Roadha Mihaaru
ފާޑުކިޔުން އަމާޒުވުމުން ހަޒާޑް މާފަށް އެދިއްޖެ

ފާޑުކިޔުން އަމާޒުވުމުން ހަޒާޑް މާފަށް އެދިއްޖެ

07 މެއި 2021

މެޑްރިޑް (މެއި 7) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޗެލްސީ އަތުން ރެއާލް މެޑްރިޑް ބަލިވެ މުބާރާތުން ކަޓައިގެން ދިއުމުން ވެސް، ކުރީގެ ޓީމުގެ ކުޅުންތެރިންނާ އެކު އެޑެން ހަޒާޑް ސަކަރާތް ޖަހާ ވީޑިއޯއެއް އާންމުވެ، ފާޑުކިޔުން އަމާޒުވުމުން އޭނާ މާފަށް އެދިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (މެއި 7) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޗެލްސީ އަތުން ރެއާލް މެޑްރިޑް ބަލިވެ މުބާރާތުން ކަޓައިގެން ދިއުމުން ވެސް، ކުރީގެ ޓީމުގެ ކުޅުންތެރިންނާ އެކު އެޑެން ހަޒާޑް ސަކަރާތް ޖަހާ ވީޑިއޯއެއް އާންމުވެ، ފާޑުކިޔުން އަމާޒުވުމުން އޭނާ މާފަށް އެދިއްޖެ އެވެ.

ސްޓެމްފޯޑް ބުރިޖުގައި، ޗެލްސީ އަތުން 2-0 އިން ރެއާލް ބަލިވި މެޗަށް ފަހު ޗެލްސީގެ ޑިފެންޑަރު ޒޫމާ އާއި ކީޕަރު އެޑްއާޑް މެންޑީއާ އެކު ހަޒާޑް ހީ ސަކަރާތް ޖަހާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވި އެވެ. އެއާއެކު ރެއާލްގެ ސަޕޯޓަރުންގެ ފަރާތުން ހަޒާޑަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

ޗެލްސީގައި ހަތް އަހަރު ހޭދަ ކުރުމަށް ފަހު، 2019 ގައި ރެއާލް އަށް ބަދަލުވި ހަޒާޑް ވަނީ، އޭނާއަށް ކުރިމަތިވި ފާޑުކިއުންތަކާ ގުޅިގެން ރެއާލްގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިފަ އެވެ.

ސްޕެނިޝް އަދި އިނގިރޭސި ބަހުން ހަޒާޑް އިންސްޓަގްރާމްގައި ލިއުނު ޕޯސްޓުގައި ބުނެފައި ވަނީ، ރެއާލް މެޑްރިޑުގެ ސަޕޯޓަރުން ހިތްދަތި ކުރުވުން އެއީ އެއްވެސް ވަރަކަށް އޭނާ ހިތަށް އެރުވި ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރެއާލްގެ ސަޕޯޓަރުންނަށް އުނދަގޫ ކުރިމަތިވި ކަމަށްޓަކައި މާފަށް އެދޭ ކަމަށް ވެސް ހަޒާޑް ލިޔެފައިވެ އެވެ.

"ރެއާލް މެޑްރިޑަށް ކުޅެ މި ޓީމާ އެކު ކާމިޔާބު ހޯދުމަކީ އަބަދުވެސް އަހަރެން ދެކެމުން އައި ހުވަފެނެއް،" ހަޒާޑް ލިޔެފައިވެ އެވެ. "އަދި މި ސީޒަން ނުނިމޭ، އެއް ޓީމެއްގެ ގޮތުގައި އަހަރެމެން ތިބެ ލަލީގާ ކާމިޔާބު ކުރަން އަހަރެމެން މަސައްކަތް ކުރާނަން."

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހަޒާޑްގެ އަމަލުތަކާ މެދު މެޑްރިޑްގެ ބައެއް ބޯޑު މެންބަރުންނާއި ބައެއް ކުޅުންތެރިން ވެސް ތިބީ ހިތްހަމަ ނުޖެހިފަ އެވެ. ޗެލްސީ އަށް 120 މިލިއަން ޔޫރޯ ދިނުމަށް ފަހު ރެއާލް އިން ހަޒާޑުގެ ސޮއި ހޯދި ނަމަވެސް އޭނާގެ މާ ބޮޑު ބޭނުމެއް އަދި އެ ކްލަބަށް ނުހިފެ އެވެ. ރެއާލްގައި ދެ އަހަރުވީއިރު ހަޒާޑް ގިނައިން ހޭދަ ކުރީ އަނިޔާގަ އެވެ.

ޗެލްސީއާ ދެކޮޅަށް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ފުރަތަމަ 11 އިން އޭނާ އަށް ފުރުސަތު ދިނެވެ.