Roadha Mihaaru
ބޯހިޔާވަހިކަމާއި މަސްވެރިކަމަށް ސައޫދީން 771 މިލިއަން

ބޯހިޔާވަހިކަމާއި މަސްވެރިކަމަށް ސައޫދީން 771 މިލިއަން ރުފިޔާގެ ލޯނެއް

05 ޖުލައި 2020

ސަރުކާރުން ހިންގަމުން އަންނަ މަސްވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝަރޫއުތަކަށް އެހީވުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ލޯނެއް ދޭން އެއްބަސްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސަރުކާރުން ހިންގަމުން އަންނަ މަސްވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝަރޫއުތަކަށް އެހީވުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ލޯނެއް ދޭން އެއްބަސްވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި އެއްބަސްވުމުގެ ދަށުން، ބޯހިޔާވަހިކަމަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) އަދި މަސްވެރިކަމަށް 25 މިލިއަން ޑޮލަރު ހަމަޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 25 އަހަރުގެ ތެރޭގައި އަބުރާ ދައްކާ ގޮތަށް ދިން ލޯނެކެވެ މި ލޯނުން އިންޓްރެސްޓުގެ ގޮތުގައި ނަގާނީ ދެ ޕަސެންޓު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މިއީ އާއްމުކޮށް ބޭރުގެ ގައުމުތަކުން ދޭ ލޯނުތަކުގެ އިންޓްރަސްޓް ރޭޓަށްވުރެ ކުޑަ މިންވަރެކެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެ އާއި ސައުދީއާ ދެމެދުގެ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާއިރު މިވަގުތު ބޭރުގެ މާލީ އެހީތެރިކަން ބޭނުންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދީއާއެކު ސޮއި ކުރެވުނު އެއްބަސްވުމާ ގުޅިގެން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއް--

ސައުދީން ދޭ ލޯނުގެ ސަބަބުން މަސްވެރިކަން ކުރިއަރުވައި، އަތްފޯރާ އަގުގައި ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެގޮތުން، ހުޅުމާލޭގައި ހިންގާ މަޝްރޫއުގެ ދަށުން 2،700 މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށާއި މަސްވެރިކަމުގެ މަޝްރޫއުގެ ސަބަބުން 25،000 މަސްވެރިންނާއި ދަނޑުވެރިންނަށް ފައިދާވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސައޫދީން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ ތަރައްގީ އަށް ކުރިއަގެންދާ ބައެއް ޕްރޮޖެކްޓުތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމާއި ހުޅުމާލެ ދެވަނަ ފޭސް ތަރައްގީކުރުން ހިމެނެ އެވެ.