Roadha Mihaaru
ފޮރިން މިނިސްޓަރު ޒަމީރާއި ގަވަރުނަރު ސައުދީއަށް

ސައުދީގެ ދައުވަތަކަށް މިނިސްޓަރު ޒަމީރާއި ގަވަރުނަރު ސައުދީއަށް

18 އޯގަސްޓް 2024

ސައޫދީ އަރަބިއްޔާގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސައޫދީ އަރަބިއްޔާގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާންގެ ދައުވަތަކަށް މިނިސްޓަރު ޒަމީރާއި މުނައްވަރުގެ އިތުރުން އެމްބަސެޑާ އެޓް ލާޖް އަހްމަދު ނަސީރާއެކު ދިވެހި ސަރުކާރުގެ ވަފުދެއް ސައުދީއަށް ވަޑައިގަންނަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަބްދުލްއަޒީޒަށް އަރުއްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރު މުނައްވަރު އެ ދަތުރާ ގުޅިވަޑައިގަންނަވާނީ ފަހުން ކަމަށް އެނގިފައި ވެ އެވެ.

ސައުދީއަށް ހަތަރު ދުވަހަށް ކުރައްވާ އެ ދަތުރުގައި ރާއްޖޭގެ ވަފުދުގައި ދެން ހިމެނެނީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދު އަދި ޑިރެކްޓާ ޖެނެރަލް އައިޝަތު ފަރީނާ އެވެ.

ޒަމީރާއި މުނައްވަރުގެ ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް-ސައުދު އާއި ސައުދީ ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އާ ވެސް މި ވަފުދުން ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"އެ ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރަން މަޝްވަރާ ކުރެވޭނެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ޒަމީރު ދާދި ފަހުން ވެސް ސައުދީއަށް ވަޑައިގަތެވެ. އެ ފަހަރު އޭނާ ސައުދީއަށް ވަޑައިގަތީ ފަލަސްތީނުގެ މައްސަލަ އާއި މެދުއިރުމަތީގެ މަސްރަހު ގޯސް ވަމުންދާ މައްސަލާގައި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބޭއްވި މަތީ ފެންވަރުގެ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިދިޔަ ހަފުތާގައި ޒަމީރު ވަނީ ރަސްމީ ދަތުރެއްގައި ބަހްރެއިނަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ޒަމީރު ވަނީ ބަހްރެއިންގެ ވަލީއަހްދު އަދި ބޮޑުވަޒީރު ސަލްމާން ބިން ހަމަދު އަލް ޚަލީފާއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.