Roadha Mihaaru
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކާ އިއުލާންކޮށްފި

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ ފަހަރަށް އިއުލާންކޮށްފި

12 މާޗް 2020

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެންމެ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، އިއުލާނުކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެންމެ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، އިއުލާނުކޮށްފި އެވެ.

ދަރުބާރުގޭގައި އޮތް ޕްރެސް ބްރީފިންއެއްގައި އަމީން، އެކަން އިއުލާންކުރެއްވީ މިހާރު ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުން ދާ ކޮރޯނާވައިރަސްއާ ގުޅިގެންނެވެ.

އަމީން ވިދާޅުވީ މިވަގުތު އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އޮންނާނީ 30 ދުވަހަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމުގެ ފުރުސަތު ގާނޫނުން ލިބިދޭ ކަމަށެވެ. އަދި މިވަގުތު މަސައްކަތްކުރަމުން އަންނަނީ މި ރޯގާ ކޮންޓްރޯލްކުރުމަކީ އެންމެ އިސް ވާޖިބު ކަމަށް ދެކިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިއީ ރާއްޖޭގައި ރޯގާގެ ހާލަތު އޮތް މިންވަރަށް ބަދަލެއް އައުމުގެ މައްޗަށް ބިނާވާ ނިންމުމެއް ނޫން ކަމަށާއި އެކަމަކު އެހެން ގައުމުތަކުގައި ރޯގާގެ ހާލަތު ގޯސްވަމުން ދާތީ ރާއްޖެ އަށް ވެސް ނުރައްކާ ބޮޑުވާ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

މީގެ އަށް އަހަރު ކުރިން ޖުލައި 2012 ގައި އަމަލްކުރަން ފެށި "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު"ގެ ދަށުން ސިއްހީ ކުއްލި ހާލަތު އިއުލާންކުރި އިރު، ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ކޮޑިވް-19 ބަލީގެ އަށް މީހަކު ރާއްޖެ އިން ވަނީ ފެނިފަ އެވެ. އެކަމަކު އެ އެންމެންނަކީ ވެސް ތަފާތު ތިން ރިސޯޓަކަށް ނިސްބަތްވާ ބިދޭސީންނެވެ.

ކޮޑިވް-19 އަށް ޝައްކުވެގެން މިހާތަނަށް ޓެސްޓްކުރި އެއްވެސް ދިވެއްސެއްގެ ގައިން ކޮރޯނާވައިރަސް ފެނިފައެއް ނުވެ އެވެ.

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކުރެއްވުމަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކުރެއްވުމަށް ފަހު، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރާއްޖޭގެ ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރަން ސިއްހަތާ ބެހޭ ވަޒީރަށް ލަފާދެއްވާނީ ވެސް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް، ވަޒީރު އިއުލާނުކޮށްފި ނަމަ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

ގާނޫނުގެ ދަށުން އެޅޭނެ ބައެއް ފިޔަވަޅުތައް

- ބައްޔަކުން ރައްކާތެރިވާން ވަކި ބަޔަކަށް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުން.

- ވެކްސިނާއި، ބޭހާއި، ވެކްސިނާ ގުޅުން ހުރި ތަކެއްޗާއި ވަސީލަތްތައް އެންމެ އަވަހަށް ރައްދުކުރަންވީ ކޮން ބާވަތެއްގެ ނުވަތަ ކޮން ގިންތިއެއްގެ ބަޔަކަށްކަން ކަނޑައަޅައި، އެކަން ހަމަޖެއްސުން.

- ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމާއި މީހުން އެއްވެއުޅޭ ތަންތަނަށް އެއްވެއުޅުން މަނާކުރުމުގެ އަމުރު ނެރުން

- ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެ ނޫޅުމަށް އެންގުން.

- ކަރަންޓީނު ކުރެވިފައިވާ މީހާއަށް އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެމުން ދިޔުން.

- އެއްގަމު މަގުންނާއި ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން.

ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ ބައެއް ގައުމުތަކަށް ވަނީ ބޮޑެތި ނުރައްކާތަކެއް، ސިއްހީ ގޮތުންނާއި އިގުތިސާދީ ގޮތުން ކުރިމަތިވެފަ އެވެ. ޗައިނާގެ ވޫހާން ސިޓީން، މިދިއަ ޑިސެމްބަރު މަހު ފުރަތަމަ ފެތުރެން ފެށި މި ވައިރަސް، ޗައިނާގައި ގާތްގަނޑަކަށް ކޮންޓްރޯލް ވެއްޖެ އެވެ. އެކަމަކު ސިއްހީ ބައެއް ތަޖުރިބާކާރުން ލަފާކުރި ގޮތަށް، މިހާރު މި އޮތީ އެހެން ގައުމުތަކަށް ކުރިމަތިވެފަ އެވެ.

މި ވަގުތު އެންމެ ބާރަށް ވައިރަސް ފެތުރި، ކޮވިޑް-19 ގެ ބަލިމީހުން ގިނަވަމުން ދަނީ އިޓަލީ އާއި އެމެރިކާގަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 60 މިލިއަން މީހުންގެ މުޅި އިޓަލީ މިހާރު ވަނީ ބަންދުކޮށްފަ އެވެ. އާންމުން ގެއިން ބޭރަށް ނުކުތުން މަނަ އެވެ.

އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މަގުތަކަށް ސިފައިން ވެސް ނެރެފަ އެވެ.

