Roadha Mihaaru

ޚާޝުގްޖީ މަރާލުމުގެ ކުރިން އިޒްރޭލުގެ ސްޕައިވެއާއަކުން އަންހެނުންގެ ފޯން ހެކްކުރި ކަމަށް ބުނެފި

ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގެ ކުރިން އޭނާގެ އަންހެނުންގެ ފޯނަށް އިޒްރޭލުގެ ސްޕައިވެއާއެއް އަޅައި ފޯނުން މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ބުނެ ފްރާންސްގައި ދައުވާކޮށްފި އެވެ.

ޚާޝުގްޖީގެ އަންހެނުންގެ ފޯނަށް އިޒްރޭލުގެ ސްޕައިވެއާ

ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގެ ކުރިން އޭނާގެ އަންހެނުންގެ ފޯނަށް އިޒްރޭލުގެ ސްޕައިވެއާއެއް އަޅައި ފޯނުން މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ބުނެ ފްރާންސްގައި ދައުވާކޮށްފި އެވެ.

ހަނާން އަލްއަތަރް ޚާޝުގްޖީގެ ފިރިމީހާ މަރާލީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި 2018 ވަނަ އަހަރު އެވެ. ހަނާން ހުށަހެޅި ދައުވާގައި ބުނެފައިވަނީ އޭނާގެ ފޯނުން ބައެއް މައުލޫމާތު ފްރާންސްގައި ހުއްޓާ ވެސް ނަގާފައިވާ ކަމަށެވެ. އޭއެފްޕީއަށް ފެނުނު ދައުވާ ފޯމުގައިވާ ގޮތުގައި އެއާ ހޮސްޓެސްއެއްގެ ގޮތުގައި ހަނާން މަސައްކަތްކުރި އިރު ފްރާންސަށް ގޮސް އުޅުނު އިރު އެ ގައުމުގެ ތެރެއިން ވެސް ބައެއް މައުލޫމާތު ފޯނުން ނަގާފައިވެ އެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި ޔުނިވަސިޓީ އޮފް ޓޮރޮންޓޯގެ ސްޕެޝަލައިޒްޑް ރިސާޗް ގްރޫޕެއް ކަމަށްވާ ސިޓިޒަން ލެބް އިން ވަނީ ހަނާންގެ ދެ ފޯނަށް އިޒްރޭލުގެ އެންއެސްއޯ ގްރޫޕްގެ ޓޫލެއް ކަމަށްވާ ޕެގަސަސް އިންފެކްޓް ކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

މި ސްޕައިވެއާ ފޯނަށް ވަނުމާ ދިމާވަނީ ސައޫދީގެ އެކުވެރި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ އެއާޕޯޓެއްގައި ހަނާންއާ ސުވާލުކުރުމަށް ގެންދިޔަ ދުވަހަކާ ކަމަށް ދައުވާގައިވެ އެވެ.

"އޭނާގެ ފިރިމީހާ މަރާލުމާއި ފޯނުން މައުލޫމާތު ވަގަށް ނެގުމާ ގުޅުމެއް ނެތް ކަމަށް ވިސްނުމަކީ ނުވާނެ ކަމެއް،" އެމެރިކާގެ ވަކީލުން ކަމަށްވާ ވިލިއަމް ބޯޑަން އާއި ވިންސެންޓް ބްރެންގާތު އޭއެފްޕީ އަށް ދެއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގައި ވިދާޅުވި އެވެ.

ފްރާންސްގައި ކުރި ދައުވާ ކުރިއަށް ގެންދެވޭތޯ ޖުޑީޝަރީން ކަނޑަޅާނެ އެވެ.

ޕެގަސަސް ބޭނުންކޮށްގެން، މާ ދުރުގައި ހުރެގެން ވެސް ފޯނުގެ ކެމެރާ އާއި މައިކް އޮންކޮށްގެން ބަލައި އަޑު އެހެ އެވެ. އަދި ފޯނުގައި ހުންނަ މައުލޫމާތުތައް ވެސް ވަގަށް ނެގެ އެވެ. އެހެންވެ އެ ސްޕައިވެއާ އަޅާފައިވާ ފޯނެއް ޖާސޫސީ ޑިވައިސް އަކަށްވެ އެވެ.

އެމެރިކާގެ ރަށްވެހިކަން އޮތް ޚާޝުގްޖީ މަރާލި އިރު އޭނާ ގެންދިޔައީ ވޮޝިންޓަން ޕޯސްޓްގައި ކޮލަމިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. އޭނާ ވަނީ ސައޫދީ ޝާހީ އާއިލާއަށް ވަރަށް ބޮޑަށް ފާޑު ކިޔައި ލިޔުންތައް ޝާއިއުކޮށްފަ އެވެ.

އެމެރިކާއިން 2021 ވަނަ އަހަރު ހެދި އިންޓެލިޖެންސް އެސެސްމަންޓެއްގައި ބުނެފައިވަނީ ޚާޝުގްޖީ މަރާލީ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަމުރަށް ކަމަށެވެ. އެކަމަކު އެންމެ ފަހުން މުހައްމަދު އެމެރިކާއަށް ވަޑައިގަތް އިރު ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ އެ މަރާ ބެހޭ އެއްވެސް ކަމެއް މުހައްމަދަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.