްލި" މީހެއް ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ޕާލަމެންޓުގައި ވިދާޅުވުމުން އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ޓެރަރިސްޓް ހަމަލާ ދިނުމުގެ އިސް މޭސްތެރިޔާ، މަރާލީ ޕާކިސްތާނުގެ އަބޮޓްއާބާދުގައި، ބިން ލާދިން ދިރިއުޅުނު ގެއަށް މެއި 2، 2011 ގައި އެމެރިކާގެ ޚާއްސަ ސިފައިން ދިން ހަމަލާތަކުގަ އެވެ. އެ ހަމަލާގެ މައުލޫމާތު އެމެރިކާ އިން ކުރިން ޕާކިސްތާނަށް އަންގައިފައެއް ނުވެ އެވެ.

"އެމެރިކާ ސިފައިން އަބޮޓްއާބާދަށް ގޮސް ބިން ލާދިން ޝަހީދުކޮށްލުމުން ޕާކިސްތާން ކުރަން ޖެހުނު ހިތާމައިގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތޭނެ،" އިމްރާން ޚާން ވިދާޅުވި އެވެ.

ބިން ލާދިން އަށް ނިސްބަތްކޮށް ޝަހީދެއް ކަމަށް އިމްރާން ޚާން ވިދާޅުވުމުން، އިދިކޮޅު ލީޑަރު އަދި ކުރީގެ ފޮރިން މިނިސްޓަރު ޚަވާޖާ އާސިފް ވަނީ އިމްރާން ޚާނަަށް ފާޑު ވިދާޅުވެ، ބިން ލާދިން އަކީ ޓެރަރިސްޓެއް ކަމަށް ވިދާޅުވެފަ އެވެ.

އަލްގައިދާގެ ކުރީގެ ލީޑަރު ބިން ލާދިން. --ފޮޓޯ:އޭއެފްޕީ

އަލްގައިދާގެ ކުރީގެ ލީޑަރު ބިން ލާދިން. --ފޮޓޯ:އޭއެފްޕީ

"އޭނާ (ބިން ލާދިން) ވަނީ އަޅުގަނޑުގެ ގައުމު ހަލާކުކޮށްލާފައި. އެކަމަކު (އިމްރާން ޚާން) އެ ވިދާޅުވަނީ އެއީ ޝަހީދެއް ކަމަށް،" ޕާލަމެންޓުގައި އާސިފް ވިދާޅުވި އެވެ.

ބިން ލާދިން މަރާލިއިރު ޕާކިސްތާނުގެ ވެރިކަމުގައި އޮތް ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ލީޑަރު ބިލަވާލް ބުއްޓޫ ވަނީ އިމްރާން ޚާން ޓެރަރިޒަމަށް ހިތްވަރު ދެއްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޚާން ތާލިބާނުންނާ މެދު ހަމްދަރުދީ ވެވަޑައިގަންނަވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ކުރިން ވެސް ނުރުހުން ފާޅުކޮށްފަ އެވެ. އަދި އިމްރާން ޚާނަށް ވަނީ "ތާލިބާން ޚާން" ގެ ނަމުން މުޚާތަބް ކޮށްފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ދެއްވި ޓީވީ އިންޓަވިއުއެއްގައި އިމްރާން ޚާން ވަނީ ބިން ލާދިން އަކީ ޓެރަރިސްޓެއް ކަމަށް ވިދާޅުވާން ދެކޮޅު ހައްދަވައިފަ އެވެ.