Roadha Mihaaru
ރިލީސް ސާމްޕަލް ދެން ނަގާނީ މާފަންނު މަދަރުސާގައި

ރިލީސް ސާމްޕަލް މާދަމާއިން ފެށިގެން ނަގާނީ މާފަންނު މަދަރުސާގައި

26 ޖުލައި 2020

މާލޭގައި ހޯމް ކަރަންޓީން ކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ހަދާ ޓެސްޓުގެ ސާމްޕަލް ނަގަން މާދަމާ އިން ފެށިގެން ދާން ޖެހޭނީ މާފަންނު މަދަރުސާއަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލޭގައި ހޯމް ކަރަންޓީން ކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ހަދާ ޓެސްޓުގެ ސާމްޕަލް ނަގަން މާދަމާ އިން ފެށިގެން ދާން ޖެހޭނީ މާފަންނު މަދަރުސާއަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.

ހޯމް ކަރަންޓީން ކުރުމަށް ފަހު ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ފަހު ނަތީޖާ ނެގެޓިވް ނަމަ ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ދެވަނަ ޓެސްޓު ހަދަ އެވެ. މި ސާމްޕަލްތައް މީގެ ކުރިން ނަގަނީ އެ މީހަކު ދިރިއުޅޭ ތަނަކަށް ރެޕިޑް ރެސްޕޯންސް ޓީމު ގޮސްގެންނެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މި އުސޫލު މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. ރިލީސް ސާމްޕަލް ނަގަން އެޗްއީއޯސީން ދެން ނުދާނެ ކަމަށާއި އަމިއްލައަށް ގޮސް ސާމްޕަލް ނެގޭނެ ގޮތް ހެނދުނު ނުވަޔަކުން ރޭގަނޑު ނުވަޔަކަށް މާފަންނު މަދަރުސާގައި ހަމަޖައްސާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"ދެން ބަލީގެ އަލާމާތްތައް ހުރި ނުވަތަ ބަލި ހާލަތު ހުރިގޮތުން މިސާލަކަށް އުމުރުން ދުވަސްވީ ބެޑް ރިޑަންޑަންޓް މީހެއް ވެއްޖެއްޔާ ނުދެވޭނެ. އެހެންވީމަ އެ ގެއަކަށް އަޅުގަނޑުމެން ދާނަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސާމްޕަލް ނަގަން ދާން އެޗްއީއޯސީން ފޯން ކޯލެއް ނުވަތަ އެސްއެމްއެސް އެއް މެދުވެރިކޮށް އަންގާނެ އެވެ. އަދި ސާމްޕަލް ނަގަން ދިއުމުގައި ވެސް ވީހާ ވެސް މީހުންނާ މަދުން ބައްދަލުވާނެ ގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރެއްވި އެވެ.

"މިހެން ވަޑައިގަންނަވާ އިރު ވަރަށް މުހިންމު ކަމެއް އެއްވެސް ވަރަކަށް ޓެކްސީ ނުވަތަ ޕަބްލިކް ޓްރާސްޕޯޓް ބޭނުން ނުކުރެއްވުން، ހިންގަވާފަ ނޫނީ ސައިކަލުގަ ވަޑައިގެންނެވުމަކީ ވަރަށް މުހިންމު ކަމެއް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސާމްޕަލް ނަގަން ބޭރަށް ނިކުމެވުނަސް ނަތީޖާ ލިބުމުގެ ކުރިން މީހާއަށް ރިލީޒް ނުލިބޭނެ ކަމަށެވެ. އެހެންވީމާ ސާމްޕަލްގެ ނަތީޖާ ލިބެންދެން ހޯމް ކަރަންޓީންގައި މަޑުކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު މި ހިދުމަތް ދެނީ މާލޭގައި އެކަންޏެވެ. ވަރަށް އަވަހަށް ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މިފަދަ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށާއި، ހަމަޖެހެންދެން އެ ސަރަހައްދުތަކުން ސާމްޕަލްތައް ނަގާނީ އާރްއާރްޓީ ޓީމުން އެ މީހަކު ހުރި ތަނަކަށް ގޮސްގެން ކަމަށް ވިދާޅުވި އެވެ. ރާއްޖެއިން މިހާތަނަށް 3،302 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 2،534 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބަލީގައި 15 މީހަކު މަރުވެފައިވާއިރު، މިހާރު ފަރުވާދެމުން އަންނަނީ 738 މީހުންނަށެވެ. މިވަގުތު 544 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.