Roadha Mihaaru
ލީގު ޔަގީންވި ކަމަށް ދުށުމަކީ ކުށްހީއެއް: ޒިދާން

ލީގު ޔަގީންވި ކަމަށް ދުށުމަކީ ކުށްހީއެއް: ޒިދާން

02 ޖުލައި 2020

މެޑްރިޑް (ޖުލައި 2) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑަށް ލީޑެއް ލިބުނު ކަމުގައި ވިޔަސް އެ ޓީމަށް އަދި ލީގު ކަށަވަރުވިކަމަށް ދުށުމަކީ ކުށްހީ އެއް ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޖުލައި 2) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑަށް ލީޑެއް ލިބުނު ކަމުގައި ވިޔަސް އެ ޓީމަށް އަދި ލީގު ކަށަވަރުވިކަމަށް ދުށުމަކީ ކުށްހީ އެއް ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ރެއާލަށް 32 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 33 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ލީގުގެ ދެ ވަނައިގައި އޮތް ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑާ އެއްވަރުވުމުން އެއް ވަނައިގައި ރެއާލަށް ހަތަރު ޕޮއިންޓުގެ ލީޑެއް ނަގަން ވަނީ ފުރުސަތު ލިބިފަ އެވެ. އެއީ މިރޭ އަމިއްލަ ދަނޑުގައި ގެޓަފޭ ބަލިކޮށްގެންނެވެ.

ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ރެއާލް އޮތީ ވަރަށް ފޯމުގަ އެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. ޒިދާން ބުނީ ފޯކަސް ބަހައްޓަން ޖެހޭނީ ކުރިމަތީގައި އޮތް މެޗަށް ކަމަށާއި އެ އަށް ވުރެން ދުރަށް ވިސްނުމަކީ ގޯހަކަށް ވެދާނެ ކަމަށެވެ.

"އަހަރެންގެ ޒިންމާއެއް ރެއާލްގެ އެންމެނަށް މިކަން އަންގައިދިނުމަކީ. އަހަރެމެންނަށް އަދި އެއްވެސް އެއްޗެއް ނުލިބޭ. އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތަކީ. އަހަރެމެންނަށް ލީގު ކަށަވަރުވި ކަމަށް ދުށުމަކީ ކުށްހީއެއް،" ޒިދާން ބުންޏެވެ.

"ވިސްނަންވީ މި ވަގުތަށް. ބާކީ ހަ މެޗު އެބައޮތް. އެއީ 18 ޕޮއިންޓް. އެ ހުރިހާ ޕޮއިންޓެއް ހޯދައިގެން ފަރުޖައްސާލެވޭނެ ކަމަށް އަހަރެން މި ވިސްނަނީ. މި ވަގުތު އަހަންނަށް ޓޭބަލުން ފެންނަން އޮތް މަންޒަރަކީ އަހަރެމެންގެ ލީޑަކީ އެއް ޕޮއިންޓުކަން،"

އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި އެ ޓީމުގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑަށް ވަނީ އަނިޔާވެފަ އެވެ. އެހެންވެ މިރޭގެ މެޗުގައި އޭނާ ނުފެންނާނެ އެވެ. ޒިދާން ބުނީ ހަޒާޑަށް އަނިޔާގެ މައްސަލަ ކުރިމަތިވާ މައްސަލަތަކަށް ރަނގަޅު ހައްލެއް އަންނަ ސީޒަނުގައި ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ރެއާލް ދަނޑުގައި ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރެވެ.