Roadha Mihaaru
ޖިންސީ ގޯނާގެ މައްސަލަތަކުގެ ކަންބޮޑުވުންތައް ރައީސަށް

ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމުގެ ޝަކުވާތައް ރައީސަށް

05 ޖުލައި 2020

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމުގެ ކަންބޮޑުވުންތައް ވޮއިސް އޮފް ޗިލްރަން (ވީއޯސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމުގެ ކަންބޮޑުވުންތައް ވޮއިސް އޮފް ޗިލްރަން (ވީއޯސީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ވީއޯސީން ބުނީ ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާ އެކު ބޭއްވި ބައްދަލުވުމުގައި، ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭގޮތުން އެ ޖަމިއްޔާގެ ކަންބޮޑުވުންތަކާ ރައީސް ވަރަށް ގާތުން އަޑުއެއްސެވި ކަމަށެވެ. އެ މައްސަލަތަކަށް ހައްލެއް ހޯދަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ވީއޯސީ އިން ބުންޏެވެ.

ވީއޯސީ އިން މިއަދު ކުރި ޓްވީޓެއް

"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އަޑުއަހާ، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ކަމުގެ ކަށަވަރުކަން ރައީސް ދެއްވި،" ޓްވިޓާ މެދުވެރިކޮށް ވީއޯސީ އިން ބުންޏެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ނުލިބޭ މައްސަލައިގައި ވީއޯސީން އަންނަނީ މުޒާހަރާކުރަމުންނެވެ. ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެކަށީގެންވާ ތަހުގީގެއް ހިންގާފައި ނުވާތީ ވެސް އެ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

އިންސާފު ނުލިބޭ ކަމުގެ ޝަކުވާތަކާ އެކު މިފަދަ މައްސަލަތައް ރިޕޯޓްކުރުން ވެސް މި ދުވަސްވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައިގައި އެ ކުއްޖާގެ ޅިޔަނު މިދިޔަ ހަފްތާގައި ވަނީ ހައްޔަރުކޮށްފަ އެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ބްލެކްމެއިލްކޮށް، ޖިންސީ ގޯނާގެ ތުހުމަތުގައި ވެސް މީހަކު ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. ކޯޓުން ބޭރުން ކުޑަކުއްޖަކާ ކައިވެނިކޮށް، ރޭޕްކުރި މައްސަލައެއްގައި 23 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަން ވެސް ފުލުހުން މިއަދު އާންމުކުރި އެވެ. އެ އެންމެން ވެސް، އެ މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ ނިންމައިފަ އެވެ.