ރާއްޖެއަށް އޮތް ނުރައްކަލަށް ބަލާފައި

އަމީން ވިދާޅުވީ އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ ރާއްޖޭގައި ކޮރޯނާވައިރަސްގެ ކޭސްތައް ގިނަވުމުގެ މައްޗަށް ބިނާކޮށްފައި ނޫން ކަމަށެވެ. ނަމަވެސް ވަށައިގެންވާ ގައުމުތަކުގައި، ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގެ ހާލަތު ދަށަށް ދިއުމާއި ބައްޔާ ގުޅޭ ކަންކަން ވަމުން ދާ ގޮތާއި އޭގެ ނުރައްކާ ރާއްޖެ އަށް ވެސް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މި ހާލަތުގައި އަންމު ސިއްހަތް ރައްކާތެރިކުރަން، ގާނޫނުގެ ތެރެއިން އަވަހަށް ކަންކަން ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ގާނޫނެއް އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މުހިންމު ބާރުތަކެއް ލިބޭ. އަދި ގާނޫނީ ގޮތުން ޒިންމާކުރުމުގެ ބާރުތައް ލިބޭ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާވައިރަސްގެ ނުރައްކަލުން ސަލާމަތްވާށާއި އަޅަން ޖެހޭ ފިޔަވަޅުތަކަށް ވަރަށް މަތީ ފެންވަރުގެ ފަންނީ ލަފަޔާއި ރާއްޖޭގައި ތިބި ސިއްހީ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. އަދި ފިޔަވަޅުތައް އަޅަމުން ގެންދަނީ މީގެ ކުރިން ރާއްޖެ ކުރި ތަޖުރިބާތަކަށް ބަލާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވި ގޮތުގައި ދުނިޔޭގައި ވައިރަސް ފެތުރޭ ނިސްބަތަށް ބަލާއިރު އެއީ ބޮޑު ނުރައްކަލެކެވެ. އެހެންކަމުން އެ ނުރައްކާ ރާއްޖެއަށް ވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ފެތުރެމުން ދަނީ އެކި ގައުމުތަކުގައި އެކި ވަރަށެވެ. އެ ހިސާބުތަކަށް އިޝާރަތްކުރައްވާ އަމީން ވިދާޅުވީ ޔޫރަޕްގައި ފެތުރޭ ވަރަށް ވުރެ އޭޝިއާގެ ގައުމުތަކުގައި ފެތުރޭ މިންވަރު ދަށް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް އެ ނުރައްކަލުގެ ހާލަތަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށާއި ފިޔަވަޅުތައް އަޅާނީ އެ ހުރިހާ ކަމަކަށް ވިސްނާފައި ކަމަށް ވެސް، ގަޑިއެއްހާ އިރަށް ދެމިގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އަމީން ވިދާޅުވި އެވެ.

އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލްއަށް ބޮޑު ބާރުތަކެއް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާށާއި އެކަމާ ބެހޭ ގޮތުން އަޅާ ފިޔަވަޅުތައް ކަނޑައަޅައި އެކަން ހެލްތު މިނިސްޓަރު އަމީނަށް ދެންނެވުމުގެ ޒިންމާ މިހާރު އޮންނާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)ގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރަށެވެ. އޭނާ އަކީ ސިއްހީ ދާއިރާގެ ތަޖުރިބާކާރެކެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަމީން އިއުލާންކުރެއްވި އިރު އޭނާގެ އަަރިހުގައި މައިމޫނާ އިންނެވި އެވެ.

އޭނާއަކީ ޕަބްލިކް ހެލްތު ދާއިރާ އާއި ހެލްތު މިނިސްޓްރީގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކުރައްވާއިރު، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު، މިނިސްޓަރުގެ އަރިހުގައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ހެލްތު މިނިސްޓަރު އަމީން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކުރައްވާއިރު، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު، މިނިސްޓަރުގެ އަރިހުގައި.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"މައިމޫނާގެ ވަރަށް ގިނަ މައުލޫމާތު ހުންނާނެ. ހާލަތު އެނގޭނެ. އެކުގައި އުޅޭ މީހުން ދައްކާ ވާހަކަ އަޑުއަހާނެ،" މަޑުމައިތިރި، ބަސް މަދު ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ މައިމޫނާއާ ބެހޭ ގޮތުން، އޭނާއާ އެކު ކުރިން މަސައްކަތްކުރެއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ސިއްހީ ކުއްލި ބޮޑެތި ހާލަތުތައް މީގެ ކުރިން ވެސް ރާއްޖެއަށް ކުރިމަތިވި އެވެ. އެގޮތުން 78-1977 ގެ ކޮލެރާ އާއި 1982 ގެ ޝިގެއްލާ ބޭރަށް ހިންގުން، އެންމެ ނުރައްކާތެރި ހާލަތްތަކުގެ ތެރޭގައި ހިމެނޭނެ އެވެ. މި ދެ ބޭރަށް ހިންގުމުގައި ރާއްޖެ އިން 350 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށްވެ އެވެ.

މި ބޭރަށް ހިންގުންތަކާ ގުޅިގެން އޭރު ވެސް ގައުމީ ފެންވަރެއްގައި ބޮޑެތި ފިޔަވަޅުތައް އެޅި އެވެ.

މި ފަހުގެ ތާރީޚެއްގައި ބައްޔެއްގެ ސަބަބުން އާންމުންނަށާއި ސިއްހީ ދާއިރާއަށް ބިރު ބޮޑުވެ، ހާސްކަމުގެ ތެރެއަށް ވެއްޓުނީ 2017ގެ ސްވައިން ފުލޫ އާއި 2018 ގެ ކުރީކޮޅު ފެތުރުނު އިންފްލުއެންޒާ ރޯގާގެ ސަބަބުންނެވެ.