Roadha Mihaaru
އެއްބާރުލުން ދީ، ލޮކްޑައުން ރަނގަޅެއް ނޫން: ރައީސް

އިތުރު ލޮކްޑައުނަކަށް ދިއުން ރަނގަޅެއް ނޫން: ރައީސް

03 އޯގަސްޓް 2020

ރާއްޖެ އިތުރު ލޮކްޑައުނަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ، ކޮވިޑް-19 އިން އަރައިގަތުމަށް އެންމެންގެ އެއްބާރުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އިތުރު ލޮކްޑައުނަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ، ކޮވިޑް-19 އިން އަރައިގަތުމަށް އެންމެންގެ އެއްބާރުލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވަން ވަނީ އިލްތިމާސްކުރައްވައިފަ އެވެ. މުހިއްމު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ސިއްހީ ތަޖުރިބާކާރުން ވެސް އިރުޝާދު ދެއްވަމުން އަންނަ ގޮތަށް ބޭރުގައި އުޅޭއިރު މާސްކް އެޅުމެވެ.

އަދި ވަކި ހާއްސަ ފަރުވާއެއް ހޯދިފައިނުވާ ބަލިން ރައްކާތެރިވުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ. އެ އެންގުމާ ހިލާފުވާ މީހުން ފުލުހުން އަންނަނީ ޖޫރިމަނާ ވެސް ކުރަމުންނެވެ.

"އެޗްޕީއޭގެ އެންގުންތަކަށް އަމަލުކުރައްވާ. ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިއްމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއްނޫން،" ރައީސްގެ ޓްވީޓުގައ ވެ އެވެ.

އޭޕްރީލް 15 ގައި މާލެއިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުމާއެކު މުޅި މާލެ ސަރަހައްދު ލޮކްޑައުންކުރި އެވެ. އެ ހަރުކަށި ފިޔަވަޅުތަކަށް ޖޫން 15 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދީފައިވާއިރު، އެ ބަލި ޖެހޭ މީހުންގެ އަދަދު، ހާއްސަކޮށް ދިވެހިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެގޮތުން އިއްޔެ އަކީ، މާޗު 7 ގައި ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެޗްޕީއޭއިން ރޭ އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި 215 މީހުން ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރޭގައި 149 ދިވެހިން ހިމެނެ އެވެ.

އެ ބަލި ފެެތުރުނު ފުރަތަމަ ދޮޅު މަހެއްގެ ތެރޭގައި އޭގެ ނުރައްކާ ބޮޑަށް އޮތީ ބިދޭސީންގެ މެދުގަ އެވެ. ނަމަވެސް، ތޮއްޖެހިގެން އުޅޭ ބިދޭސީން ރައްކާތެރި ތަންތަނަށް ބަދަލުކުރި ހިސާބުން، ކޮވިޑް-19 ޖެހޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް މަދުވެފަ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 4،164 އަށް އަރާފައިވާއިރު ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 2،085 އެވެ. ދެން އެންމެ ގިނައީ ބަންގްލަދޭޝް މަސައްކަތްތެރިންނެވެ. އެ ގައުމަށް ނިސްބަތްވާ 1،665 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.