Roadha Mihaaru
ކޮންރެޑުގެ ވިލާތަކެއް މަރާމާތުކުރަން 3.2 މިލިއަން

ކޮންރެޑުގެ 34 ބީޗު ވިލާއެއް 3.2 މިލިއަން ޑޮލަރު ހަރަދުކޮށްގެން މަރާމާތުކޮށްފި

20 އޮކްޓޯބަރ 2016

ކޮންރެޑް މޯލްޑިވްސް ރިސޯޓުގެ 34 ބީޗު ވިލާއެއް 3.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ) ހަރަދުކޮށްގެން މަރާމާތު ކުރުމަށް ފަހު ގެސްޓުންނަށް މި މަހު ހުޅުވާލަން ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކޮންރެޑް މޯލްޑިވްސް ރިސޯޓުގެ 34 ބީޗު ވިލާއެއް 3.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ) ހަރަދުކޮށްގެން މަރާމާތު ކުރުމަށް ފަހު ގެސްޓުންނަށް މި މަހު ހުޅުވާލަން ނިންމައިފި އެވެ.

ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަން އިން އދ. އަތޮޅުގައި ހިންގާ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ލައިލް ލުވިސް ވިދާޅުވީ ކޮންރެޑްގެ 34 ބީޗު ވިލާއެއް މުޅިން މަރާމާތުކުރުމުގެ ބޭނުމަކީ ޓޫރިސްޓުންނަށް އަބަދު ވެސް އެއީ އެންމެ މަތީ ފެންވަރުގެ ތަނެއްކަން ދައްކައިދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ މަގުބޫލް އެއް ބްރޭންޑް. އަޅުގަނޑުމެންގެ ބޭނުމަކީ އަބަދުވެސް އިންޑަސްޓްރީގައި އެންމެ މަގުބޫލް ރިސޯޓްގެ ގޮތުގައި ދަމަހައްޓަން،" އޭނާ ވިދާޅުވެފައިވާ ކަމަށް ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައިވެ އެވެ.

އެ ރިސޯޓުން ބުނީ މަރާމާތުކުރި ކޮންމެ ވިލާއަކީ ޓޫރިސްޓުންގެ ހިތްހަމަޖެހޭ ގޮތަށް، ޖާގަ ތަނަވަސް އަދި އެންމެ މަތީ ފެންވަރަށް ހެދި ތަންތަން ކަމަށެވެ. އަދި އެ ތަންތަން ހަދާފައި ވަނީ ގޮނޑުދޮށުގެ ހިތްގައިމުކަން ވެސް ފެންނަ ގޮތަށް ކަމަށް ކޮންރެޑުން ބުނެފައިވެ އެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން 1997 ވަނަ އަހަރު ހިލްޓަން ރަންގަލި ރިސޯޓުގެ ނަމުގައި ހުޅުވި ރިސޯޓް ކޮންރެޑް މޯލްޑިވްސްގެ ނަމަށް ރީބްރޭންޑް ކުރީ 2007 ވަނަ އަހަރު އެވެ. އެ ރިސޯޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓެއް ވެސް ހެދި ރިސޯޓެވެ. އިތާގެ ނަމުގައި ހެދި ރެސްޓޯރަންޓަކީ ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު ރެސްޓޯރަންޓެކެވެ.

އެ ރިސޯޓުގެ ވިލާތައް 2014 ވަނަ އަހަރު މަރާމާތު ކުރިއިރު، 570 މުވައްޒަފުންނަށް ތިބެވޭ ގޮތަށް ކޮންރެޑް ކައިރީގައި އޮންނަ ރަންފިނޮޅު ވެސް ތަރައްގީކޮށްފައިވެ އެވެ. މިއީ ރާއްޖޭގައި ހެދި އެންމެ މަތީ ފެންވަރުގެ އެކޮމޮޑޭޝަން ކަމަށް ވެސް ކޮންރެޑުން ބުންޏެވެ.