Roadha Mihaaru
ކިޔެވުން އޮންލައިންކޮށް، އިންޓަނެޓަކަށް ނުވަދެވޭ

ކިޔެވުން އޮންލައިންކޮށް، އެކަމަކު އިންޓަނެޓަކަށް ނުވަދެވޭ

20 އޯގަސްޓް 2020

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެވެ. މި ގަރުނުގެ ހުރިހާ ކަމެއް ވެސް ބަރޯސާވަނީ އިންޓަނެޓަށެވެ. އިންޓަނެޓުގެ ބޭނުންތެރިކަން އެންމެ ބޮޑުވެގެން ދިޔައީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ މި ބޮޑު ބަލިމަޑުކަމުން ރައްކާތެރިކަން ހޯދަން ގޭ ބަންދުގައި ތިބެން ޖެހުމުންނެވެ؛ ސްކޫލުތަކާއި އޮފީސްތައް ވެސް ބަންދުކޮށްގެންނެވެ. އެގޮތުން މިއީ ރާއްޖޭގައި އޮންލައިންކޮށް ކިޔަވައިދިނުމުގައި ކުރި ފުރަތަމަ ތަޖުރިބާ އެވެ. ނަތީޖާ އަދި ފެންނަނީ ވަރަށް ދެރަކޮށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނެވެ. މި ގަރުނުގެ ހުރިހާ ކަމެއް ވެސް ބަރޯސާވަނީ އިންޓަނެޓަށެވެ. އިންޓަނެޓުގެ ބޭނުންތެރިކަން އެންމެ ބޮޑުވެގެން ދިޔައީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ މި ބޮޑު ބަލިމަޑުކަމުން ރައްކާތެރިކަން ހޯދަން ގޭ ބަންދުގައި ތިބެން ޖެހުމުންނެވެ؛ ސްކޫލުތަކާއި އޮފީސްތައް ވެސް ބަންދުކޮށްގެންނެވެ. އެގޮތުން މިއީ ރާއްޖޭގައި އޮންލައިންކޮށް ކިޔަވައިދިނުމުގައި ކުރި ފުރަތަމަ ތަޖުރިބާ އެވެ. ނަތީޖާ އަދި ފެންނަނީ ވަރަށް ދެރަކޮށެވެ.

މާޗު 12ގައި ސްކޫލުތައް ބަންދުކުރުމަށް ފަހު އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ އިންޓަނެޓު ބޭނުންކޮށްގެންނެވެ. އޭގެ ސަބަބެއް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އޭރު ވިދާޅުވީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމެވެ. އެކަމަކު ކޮވިޑްގެ ހާލަތު ގޯސްވާން ފެށުމުން މިނިސްޓްރީގެ އިތުރުން ޔުނިސެފްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެގެންދިޔައީ، ނާޒުކު ހާލަތުގައި ތިބި ދަރިވަރުން އިތުރަށް ނިކަމެތިވެ ކިޔެވުމުގެ ހައްގުން މަހުރޫމްވެގެން ދިއުމުގެ ބިރު އޮތުމެވެ.

މެއި 7 ގައި ބޭއްވި އެކި ގައުމުތަކުގެ މިނިސްޓަރުންގެ އޮންލައިން ފޯރަމެއްގައި ޑރ. އައިޝަތު ވިދާޅުވިގޮތުގައި ސްކޫލުތައް ބަންދުކޮށް ދަރިވަރުންނަށް ފިލާވަޅުތައް ހަވާލުނުކުރެވި، ސްކޫލުން ވަކިވާ ދަރިވަރުންގެ އަދަދު ގިނަވުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. އެކަން ހަނިކުރުމަށް އޮންލައިންކޮށް ކިޔަވައިދިނުން މުހިއްމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެގޮތަށް ކިޔަވައިދިނުމުގައި ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންޓަނެޓުގެ މައްސަލަތައް ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންތަކެއް ހޯލުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންތަކެއް ހޯލުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ދުރުގައި ތިބެގެން ކިޔަވައިދޭން ބޭނުންވާނެ ވަސީލަތް ނެތް ގޭގެ ވެސް އެބަހުރި. އިންޓަނެޓު އަގުބޮޑުވެފައި އޭގެ ކަނެކްޝަން ދަށް. ހާއްސަކޮށް ރަށްރަށުގައި. އޮންލައިންކޮށް ކިޔަވައިދިނުމުގެ ކޮންޓެންޓް ތައްޔާރުކުރުމަށް ޓީޗަރުން ތަމްރީނުކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ތިން މަހަށް ފަހު، މިދިޔަ މަހުގެ އެކެއްގައި ސްކޫލުތައް ހުޅުވި ނަމަވެސް މެދުނުކެނޑި ރަނގަޅަށް ކިޔަވައިދެވެމުން އަންނަނީ ރަށްރަށުގެ ސްކޫލުތަކުގަ އެވެ. މާލެ ސަރަހައްދުގައި އޭރު ވެސް ކިޔަވައިދޭން ފެށީ ގްރޭޑު 9 ން ފެށިގެން މަތީގެ ގްރޭޑުތަކަށެވެ. އެއަށްވުރެ ދަށުން ކިޔަވާ ދަރިވަރުންނަށް، ޓެލިކިލާސް އަދި އޮންލައިންކޮށް އަންނަނީ ކިޔަވައިދެމުންނެވެ.

