Roadha Mihaaru
ހަޒާޑްގެ ދިފާއުގައި ޒިދާން ވާހަކަ ދައްކައިފި

ހަޒާޑްގެ ދިފާއުގައި ޒިދާން ވާހަކަ ދައްކައިފި

10 ޖުލައި 2020

މެޑްރިޑް (ޖުލައި 10) - މި ސީޒަނުގައި އަނިޔާ އެކި މައްސަލަތަކުގެ ސަބަބުން އެޑެން ހަޒާޑަށް ރެއާލް މެޑްރިޑްގައި އޭނާގެ އަސްލު ކުޅުން ނުދެއްކޭ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ޖަވާބުދީފި އެވެ.

މެޑްރިޑް (ޖުލައި 10) - މި ސީޒަނުގައި އަނިޔާ އެކި މައްސަލަތަކުގެ ސަބަބުން އެޑެން ހަޒާޑަށް ރެއާލް މެޑްރިޑްގައި އޭނާގެ އަސްލު ކުޅުން ނުދެއްކޭ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ޖަވާބުދީފި އެވެ.

ޕްރިމިއާ ލީގުގެ ޗެލްސީގައި މޮޅު ކުޅުމެއް ދެއްކި ހަޒާޑަށް މި ސީޒަނުގައި 100 މިލިއަން ޔޫރޯގެ އަގަކަށް ރެއާލަށް ބަދަލުވެ، އެ ޓީމުގައި ގިނަ މެޗުތަކެއް ކުޅެވޭގޮތް ނުވީ އަނިޔާގެ މައްސަލަތަކުގެ ސަބަބުންނެވެ. ޒިދާން ބުނީ ހަޒާޑަކީ މި ލީގަށް އަލަށް އައި ކުޅުންތެރިއެއް ކަމަށާއި ހޭނުމުގައި އުނދަގޫތަކެއް އެބަހުރިކަމަށެވެ.

"ތެދެއް. ހަޒާޑަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެއްޖެ. އެކަމަކު މިއީ ތަކުރާރުކޮށް އެއް އަނިޔާއެއް ވާ ވާހަކައެއް ނޫން މި ބުނީ. އާ ލީގަކަށް އަންނައިރު ކޮންމެ ކުޅުންތެރިއަކަށް ވެސް އުނދަގޫތަކެއް ހުންނާނެ. ހަޒާޑަށް ވެސް އެ އުނދަގޫ ކުރިމަތިވޭ. އެކަމަކު އޭގެ މާނަ އަކީ އޭނާގެ ކުޅުން އެއްވެސް ވަރަކަށް ނުފެނެއޭ އެއް ނޫން. ހަޒާޑްގެ ބޭނުން އަހަރެމެންނަށް ހިފޭ،" ލީގުގައި މިރޭ އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޒިދާން ބުންޏެވެ.

ޒިދާން ބުނީ ރެއާލްގެ މެޑިކަލް ޑިޕާޓްމަންޓުގައި ތިބީ ފުޓްބޯޅައިގެ އަނިޔާގެ މައްސަލަތައް ވަރަށް ރަނގަޅަށް ދަންނަ މީހުން ކަމަށާއި ހަޒާޑް އަބަދު ހުންނަނީ އަނިޔާގައި ކަމަށް ބުނެ މީޑިއާގައި ވާހަކަ ދައްކާ މީހުންނަށް ފުޓްބޯޅައިގައި އިންޖަރީތައް ދިމާވާ ސަބަބުތައް ރަނގަޅަށް އެނގެން ޖެހޭ ކަމަށެވެ.

ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މިރޭ ކުޅޭ މެޗުން މޮޅުވެގެން އެ މަގާމުގައި ހަތަރު ޕޮއިންޓުގެ ލީޑު އަލުން ނެގޭނެ އެވެ. ޒިދާން ބުނީ ލީގުގައި ބާކީ ހުރި މެޗުތަކުގައި ހަޒާޑް ފެންނާނެ ކަމުގެ ބޮޑު ފުރުސަތެއް އެބައޮތް ކަމަށެވެ.

"ހަޒާޑްގެ ފިޓްނަސް މިހާރު ރަނގަޅު. އަހަރެންގެ އުއްމީދަކީ ލީގުގެ ފަހު ހަތަރު މެޗާއި ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުން. އެ ޔަގީންކަމާ އެކު އޭނާ ވެސް ހުރީ،" ޒިދާން ބުންޏެވެ.

ލީގުގައި މިހާތަނަށް ހަޒާޑް ކުޅުނު 14 މެޗުން އޭނާ އަށް ޖެހުނީ އެންމެ ގޯލެކެވެ. އޭނާ ވަނީ ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ރެއާލް ދަނޑުގައި މިރޭ އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.