Roadha Mihaaru
ޖައްވަށް ނުދެވުނަސް ޖައްވުގެ ވަސް ބެލިދާނެ

ޖައްވަށް ނުދެވުނަސް ޖައްވުގެ ވަސް ބެލިދާނެ

01 ޖުލައި 2020

ޖައްވަށް ނުދެވުނަސް، ޖައްވުގެ ވަސް ވަސް ބަލައިލަން ބޭނުންވާ ނަމަ ޖަހާލާނެ ސެންޓެއް އުފެއްދުމުގެ މަސައްކަތް އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް މާ ލަސްތަކެއް ނުވެ ފުރިހަމަވާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖައްވަށް ނުދެވުނަސް، ޖައްވުގެ ވަސް ވަސް ބަލައިލަން ބޭނުންވާ ނަމަ ޖަހާލާނެ ސެންޓެއް އުފެއްދުމުގެ މަސައްކަތް އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް މާ ލަސްތަކެއް ނުވެ ފުރިހަމަވާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އެ ސެންޓަށް ދީފައިވާ ނަމަކީ "އޯ ޑެ ސްޕޭސް" އެވެ. މި ސެންޓް އާންމުންނާ ހަމައަށް ގެނެސްދޭން ނާސާ އިން މަސައްކަތް ފެށީ 2008 ގަ އެވެ.

މި މަސައްކަތް ނާސާ އިން ހަވާލުކޮށްފައި ވަނީ ސެންޓް އުފައްދާ އިނގިރޭސި ކުންފުނި އޮމެގާ އިންގްރިޑިއެންޓްސްއާ އެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ އެ ކުންފުނީގެ ވެރިޔާ އަދި ކެމިސްޓް ސްޓީވް ޕިއާޒެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ "އޯ ޑެ ސްޕޭސް" އޮތީ ފައްކާވެ ނިމިފަ އެވެ. މި މަސައްކަތްކުރަން ފުރިހަމަކުރަން ހަތަރު އަހަރު ހޭދަވި އެވެ.

ޖައްވުގެ ވަސް ވީހާ ވެސް "އަސްލާ އެއްގޮތަށް ތާޒާކަމާ އެކު" ގެނެސްދޭން ސްޓީވް ވަނީ އެތައް ތަޖުރިބާތަކެއްކޮށްފަ އެވެ. އެގޮތުން މި މަސައްކަތަށް އޭނާ ބޭނުންކުރެއްވި އެއް އުކުޅަކީ ޖައްވީ ދަތުރުތަކެއް ތަޖުރިބާކޮށްފައިވާ އެސްޓްރޮނޯޓުންގެ ވާހަކަ އެވެ. އެ މީހުން ޖައްވުގެ ވަހާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާއި ފާޅުކުރި ޝުއޫރުތަކާއި އިހުސާސްތައް ސެންޓް އުފެއްދުމުގައި ވަރަށް ބޮޑަށް ބޭނުންކޮށްފައިވެ އެވެ.

ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ދަތުރުކުރި އެސްޓްރޮނޯޓެއް ކަމަށްވާ ޕެގީ ވިޓްސަން ފަދަ މީހުން ކިޔައިދީފައިވާ ގޮތުގައި ޖައްވުގެ ވަހާ އެންމެ ގާތްކުރާ ވަހަކީ ބަޑިބޭހުގެ ވަހެކެވެ. އޭނާ ސިފަކޮށްފައިވާ ގޮތުގައި ޖައްވުގެ ވަސް އެންމެ ރަނގަޅަށް ސިފަކޮށްދެވޭނީ ބަޑިއަކުން ވަޒަނެއް ފޮނުވައިލުމުން އެ ދުވާ ކަހަލަ ވަހާ އެވެ.

އެކަމަކު "އޯ ޑެ ސްޕޭސް" އަކީ ހިތަށާއި ޖިސްމަށް އަރާމު ގެނެސްދޭ ސެންޓަކަށް ހަދަން ޖެހޭތީ މީގެ ތެރެއަށް ވަނީ އެހެން ވަސްތައް އެއްކޮށް، ފޮނި މީރު ވަހެއް ގެނުވައިދޭން މަސައްކަތްކޮށްފައިވެ އެވެ.

މި ސެންޓް މިހާރު އޮތީ ވިޔަފާރީގެ އުސޫލުން އުފެއްދުމުގެ މަރުހަލާގަ އެވެ. އެކަމަށް ބޭނުންވާ ފަންޑު ވެސް ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ކިކްސްޓާޓާ މެދުވެރިވެގެން ފެށި މަސައްކަތުން މިހާތަނަށް 391 ފަރާތަކުން އެހީ ދީފައިވާ ކަމަށާއި އެހީގެ ގޮތުގައި މިހާތަނަށް 20،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ލިބިފައިވެ އެވެ.

އެހެންވެ ނާސާ އިން އުންމީދުކުރަނީ ސްޓީވާ ހަވާލުކުރި މަސައްކަތުގެ ދަށުން ވަރަށް އަވަހަށް "އޯ ޑެ ސްޕޭސް" ބާޒާރާ ހަމައަށް އަންނާނެ ކަމަށެވެ.

ޖައްވަށް ނުދެވުނަސް މި ސެންޓަކީ ހަމަ ބިމުގައި ތިބެގެން ޖައްވު އިހުސާސްކޮށްލެވޭނެ އެއްޗަކަށްވާނެ ކަމަށް ބަލާނީ ދޯ އެވެ؟ ކުރަން އޮތީ އިންތިޒާކެވެ.