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިއުމާއެކު، މި މަހުގެ 4ގައި މިނިސްޓްރީން ވަނީ ސްކޫލުތައް އަނެއްކާވެސް ބަންދުކޮށްފަ އެވެ.

މާލެ ސަރަހައްދުގެ ސްކޫލެއްގެ ބެލެނިވެރިއަކު ބުނީ، މިދިޔަ މާޗު މަހު އޮންލައިންކޮށް ކިޔަވައިދޭން ފެށިއިރު އޭނާގެ 10 އަހަރުގެ ދަރިފުޅުގެ ފިލާވަޅުތައް ކުރިއަށްގެންދިއުން ވީ ބޮޑު ވޭނަކަށް ކަމަށެވެ. ޓީޗަރު ފޮނުވާ ކޯޑަކުން، ކްލާސް ނިމޭއިރު ވެސް ގިނަ ފަހަރު ނުވަދެވޭ ކަމަށާއި ވަދެވުނަސް އެ ޓީޗަރެއް ދައްކާ ވާހަކައެއް ރަނގަޅަށް އަޑުނީވޭ ކަމަށް، ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި ބެލެނިވެރިޔާ ބުންޏެވެ.

އޮންލައިން ކްލާސްތަކުގައި މިހާރު ބައިވެރިވެވުނަސް، އިންޓަނެޓު ލަސްވުމުން އުނދަގޫތަކާ ދިމާވާ ކަމަށް އޭނާ ބުންޏެވެ.

"މިދިޔަ މަހު އެހެން ބެލެނިވެރިއަކު ބުނި އޮންލައިން ސިސްޓަމަށް ވަންނަން ކޮންމެ ދުވަހަކު ވެސް އެތައް ވަގުތެއް ހޭދަކުރާ ކަމަށް. އެކަމަކު ވަދެވެނީ މަދު ދުވަހެއްގައި ވަރަށް ހާލުންނޭ. އެހެން ކިޔާފައި އޭނަ ބުނީ ދެން ކިޔަވައި ނުދެވުނަސް އޮންލައިން ކުލާހުގައި ބައިވެރިނުވާނަމޭ،" އެ ބެލެނިވެރިއާ ބުންޏެވެ.

އެ އަންހެން މީހާ ބުނީ އޭނާގެ ދަރިފުޅަށް ކިޔަވައިދޭ ޓީޗަރުން ވެސް އިންޓަނެޓް ލަސްވުމުގެ ޝަކުވާތައް ކުރާ ކަމަށެވެ. އިންޓަނެޓު ލަސްވުމުގެ މައްސަލަތަކާ ހެދި ކިޔެވުން ކުރިއަށް ނުގެންދެވިގެން ބައެއް ފަހަރު ކްލާސްތައް ހުއްޓާލާފައި ވެސް އެބަހުރި ކަމަށާއި ޕްރެޒެންޓޭޝަނެއް ދެއްކިއަސް އެ އެއްޗެހި ސާފުނުވާ ދުވަސްތައް ދާ ކަމަށް ބުންޏެވެ.

