Roadha Mihaaru
ތިން މަހަށް ފަހު މާލޭގައި މާދަމާ ހުކުރު ނަމާދު ފަށަނީ

ތިން މަހަށް ފަހު މާލެ ސަރަހައްދުގައި މާދަމާ ހުކުރު ނަމާދު ކުރަން ފަށާނެ

09 ޖުލައި 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދުކުރުން ހުއްޓާލިތާ ތިން މަސް ފަހުން މާދަމާ އިން ފެށިގެން ހުކުރު ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ދެންމެ ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދުކުރުން ހުއްޓާލިތާ ތިން މަސް ފަހުން މާދަމާ އިން ފެށިގެން ހުކުރު ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ދެންމެ ނިންމައިފި އެވެ.

އެ މިނިސްޓްރީން ބުނީ، މާދަމާ އިން ފެށިގެން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައިި ހުކުރު ނަމާދު ކުރާނެ ކަމަށެވެ.

މާލެ ސަރަހައްދަށް ކޮވިޑް-19 ފެތުރިފައިވާއިރު، މިދިޔަ މާޗު 18 ން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އޮތީ މެދުކަނޑާލައިފަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ހުކުރު ނަމާދު ކުރުމަށް އޭރު ހުއްދައެއް ނެތެވެ.

މިނިސްޓްރީން އޭރު ބުނީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ނުކުރަން ނިންމީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ.

މިދިޔަ މަހުގެ 15 އިން ފެށިގެން ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މިސްކިތްތަކުގައި ވަނީ ޖަމާއަތުގައި ނަމާދުކުރަން ފަށައިފަ އެވެ. ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކޮވިޑް-19 ފެތުރޭ މައިގަނޑު އެއް ސަބަބަކީ ގިނަ ބަޔަކު އެއްތަނަކަށް އެއް ވަގުތެއްގައި ޖަމާވުމެވެ.

ޖަމާއަތުގައި ނަމާދަށް ދިއުމަށް މާސްކް އެޅުމާއި ގެއިން މުސައްލައެއް ގެންދިއުމާއި ވުލޫއު ކޮށްގެން މިސްކިތަށް ދިއުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް މި މަހުން ފެށިގެން ބޮޑު ލުޔެއް ދީ، މުޅި ރާއްޖޭގެ ސްކޫލުތަކުގެ އިތުރުން މާލެ ސަރަހައްދުގެ ކެފޭ/ރެސްޓޯރެންޓުތައް ވެސް ވަނީ މި މަހުގެ ފުރަތަމަ ދުވަހު ހުޅުވާލައިފަ އެވެ. ސަރުކާރުގެ އޮފީސްތައް ހުޅުވާފައިވަނީ މިިދިޔަ އާދިއްތަ ދުވަހެވެ.