Roadha Mihaaru
"ޔާމީންގެ މައްސަލާގައި ހައިކޯޓުން ބައްދަލެއް ނުކުރި"

ޔާމީންގެ މައްސަލާގައި ހައި ކޯޓުން އިދިކޮޅު ކޯލިޝަނާ ބައްދަލެއް ނުކުރި

01 ޖުލައި 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ މައްސަލާގައި އިދިކޮޅު ކޯލިޝަނާ ބައްދަލުކުރަން ހައި ކޯޓުން ދެކޮޅު ހަދާފައިވާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ މައްސަލާގައި އިދިކޮޅު ކޯލިޝަނާ ބައްދަލުކުރަން ހައި ކޯޓުން ދެކޮޅު ހަދާފައިވާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ލަސްވާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ކޯލިޝަނުން ވަނީ ފާޅުކޮށްފަ އެވެ. އަދި އެ މައްސަލާގައި ހައި ކޯޓުގެ އިސް ބޭފުޅުންނާ މަޝްވަރާކުރަން އެ ކޯލިޝަންގެ އިސް ބޭފުޅުން ހައި ކޯޓަށް ވަޑައިގަތެވެ.

ހައި ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ހައި ކޯޓުގެ އިސް ބޭފުޅުންނާ ބައްދަލުކުރަން މަސައްކަތް ކުރުމުން އެ ފުރުސަތު އޮންނަނީ މައްސަލާގައި ހިމެނޭ ފަރާތްތަކަށާއި ވަކީލުންނަށް އެކަނި ކަމަށް ބުނެ، އެ ފުރުސަތު ނުދިން ކަމަށެވެ. އަދި ސިޓީއަކުން އެކަމަށް އެދުމުން ވެސް އެ ފުރުސަތު ނުދެވޭނެ ކަމަށް ޖަވާބު ދީފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ދެއްވި ޖަވާބަކީ އަޅުގަނޑުމެންނަކީ މި މައްސަލާގެ ޚަސްމުން ކަމަށް ނުވާތީ ބައްދަލުކޮށް، މައުލޫމާތު ހިއްސާކުރެވޭކަށް ނެތޭ. އަޅުގަނޑުމެން ދެންނެވި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށް މި ހައްގު އޮންނަން ވާނެއޭ. އެއީ ބަންދުކޮށްގެން މި އުޅެނީ އިދިކޮޅު ލީޑަރޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީން ކަފާލާތުގެ ދަށުން ދޫނުކުރަން ހައި ކޯޓުން ނިންމިއިރު، އެ މައްސަލަ ދިގުލައިގެން ނުދާނެ ކަމަށް ބުނެފައިވާ ކަމަށެވެ. ފަހުން ބައެއް އަޑުއެހުންތައް ބޭއްވުމަށް ފަހު އޭގެ ފަހުން އެ މައްސަލަ ކުރިއަށް ނުދާ ކަމަށާއި އެކަމަކު އެހެން މައްސަލަތައް ހައި ކޯޓުގައި މިހާރު ވެސް ކުރިއަށް ދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއަދު މި އޮތީ ހަގީގީ ބޮޑު ކެކުރި އާއި ކުޑަ ކެކުރީގެ ނިޒާމު މި ރާއްޖެއަށް ތައާރަފް ވެފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީން ޖަލަށްލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދުގެ ނުފޫޒުންނެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންގެ ބާރެއް މިހާރު ނެތް ކަމަށާއި އެއްވެސް މީހަކަށް މިއަދު ރައްކާތެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަނީ ލޯންޑްރިންގެ މައްސަލާގައި ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް މަރުހަލާގައި އޮތްއިރު އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއްކޮށް، ކްރިމިނަލް ކޯޓަށް މިހާރު ވަނީ ފޮނުވައިފަ އެވެ.