"ކްލާސް ނިމޭއިރު ވެސް ނުވަދެވޭ ބައެއް ބެލެނިވެރިންނަށް. ކުރިއާ އަޅާބަލާއިރު އެ މައްސަލަތައް މިހާރު ވަރަށް މަދު. އެކަމަކު ވެސް ވަރަށް އުނދަގޫވާ ފަހަރުތައް އާދޭ،" އޭނާ ބުންޏެވެ.

އޭނާގެ ދޮށީ ދަރިފުޅު ކިޔަވަނީ ކީ ސްޓޭޖް ހަތަރެއްގައި ކަމަށް ވުމުން، ދެ ކުދިންގެ ކްލާސްތައް އެއްފަހަރާ ނަގަން ނުޖެހުމަކީ ވެސް ނަސީބެއް ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.

އޮންލައިންކޮށް ކިޔަވައިދިނުމަށް އިންޓަނެޓް ފޯރުކޮށްދޭ ފަރާތްތަކުގެ އެހީ ބޭނުންވާ ކަމަށް ވިދާޅުވެ، ތައުލީމީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކު އޭނާގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއް.

އެހެން ސްކޫލެއްގެ ބެލެނިވެރިއަކު ވެސް ވަނީ އޮންލައިން ކްލާހުގެ ތެރެއިން އޭނާއަށް ދިމާވި ކަމެއް ހިއްސާކޮށްފަ އެވެ.

"ދަރިފުޅު ކައިރީގައި އާއްމުކޮށް އިންނަން އޮންލައިން ކްލާސްތައް ގެންދާއިރު. އެއް ދުވަހު ކްލާހެއްގައި މިސް ބުނީ، ޖުމްލަކޮށް ރަނގަޅޭ އެ ކްލާސް ކުދިން އެސައިންމަންޓް ހަދާފައި ހުރި ވަރު. އެކަމަކު އެއް ކުއްޖެއްގެ ނަން ބުނެފައި މިސް ބުނީ އެ ކުއްޖާގެ އެސައިމަންޓްތައް ވަރަށް މަދޭ. ބުނީމަ އޭނަ ބުނީ އަސްލު އެސައިމަންޓުތައް ހަދަމޭ އެކަމަކު ބައްޕަގެ ފޯނުން އިންޓަނެޓް ވަރަށް ސްލޯވީމަ ނުފޮނުވެނީއޭ. ވަރަށް ދެރަވި،" އެ އަންހެން މީހާ ބުންޏެވެ.

ކީ ސްޓޭޖް ހަތަރަކަށް ކިޔަވައިދޭ ޓީޗަރަކު ބުނީ އޮންލައިންކޮށް ކިޔަވައިދިނުމަކީ ރަނގަޅު ސިސްޓަމެއް ކަމަށެވެ. އެކަމަކު އިންޓަނެޓް ނުލިބިގެން ބައެއް ކުދިންނަށް ކްލާސްތަކުގައި ބައިވެރިނުވެވޭއިރު މިއީ ޓީޗަރުންގެ އެހީތެރިކަން އިތުރަށް ބޭނުންވާ ކުދިން އިތުރަށް ނިކަމެތިވެގެންދާ ކަމެއް ކަމަށް ބުންޏެވެ.

ކިޔެވުމަށް އިންޓަނެޓް ފޯރުކޮށްދޭ ފަރާތްތަކާއެކު ކުރި މަޝްވަރާއިން ވަނީ ކޮންމެ މަހަކު ވެސް ދަރިވަރުންނަށް ފަސް ޖީބީ ޑޭޓާ ދޭން ނިންމައިފަ އެވެ. ޓީޗަރުންނަށް 10 ޖީބީގެ އެލަވަންސް ލިބެ އެވެ. އެކަމަކު އެ ޓީޗަރު ބުނިގޮތުގައި، މަހުގެ ފުރަތަމަ ދެ ތިން ދުވަހުން އެ އެލަވަންސް ހުސްވެ އެވެ. އެހެންވެ ގޭގައި އިންޓަނެޓް ނުހުންނަށް ކުދިންނަށް އޮންލައިން ކްލާސްތަކުގައި ބައިވެރިނުވެވޭ ކަން ފާހަގަކުރި އެވެ.

