Roadha Mihaaru
ޖިންސީ ގޯނާގެ މައްސަލަ: އެންއައިސީ ކޮމެޓީއަށް ގެންނަނީ

ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ: ފުލުހުން އިހުމާލުވިތޯ ބަލަން އެންއައިސީ ކޮމެޓީއަށް ހާޒިރުކުރަނީ

29 ޖޫން 2020

ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވެ، ސިޔާސީ ފަރާތްތަކުގެ ނުފޫޒު އޮތްކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ. އެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީންނާއި ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮޮމެޓީން އަންނަނީ ބަލަމުންނެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވީ އެކަމުގައި ފުލުހުން އިހުމާލެއް އޮތްތޯ ބެލުމަށް އެންއައިސީ ހާޒިރު ކުރުމަށެވެ. އަދި އެ ކޮމެޓީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ވެސް އޭނާ ހުށަހެޅުއްވި އެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ތާއީދު ކުރައްވައި، އެ ހުށަހެޅުން ކޮމެޓީގެ މެމްބަރުން އިއްތިފާގުން ފާސްވުމުން ކޮމެޓީން ނިންމީ އެންއައިސީގެ މެމްބަރުން މާދަމާ ހާޒިރުވާން ތައްޔާރު ނަމަ މާދަމާ ހާޒިރު ކުރުމަށާއި މާދަމާ ހާޒިރު ނުވެވޭ ނަމަ ކޮމެޓީގެ އުސޫލުތަކުގެ ތެރެއިން ފަސް ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު އެ ކޮމިޝަންގެ މެމްބަރުން ހާޒިރު ކުރުމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެގޮތަށް ނިންމިއިރު، ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީން ވެސް މިއަދު އެ މައްސަލައިގެ ބައްދަލުވުމެއް ބާއްވާނެ އެވެ. އެކަމަކު އެ މައްސަލަ ބެލުމުގައި އެ ކޮމެޓީގެ މުގައްރިރު އަދި ހިިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ބައިވެރިވަޑައެއް ނުގަންނަވާނެ އެވެ. އޭނާ ކޮމެޓީގައި ބައިވެރިވެ ވަޑައިނުގަންނަވާ ސަބަބެއް ސާފެއް ނުވެ އެވެ.

ޖިިންސީ ގޯނާގެ ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލުމުން ގިނަ ފާޑުކިޔުންތަކެއް ފުލުހުންނަށް އަމާޒުވުމުން ފުލުހުން ބުނެފައިވަނީ އެ ދެ މީހުން ދޫކޮށްލީ ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. އަދި އެކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށާއި އެ މައްސަލާ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.