Roadha Mihaaru
ޔާމީނަށް ކުރި ޖޫރިމަނާގެ ފައިސާ ހޯދަން އޭޖީން ކޯޓަށް

ޔާމީނަށް ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހޯދަން އޭޖީން ކޯޓަށް ދަނީ

09 ޖުލައި 2020

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުކުމާ އެއްގޮތަށް ޔާމީން އެ ފައިސާ ދައްކަވާފައި ނުވާތީ އެ ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ޖޫރިމަނާ ފައިސާ ހޯދަން ދައުވާ ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމިއިރު، އެއީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް އިއްވި ހުކުމެވެ. އެއީ ޖިނާއީ މައްސަލައެއްގައި ރާއްޖޭގައި މިހާތަނަށް މީހެއްގެ މައްޗަށް ކުރި އެންމެ ބޮޑު ޖޫރިމަނާ ވެސް މެ އެވެ.

ޔާމީނަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރަން ހައި ކޯޓުގައި އެދުނަސް، އެ ކޯޓުން ނިންމާފައި އޮތީ ކަފާލާތު ނުދިނުމަށެވެ. އެހެންވެ، އެ މަނިކުފާނު މިހާރު ގެންދަވަނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުންނެވެ.

ޔާމީންގެ މައްޗަށް ދާދި ފަހުން ވެސް ދައުލަތުން ވަނީ މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް އުފުލައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަދި ނުފަށަ އެވެ.