Roadha Mihaaru
ޕޮޒިޓިވް ކޭސްތައް މައްޗަށް: ނުރައްކަލުގެ އިންޒާރެއް

ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް: ނުރައްކަލުގެ އިންޒާރެއް

11 ޖުލައި 2020

ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފެށުމާ އެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކުރިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން ދަނީ ގިނަވަމުންނެވެ. އިއްޔެ އެކަނި ވެސް 64 މީހުން ޕޮޒިޓިވް ވުމުން، ގިނަ ބަޔަކު އެކަން ސިފަކުރީ ނުރައްކާތެރި އިންޒާރެއްގެ ގޮތުގަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފެށުމާ އެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކުރިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އެކަމަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ނިސްބަތުން ދަނީ ގިނަވަމުންނެވެ. އިއްޔެ އެކަނި ވެސް 64 މީހުން ޕޮޒިޓިވް ވުމުން، ގިނަ ބަޔަކު އެކަން ސިފަކުރީ ނުރައްކާތެރި އިންޒާރެއްގެ ގޮތުގަ އެވެ.

މިދިޔަ އޭޕްރީލް 15ގައި މާލެ ތެރެއިން ފުރަތަމަ ކޭސް ފެނުމާ އެކު، މާލެ ސަރަހައްދު އޮތީ ވަރަށް ހަރުކަށި ލޮކްޑައުންއެއްގަ އެވެ. އެކަމަކު ބަލި ފެތުރުން ކޮންޓްރޯލްކުރެވޭ ވަރަކުން އެކި ލުއިތައް ދެމުން ގޮސް، ކެފޭ/ރެސްޓޯރަންޓްތަކާއި މިސްކިތްތަކާއި ޖިމްތަކާއި ސްކޫލުތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތައް މިހާރު މިވަނީ ހުޅުވައިފަ އެވެ. ޖޫން 15 ގައި ލޮކްޑައުންއަށް އެންމެ ފުރަތަމަ ލުއި ދޭން ފެށި ފަހުން ވީ ތިން ހަފުތާގައި ޕޮޒިޓިވް ކޭސްތައް ފެނުނީ ނިސްބަތުން މަދުންނެވެ. ނަމަވެސް މިދިޔަ ދެ ތިން ދުވަހު އެ ރޮނގު އެ ހުރީ މައްޗަށް ޖަހައިފަ އެވެ.

ނުރައްކާ ބޮޑުވެދާނެކަމުގެ އިންޒާރު ލިބެނީ ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ނިސްބަތުން މަތީގައި އުޅޭތީ އެވެ. މިދިޔަ ބުރާސްފަތި ދުވަހު 33 އަދި އިއްޔެ 44 ދިވެހިން ވަނީ ޕޮޒިޓިވްވެފަ އެވެ.

މާލެ ތެރެއިން ކޮވިޑް-19 ފެތުރެން ފެށުމާ އެކު ގިނައިން ޕޮޒިޓިވްވަމުން ދިޔައީ ބަންގްލަދޭޝް މީހުންނެވެ. އެކަމަކު ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކާ އެކު އެ ބައި މިހާރު ވަނީ ކޮންޓްރޯލްކުރެވިފަ އެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި ބައެއް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިހާރު މި ފެންނަނީ ކޮވިޑް-19ގެ އަސްލު ކޮމިއުނިޓީ ސްޕްރެޑްގެ ފެށުން ކަމަށް ވެސް ވެދާނެ އެވެ. އެއީ މީގެ ކުރިން ބަލި ފެތުރެމުން ދިޔައީ، މާލެ ތެރެ ވަރަށް ބޮޑަށް ބަންދުކޮށްފައި ވަނިކޮށް ކަމަށް ވެފައި، ލޮކްޑައުން ދޫކޮށްލުމުން މީހުންގެ އާދަތައް، ބަލި ކޮންޓްރޯލްކުރެވޭ މިންވަރަށް ނުބެހެއްޓުމުގެ ނަތީޖާ އެވެ.

ހުރިހާ ހިދުމަތްތައް ހުޅުވާލުމުން، ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެދާނެ ކަމަށް ނުވަތަ ސާޖެއް އައިސްދާނެ ކަމަށް، ތަޖުރިބާކާރުން ކުރިން ވެސް ލަފާކުރި އެވެ. އަދި އެކަމަށް ތިބީ ކުރިއްސުރެ ތައްޔާރު ވެސް ވެގެންނެވެ. އެކަމަކު ފަރުވާކުޑަކޮށްފި ނަމަ، އަލުން ލޮކްޑައުންއަކަށް ދާން ޖެހިދާނެކަމުގެ އިންޒާރު ވެސް އައީ ދެމުންނެވެ.

