Roadha Mihaaru
ރޯވި ބޯޓުގެ ތެރެއިން އިންސާނެއްގެ ކަށިތައް ފެނިއްޖެ

ރޯވި ބޯޓުން މީހަކު ގެއްލިފައި ވަނިކޮށް އޭގެ ތެރެއިން އިންސާނެއްގެ ކަށިތައް ފެނިއްޖެ

21 އޮކްޓޯބަރ 2016

ތިލަފުށި ކައިރީ އަޅާފައި އޮއްވާ މީގެ ދެ ދުވަސް ކުރިން ރޯވި މަސްބޯޓުން ފަޅުވެރިއަކު ގެއްލިގެން ހޯދަނިކޮށް އެ ބޯޓު ތެރެއިން އިންސާނެއްގެ އަނދާފައިވާ ކަށިތަކެއް މިއަދު ފެނިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ތިލަފުށި ކައިރީ އަޅާފައި އޮއްވާ މީގެ ދެ ދުވަސް ކުރިން ރޯވި މަސްބޯޓުން ފަޅުވެރިއަކު ގެއްލިގެން ހޯދަނިކޮށް އެ ބޯޓު ތެރެއިން އިންސާނެއްގެ އަނދާފައިވާ ކަށިތަކެއް މިއަދު ފެނިއްޖެ އެވެ.

އެމްވީ ބަރޯސާ ނަމަކަށް ކިޔާ އެ ބޯޓުގައި އަލިފާން ރޯވެ، އެ ހާދިސާ ތެރެއިން އެ ބޯޓުގެ އެއް ފަޅުވެރިއަކު ގެއްލުމުން ސިފައިން ދިޔައީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހޯދަމުން ދިޔައީ ބަންގްލަދޭޝް މީހެކެވެ.

އަލިފާންގަނޑު މިއަދު އެއްކޮށް ކޮންޓްރޯލްކޮށް ބޯޓުތެރެ ބެލިއިރު އަނދާފައިވާ އިންސާނެއްގެ ކަށިތައް ފެނިފައި ވިޔަސް އެއީ ގެއްލުނު ފަޅުވެރިޔާގެ ކަށިތައް ކަމެއް އެއްވެސް ފަރާތަކުން އަދި ޔަގީންކޮށެއް ނުދެ އެވެ.

ފުލުހުން ބުނީ ސިފައިންނަށް ފެނުނު ކަށިތައް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާއި އެ ކަށިތައް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އެކަމަކު އެއީ ކާކުކަން އަދި ކަށަވަރު ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ބޯޓަކީ ކުރިން މިފްކޯގެ ބޯޓެއް ނަމަވެސް ފަހުން ވަނީ އެ ބޯޓު އަމިއްލަ ކުންފުންޏަކަށް ވިއްކާލައިފަ އެވެ. އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން އެ ބޯޓުގައި ވެލްޑިންގެ މަސައްކަތްތަކެއް ކުރި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.