Roadha Mihaaru
ހާލަތު ދަށް، އެކަމަކު ދެން ވެސް އޮތީ ރައްކާތެރިވުން

ދިރިއުޅުން ބޮޑު ވެއްޓުމަކަށް، އެކަމަކު ދެން ވެސް އޮތީ ރައްކާތެރިވުން

12 ޖުލައި 2020

މިވެނިކަމެއް ކުރާ އިރު، ކޮވިޑް-19 އިން ރައްކާތެރިވާން ކުރަންވީ ކީއްތޯ އަހައިދޭން އެކަކު ބުންޏެވެ. އަނެެކަކު އެދުނީ މިވެނި މީހަކު އަމަލުކުރާ ގޮތުގެ ސަބަބުން ނުރައްކަލެއް ނުވާނެތޯ އަހައި ދިނުމަށެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިވެނިކަމެއް ކުރާ އިރު، ކޮވިޑް-19 އިން ރައްކާތެރިވާން ކުރަންވީ ކީއްތޯ އަހައިދޭން އެކަކު ބުންޏެވެ. އަނެެކަކު އެދުނީ މިވެނި މީހަކު އަމަލުކުރާ ގޮތުގެ ސަބަބުން ނުރައްކަލެއް ނުވާނެތޯ އަހައި ދިނުމަށެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޭރު ކޮންމެ ރެއަކު ބާއްވަމުން އައި މީޑިއާ ބްރީފިންތަކުގައި ބައިވެރިވާ ނޫސްވެރިންނަށް އެފަދަ ގިނަ ސުވާލުތަކެއް، އެކި މީހުންގެ ފަރާތުން އޭރު ލިބެމުން އަ އެވެ. ރައްކާތެރިކަމާ މެދުގައި ހުރި ކަންބޮޑުންތަކުގެ ސުވާލުތައް ގިނަކަމުން ގިނަ ސުވާލުތައް ނުވެސް ކުރެވެ އެވެ. އެކަމަކު އޭރު އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒާއި އެޗްޕީއޭގެ މާހިރުން ދެއްވި ގިނަ މައުލޫމާތުން ސުވާލުތަކުގެ ޖަވާބުތައް އައީ ލިބެމުން މެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެންމެން ވެސް އޭރު އެހާ ބޮޑު އިސްކަމެއް ދިނެވެ. ލޮކްޑައުންއާ ހެދި ވަމުން އައި ގެއްލުންތަކާ މެދު ވިސްނޭ ވަރަށް ވުރެ ވެސް ބޮޑަަށް ސަމާލުކަން އޮތީ ރައްކާތެރިކަމަށެވެ.

އެކަމަކު މިހާރު ކުރަނީ މުޅިން އެެހެން ސުވާލެކެވެ: "ކިހިނެއް ވާނެހެން ހީވަނީ؟ ލޮކްޑައުން ކޮށްފާނެތަ؟" އާންމު މީހަކު ސުވާލުކުރި އެވެ. "އަދި ހިއެއްނުވެއޭ" ބުނީމާ އޭނާގެ ޖަވާބަކަށް ވީ މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށެވެ.

ބަލި ޖެހިދާނެ ކަމުގެ ކަންބޮޑުވުމަށް ވުރެ ބޮޑަށް ގިނަ ބަޔަކު މިހާރު ކަންބޮޑުވަނީ އިތުރު ފިޔަވަޅެއް އަޅާފާނެތީ އެވެ. ސަބަބުތައް ބައިވަރެވެ. ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، މާލެ ލޮކްޑައުންކޮށްފައި އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެންމެނަށް ވަރަށް ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ. އެތައް ބައެއްގެ މަސައްކަތާއި އާމްދަނީ ހުއްޓި، ހާލުގައި ޖެހުމަކީ އެންމެ ބޮޑު ސަބަބެވެ.

"ދެން ލޮކްޑައުން ކުރަން ޖެހޭނީ އަހަރެމެންގެ އަތުގައި ބިޑި އަޅުވާފައި،" ނަަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެކަކު ބުންޏެވެ. އޭނާ ބުނީ ފިޔަވަޅުތައް އެޅުމުން ވީ ގެއްލުމުގައި ސަރުކާރުން މީހުންގެ ހާލު ބަލަންވާ ވަރަށް ބަލާފައި ނުވާ ކަމަށެެވެ.

ކިތައްމެހާ ވެސް ދަތި، ސަރުކާރުން އެކަން ވެސް ގަބޫލުކުރަން ޖެހޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުން ޓޫރިޒަމް އިންޑަސްޓްރީ އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. އެއާ އެކު އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، ކުރާނެ ކަމެއް ނެތިގެން ތިބެން ޖެހުނީ އެވެ. މާލޭގައި ވަޒީފާކުރަމުން އައި އެތައް ބަޔަކު ރަށަށް މިސްރާބު ޖަހައިފި އެވެ.