"މިހާރު މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އޭނާގެ ކޮންޓެކްޓުން ވަރަށް ގިނަވާނެ. އެއީ އާއްމު ތަންތަން ހުޅުވާލާފައިވުމާ އެކު، ގިނަ ތަންތަނަށް ދިއުމުގެ ފުރުސަތު އެބަ އޮތް،" ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި ސިއްހީ ކަންކަމުގައި އާންމުން ހޭލުންތެރިކުރަން ސޯޝަލް މީޑިއާގެ ބޭނުން ކުރައްވާ އަހުމަދު ފައިސަލް ވިދާޅުވި އެވެ.

ހައްލަކީ އަލުން ލޮކްޑައުންއަށް ދިއުމެއް ނޫން!

ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އިތުރުވާން ފެށުމާ އެކު ހައްލެއްގެ ގޮތުގައި ބައެއް މީހުން ބުނަނީ މާ ލަސް ނުވަނީސް އަނެއްކާވެސް މާލެ ލޮކްޑައުން ކުރުމަށެވެ. ނޫނީ ދީފައިވާ ލުއިތައް ނަގައި، އަނެއްކާވެސް ހަރުކަށިކުރުމެވެ. އެކަމަކު ސިއްހީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ހައްލެއް ނޫނެވެ.

އިއްޔެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗުޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއީ އިތުރު ލޮކްޑައުންއަކަށް ދާން ވިސްނަންވީ ވަގުތެއް ނޫން ކަމަށެވެ. ލޮކްޑައުންގެ ސަބަބުން ބޮޑެތި އެހެން ދަތިތަކާ ވެސް ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ބަލިމަޑުކަމުން ފަސޭހައިން ރައްކާތެރިވުމަށް، އާއްމުންނަށް އޮތީ އަމަލުތައް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމާއި ސޯޝަލް ޑިސްޓެންސިން ބެހެއްޓުމާއި ބޭރަށް ނުކުންނައިރު މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވުން ފަދަ ކަންކަން ކުރުމެވެ.

އުމުރުން ދުވަސްވީ މީހުންނަށް ނުރައްކާ

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ބައެއް މީހުންގެ އަމަލުތަކަށް ބަލާއިރު ބޮޑު ބަލިމަޑުކަމެއްގައި އުޅޭހެން ހީނުވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ މުޒާހަރާކުރުމާއި ތަންތަނަށް މީހުން އެއްވުން ފަދަ ކަންކަމެވެ.

"ހައްގު ހޯދުމަށް މުޒާހަރާ ކުރުން ރަނގަޅު. އެކަމަކު މިވަގުތު އެގޮތަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރަނީ ބަލި ނުފެތުރޭނެ ގޮތަށް އަމަލުތައް ބަހައްޓައިގެންތޯ ސުވާލު އުފެދޭ،" އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ކުރެވޭނީ އެންމެން ވެސް އެއްބާރުލުން ލައިގެންނެވެ. އެހެން ނޫނީ، އަތް ނުފޯރާ ފަށަށް ބަލިމަޑުކަން ހިނގައިދާނެކަމުގެ ބިރު އޮތްކަން އޭނާ ވެސް ހަނދާންކޮށްދެއްވި އެވެ.

މިހާރު އޮތް އެއް ބިރަކީ އުމުރުން ދުވަސްވީ މީހުންނާ ހަމަޔަަށް ބަލި ދިއުމުގެ ފުރުސަތު ބޮޑުވުމެވެ. ތޮއްޖެހުން ބޮޑު މާލޭގައި އުމުރުން ދުވަސްވީ މީހުން ވެސް އުޅެނީ، އެހާ ބޮޑަށް އެކަހެރި މާހައުލެއްގައެއް ނޫނެވެ. ދަރިންނާއި ތިމާގެ މީހުން ކައިރީގައި، ކުދިކުދި ތަންތަންކޮޅުގަ އެވެ.

ލޮކްޑައުންއަށް ފަހު ގިނަ މީހުން ބޭރަށް ނުކުންނަން ފެށުމުން، ގޭތެރެއަށް ކޮރޯނާވައިރަސް ވަނުމުގެ ފުރުސަތު، ލޮކްޑައުންގެ ދުވަސް ވުރެ މާ ބޮޑަށް މި އޮތީ ހުޅުވިފަ އެވެ. ބަލީގެ ނުރައްކާ ބޮޑީ ވެސް އުމުރުން ދުވަސް ވީ މީހުންނަށް ކަމަށް ވާތީ، ޕޮޒިޓިވް މީހުންގެ އަދަދު ގިނަވާ ވަރަކަށް، އުމުރުން ދުވަސް މީހުންނަށް އޮތް ނުރައްކާ ވެސް ބޮޑުވާނެ ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ. އަދި މިހާރު މި ފެންނަނީ އޭގެ އަލާމާތްތަކެވެ.