Roadha Mihaaru
ޚާޝުގްޖީގެ ގާތިލުންގެ ޝަރީއަތް ތުރުކީގައި ފަށައިފި

ޚާޝުގްޖީގެ ގާތިލުންގެ ޝަރީއަތް ތުރުކީގައި ފަށައިފި

03 ޖުލައި 2020

އިސްތަންބޫލް (ޖުލައި 3) - ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައުދީގެ 20 މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި، އިސްތަންބޫލްގެ ކޯޓެއްގައި ޝަރީއަތް މިއަދު ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްތަންބޫލް (ޖުލައި 3) - ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައުދީގެ 20 މީހެއްގެ މައްޗަށް ޣައިރު ހާޒިރުގައި، އިސްތަންބޫލްގެ ކޯޓެއްގައި ޝަރީއަތް މިއަދު ފަށައިފި އެވެ.

ވޮޝިންޓަން ޕޯސްޓަށް ލިޔަމުން އައި ކޮލަމިސްޓް، އުމުރުން 59 އަހަރުގެ ޚާޝުގްޖީ މަރާލީ އިސްތަންބޫލްގައި ހުންނަ ތުރުކީ ކޮންސިއުލޭޓުގައި އޮކްޓޯބަރު 2، 2018 ގަ އެވެ. ކޮންސިއުލޭޓަށް ޚާޝުގްޖީ ވަނީ ތުރުކީ މީހަކާ ކައިވެނި ކުރަން ބޭނުންވާ ލިޔުންތަކެއް ހޯދުމަށެވެ.

ތުރުކީގެ އޮފިޝަލުން ބުނެފައި ވަނީ ކާޝުގުޖީ މަރާލާފައި ވަނީ ކޮންސިއުލޭޓް ތެރޭގައި ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބައިތައް އަދިވެސް ފެނިފައެއް ނުވެ އެވެ.

ޚާޝުގްޖީގެ މަރާ ގުޅިގެން ސައުދީގެ 20 މީހެއްގެ މައްޗަށް ދައުވާ ކުރަން ތުރުކީން ވަނީ މާޗް މަހު ނިންމައިފަ އެވެ. އޭގެ ތެރޭގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ކުރީގެ ދެ އިސް އެހީތެރިން ވެސް ހިމެނެ އެވެ. ތުރުކީން ތައްޔާރުކުރި ދައުވާގައި ބުނެފައިވާ ގޮތުގައި ޚާޝުގްޖީ މަރާލުމުގެ ރޭވުންތައް ރާވައި އެކަމުގެ އެންމެ އިސް މޭސްތިރިއަކީ ސައުދީގެ ކުރީގެ ޖާސޫސީ އިސްވެރިޔާ އަހުމަދު އަލް އާސިރީ އެވެ. އޮޕަރޭޝަން ލީޑްކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ ސައުދީ ރޯޔަލް ކޯޓުގެ ކުރީގެ މީޑިއާ އެޑްވައިޒަރު ސައުދު އަލް ތަހުތާނީގެ މައްޗަށެވެ. ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ އަމުރެއް ވެސް ތުރުކީން ކުރިން ވަނީ ނެރެފަ އެވެ.

ޚާޝުގްޖީގެ މަރާ ގުޅިގެން ސައުދީން ވެސް ޑިސެމްބަރު މަހު ވަނީ އެ ގައުމުގެ ފަސް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފަ އެވެ.