"ކްލާހަށް ނުވަންނާތީ ބެލެނިވެރިޔާއަށް ގުޅީމަ ބުނާނެ އިންޓަނެޓެއް ނެތޭ ގެއަކު. ބެލެނިވެރިން ވެސް މިވަގުތު ތިބޭނީ އަތްމަތި ދަތިވެފައި، ބުނާނެ ރުފިޔާއެއް ނެތޭ ޑާޓާ އަޅާކަށް ވެސް. އެހެންވެއޭ ކްލާހަށް ނުވަދެވެނީ. ހަގީގަތުގައި ވަރަށް ދެރަވާ ކަމެއް އެއީ. އެއްވެސް ކުއްޖަކު ބާކީ ވެގެންދާކަށް ބޭނުމެއް ނުވޭ. އެކަމަކު އެންމެ އެއްޗަކާ ހެދި އެ ފުރުސަތު ގެއްލިގެން މި ދަނީ،" އެ ޓީޗަރު ބުންޏެވެ.

އޭނާ ބުނީ ފަސޭހައިން ފިލާވަޅުތައް ގެންދެވެނީ ގޫގުލް މީޓުން ކަމަށެވެ. ދަރިވަރުންނާ ވާޗުއަލްކޮށް ބައްދަލުވެ އެ ކުދިންގެ ކަންކަން ބަލައިލަން ބޭނުންވިއަސް ގޫގުލް މީޓުގެ ކެމެރާ ޖައްސައިފިނަމަ އިތުރު ޑޭޓާ ދާތީ އެކަން ވެސް ނުކުރެވޭ ކަމަށް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކުރުމަށްފަހު، އޮންލައިންކޮށް ކިޔަވައިދޭން ފަށައި އެކަމުގެ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (މ) އާއި ޑެޕިއުޓީ މިނިސްޓަރު އިހުސާން (ވ) އަދި ސީނިއާ ޕޮޮލިސީ ޑިރެކްޓަރު މޫސަ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކުރުމަށްފަހު، އޮންލައިންކޮށް ކިޔަވައިދޭން ފަށައި އެކަމުގެ މައުލޫމާތު ދިނުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (މ) އާއި ޑެޕިއުޓީ މިނިސްޓަރު އިހުސާން (ވ) އަދި ސީނިއާ ޕޮޮލިސީ ޑިރެކްޓަރު މޫސަ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"މިހާ ގިނަ ދުވަސްވީމަ އެ ކުދިން ފެނިލަން ވެސް ބޭނުންވޭ. އެކަމަކު އިންޓަނެޓްގެ މައްސަލަތައް މި އުޅެނީ،" ޓީޗަރު ބުންޏެވެ.

އޭނާ ބުނީ ޓީޗަރެއްގެ ހައިސިއްޔަތުން، ނުރައްކަލަށް ހުށަހެޅިފައިވާ ދަރިވަރުން މިފަދަ ހާލަތުގައި ބާކިވެގެންދާތަން ފެނުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ. މީގެ ކުރިން ސްކޫލަށް ގެންގޮސް އެ ފަދަ ކުދިންނަށް ކިޔަވައިދިން ނަމަވެސް މިހާރު އެކަމަށް ރައްކާތެރި މާހައުލެއް ނެތުމުން އެ ފުރުސަތު ފަހިކޮށްދެވޭކަށް ނެތެވެ. ނަމަވެސް ކްލާހަށް ވަދެވިއްޖެނަމަ އެ ހުރިހާ ކުދިންގެ ފުރިހަމަ ބައިވެރިވުން އޮންނަކަން އެ ޓީޗަރު ފާހަގަކުރެ އެވެ.

"ރަނގަޅަށް އިންޓަނެޓް ލިބޭއިރު ކުދިން ވަރަށް ރަނގަޅަށް އެންޖޯއިކުރޭ ކިޔަވައިދިނުން. ޓައިމް ޓޭބަލްއާ އެއްގޮތަށް ކިޔަވައިދެވޭ. މިހާރު އެ ރޫޓިންއަށް ގެންދެވޭ. އެކަމަކު ޑިސްއެޑްވޭންޓޭޖް ކުދިން މިހާރު ވެސް އެ ދަނީ. ކޮވިޑް ނެތްއިރު އިތުރު އެހީ ދެން އެ ކުދިންނަށް. އެކަމަކު އިންޓަނެޓް ނުލިބެންޏާ ކުރެވޭނެ ކަމެއް ނެތް،" އޭނާ ބުންޏެވެ.