ވަޒީފާ ގެއްލުނު މީހުންނަށް އިނާޔަތްތަކެއް ދޭން ސަރުކާރުން ނިންމައި، ބައެއް މީހުންނަށް އިނާޔަތް އަންނަނީ ދެމުންނެވެ. އެކަމަކު މިހާތަނަށް އިނާޔަތް ލިބުނީ ވަޒީފާ ގެއްލުނު މިންވަރާ އަޅާ ބަލާއިރު މަދު ބަޔަަކަށެވެ. އެކަމުގައި ޕްރޮސެސް ކުރިއަށްދާލެއް ލަސްކަމުން އެއް ބަޔަކު އަދިވެސް ތިބީ ފޯމް ފުރައިގެން ޖަވާބެއް ނުލިބި އެވެ.

އެހެން ތިބި އެތައް ބަޔަކު އެނބުރެން އޮތް މަސައްކަތަކީ މަސްވެރިކަން ފަދަ އިންޑަސްޓްރީތަކަށް ސަރުކާރުން ސަމާލުކަން ދެނީ ކިހާވަރަކަށްތޯ ސުވާލު އުފެދެ އެވެ. މަސްވެރިންގެ ފަރާތުން އަދިވެސް އިވޭ ޝަކުވާ އަކީ ބާނާ މަސްކޮޅު ކިރުވާލާފައި ފައިސާގެ އިންތިޒާރުގައި ތިބެން ޖެހޭ މުއްދަތު ދިގުވުމެވެ.

ރާއްްޖެއަށް މުދާ އެތެރެކޮށް ވިޔަފާރިކުރާ މީހުންގެ ޝަކުވާ އަކީ ޑޮލަރު ލިބުން ދަތިވާން ފެށުމެވެ.

ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15:42ރ ކަމަށް ވިޔަސް ކަޅު ބާޒާރުގައި 17ރ.-18ރ. އާ ދެމެދުގެ އަގެއްގައި ޑޮލަރު މިހާރު އެބަ ގަނެ އެވެ.

ބައެއް ވިޔަފާރިވެރިން ލަފާކުރާ ގޮތުގައި ބައެއް ތަކެތީގެ އަގުތައް މައްޗަށް ދިއުން އެކަށީގެންވެ އެވެ. މިއީ ވެސް ދަތީގައި ތިބި ރައްޔިތުންނަށް ކުރިމަތިވާނެ ހާސްކަމެކެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގައި ބައެއް މީހުންގެ ފަރާތުން މިހާރު ފެންނަ ފަރުވާކުޑަކަމުގެ އެއް ސަބަބަކީ، އާމްދަނީ ހޯދަން ބޭރަށް ނުކުންނަ ޖެހުން ކަމަށް ވެސް ވެދާނެ އެވެ. އެހެން ނުކުންނަ އިރު، އިތުރު ކަމަކަށް ފަރުވާ ނުބަހައްޓައި، އޭރަކު އެ ހުރި ތަނެއްގައި، ބޭނުން ކޮންމެ ގޮތަކަށް އުޅެ ގަންނަނީ އެވެ. އެކަމަކު ބައެއް މީހުން މިހާރު ވެސް ވަރަށް ބޮޑަށް ފަރުވާ ކުޑަވެއްޖެ ކަަން ސިއްހީ މާހިރުންނަށް ފާހަގަކުރެވިއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންއަށް ލުއިދިނުމުން މަގުތަކުންނާއި އެހެން ތަންތަނުން ފެންނަ މަންޒަރުތަކުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި މަގުތަކުގައި ވެސް ހަރަކާތްތެރިވުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "ފުރަތަމަ ކޮޅުގައި އަޅުގަނޑުމެންނަށް ފެނުނު އިނގޭތޯ ވަރަށް ގިނަ ބޭފުޅުން މާސްކް އަޅުއްވައިގެން އުޅުއްވި ތަން. އެެހެން ނަމަވެސް މިހާރު އެބަ ފެނޭ މާސްކް ނާޅާ އުޅޭތަން. އަދި މާސްކު އެޅިކަމުގައި ވިޔަސް މާސްކް އަަޅަންވާ ގޮތަށް ނާޅާތަން،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.

ވަޒީފާ ގެއްލުނަސް، އަދި އާމްދަނީ ދަށަށް ދިޔަސް، ފުރަތަމަ ވިސްނުމަކަށް ވާން ޖެހޭނީ ތިމާގެ އަމިއްލަ ރައްކާތެރިކަމެވެ. އެ ރައްކާތެރިކަމަކީ، ކޮވިޑް-19 އިން ސަލާމަތްވުމެވެ. އެކަން ނުވެ، ކުރީގެ ހާލަތަކަށް ދެވޭނެ ގޮތެއް ވެސް ނެތެވެ. އެހެންކަމުން ކޮންމެ ހާލެއްގައި ނަމަވެސް ފުރަތަމަ ޒިންމާއަކަށް މި އޮތީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކުރިއަށް ދިއުމެވެ. އަދި އާންމު ރައްޔިތުން މިހާރު ތިބި ހާލަތުގައި، ދައުލަތަށް ފޯރުކޮށްދެވޭނެ އެހީތެރިކަން ލިބުނު އަވަސްކުރުމަކީ، މާޔޫސްކަމުން އަރައިގަތުމުގެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް، ސަރުކާރުން އެބަ ދަންނަން ޖެހެ އެވެ.