ނިއު ނޯމަލްގައި އިސްކަންދަރުގެ ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ނިއު ނޯމަލްގައި އިސްކަންދަރުގެ ކްލާހެއްގައި ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެ ސްކޫލުގައި ކީ ސްޓޭޖް ހަތަރެއްގެ ދަރިވަރުންނަށް މިދިޔަ ހަފުތާގެ ހަތަރު ދުވަހު އޮތީ ތިން ގަޑިއިރާއި 35 މިނެޓުގެ ކްލާސްތަކެވެ. އެކަމަކު މި ހަފުތާގައި އެއް ގަޑިއިރު މަދުކޮށް ކިޔަވައިދޭން ނިންމީ ވެސް އިންޓަނެޓުގެ މައްސަލަތަކާ ހެދި ކަމަށް ބުންޏެވެ.

ދަރިވަރަކު ބުނީ އިންޓަނެޓު ދަށްވުމުން ގިނަ ފަހަރަށް ދޭ ފިލާވަޅުތައް ރަނގަޅަށް ނުނެގޭ ކަމަށެވެ. ކްލާސް ވެސް ނިމެނީ ޓިޗަރުން ފޮނުވާ އެއްޗެހި ގިނަ ފަހަރަށް ލޯޑު ނުވެ ކަމަށް ބުންޏެވެ.

"ގިނައިން ކްލާސްތައް ތަންކޮޅެއް ލަސްކޮށްލަން ވެސް ޖެހޭ އިންޓަނެޓް ކަނެކްޝަންގެ ސަބަބުން. މިހެން ކިޔަވާއިރު ސަމާލުކަން ދޭން ވެސް އުނދަގޫ،" އޮންލައިންކޮށް ކިޔެވުމުގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ދަރިވަރަކު ބުންޏެވެ.

މިދިޔަ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓުފޮތް ދިނުން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

މިދިޔަ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓުފޮތް ދިނުން.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ މޫސަ ވިދާޅުވީ އިންޓަނެޓް ނުލިބޭ ކުދިން ފާހަގަކުރަން ސްކޫލުތަކަށް އަންގާފައިވާ ކަމަށެވެ. އެފަދަ ކުދިންނަށް އެހީތެރިކަން ދިނުމާ ގުޅޭ ކަންކަން ހަމަޖައްސަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. "މިހާތަނަށް ރަސްމީކޮށް ނެތް ޝަކުވާއެއް ލިބިފައެއް. އެކަމަކު ބައެއް ބެލެނިވެރިންގެ ކަންބޮޑުވުންތައް އެބަހުރި އިންޓަނެޓް ޕެކޭޖާއި އިންޓަނެޓްގެ ސްޕީޑާ ގުޅޭގޮތުން ކޮށްފައި،" މޫސަ ވިދާޅުވި އެވެ.

އިންޓަނެޓް ނުލިބުމާއި އޭގެ ސްޕީޑު ދަށްވުމާއެކު އާއްމުންގެ ހޭލުންތެރިކަމާއި އޮންލައިން ލާނިން ޕްލެޓްފޯމްތަކަށް އެހާ ބޮޑަށް އަހުލުވެރިވެފައި ނެތުމަކީ ވެސް ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. މޫސަ ވިދާޅުވީ މި ހާލަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ހުރިހާ ކުދިންނާ ހަމައަށް ވާސިލްވެ ރަނގަޅަށް ކިޔެވޭކަން ކަށަވަރުކުރުން ކަމަށެވެ.

އޮންލައިންކޮށް ކިޔަވައިދިނުމަށް ޓީޗަރުން ކުރިން ތިބީ ތަމްރީނުވެގެންނެއް ވެސް ނޫނެވެ. އެހެންވެ ދަރިވަރުން ޝައުގުވެރިވާނެ ފަދަ ގޮތްތަކަށް ކިޔަވައިދިނުމަށް މިނިސްޓްރީން ވަނީ ގޫގުލް ސެޓިފައިޑް ޓީޗަރުންނަށް ވުމަށް ތަމްރީނުތައް ދީފަ އެވެ. އޭގެ އިތުރުން އޮންލައިން ލާނިން ޕްލެޓްފޯމް، "ފިލާ" ވެސް އިތުރު ފީޗާތަކާއެކު އަޕްގްރޭޑު ކުރާނެ ކަމަށް މޫސަ ވިދާޅުވި އެވެ.