Roadha Mihaaru
ލިވަޕޫލްގެ ރެކޯޑަށް ނިމުމެއް، ޗެލްސީ އަށް ހާސްކަން

ލިވަޕޫލްގެ ރެކޯޑަށް ނިމުމެއް، ޗެލްސީ އަށް ހާސްކަން

12 ޖުލައި 2020

ލަންޑަން (ޖުލައި 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ލިވަޕޫލް ރޭ 1-1 އިން ބާންލީއާ އެއްވަރުވެ އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރެކޯޑަށް ނިމުމެއް އައިއިރު، ޝެފީލްޑް ޔުނައިޓެޑް އަތުން 3-0 އިން ބަލިވެ ގަދަ ހަތަރެއްގެ ރޭހުގައި ޗެލްސީ އަށް ހާސްކަން ކުރިމަތިވެއްޖެ އެވެ.

ލަންޑަން (ޖުލައި 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ލިވަޕޫލް ރޭ 1-1 އިން ބާންލީއާ އެއްވަރުވެ އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރެކޯޑަށް ނިމުމެއް އައިއިރު، ޝެފީލްޑް ޔުނައިޓެޑް އަތުން 3-0 އިން ބަލިވެ ގަދަ ހަތަރެއްގެ ރޭހުގައި ޗެލްސީ އަށް ހާސްކަން ކުރިމަތިވެއްޖެ އެވެ.

ލިވަޕޫލުން ލީގުގައި 100 ޕޮއިންޓް ހަމަކުރަން ކުރާ މަސައްކަތަށް ވެސް ރޭގެ ނަތީޖާއާ އެކު ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. އެއް ވަނައިގައި ލިވަޕޫލް އޮތީ 35 މެޗުން 93 ޕޮއިންޓާ އެކު އެވެ. ރަށުންބޭރުގައި ބާންލީ އަތުން 5-0 އިން މޮޅުވެ ސިޓީ ދެ ވަނައިގައި އޮތީ 35 މެޗުން 72 ޕޮއިންްޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 35 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ހަތަަރު ވަނައިގައި އޮތް ލެސްޓާ ސިޓީ މޮޅުވެއްޖެނަމަ އެ ޓީމަށް ތިން ވަނަ މަގާމަށް އެރޭނެ އެވެ. ލެސްޓާ މި ވަގުތު ހަތަރެއްގައި އޮތީ 34 މެޗުން 59 ޕޮއިންޓާ އެކު އެވެ.

މި ބުރުގެ މެޗުތައް ނިމޭއިރު ޗެލްސީ ފަަސް ވަނަ އަށް ވެއްޓުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ މި ވަގުތު ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް މާދަމާރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެވެ. ޔުނައިޓެޑް މި ވަގުތު ފަސް ވަނައިގައި އޮތީ 34 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލްގެ ދަނޑުގައި ރޭގެ މެޗާ ހަމައަށް އެ ޓީމުން ވަނީ ލީގުގައި މި ސީޒަނުގައި ކުޅުނު 17 މެޗުން މޮޅުވެފަ އެވެ. ލިވަޕޫލަށް ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި މޮޅުނުވެވި ދިޔައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭގެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 24 މެޗުން ވަނީ މޮޅުވެފަ އެވެ.

ރޭގެ މެޗުގައި ލިވަޕޫލް މޮޅުވިޔަ ނުދީ ހިފެހެއްޓުމުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ބާންލީ ގޯލުގައި ހުރި އިނގިރޭސި ކީޕަރު ނިކް ޕޯޕް އެވެ. އޭނާ ވަނީ ލިވަޕޫލުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ލިވަޕޫލްގެ މުހައްމަދު ސަލާހު ފޮނުވާލި ބޯޅަތަކެވެެ.

ކީޕަރު ޕޯޕް (ވ) ލިވަޕޫލްގެ މާނޭ ހުއްޓުވަން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ކީޕަރު ޕޯޕް (ވ) ލިވަޕޫލްގެ މާނޭ ހުއްޓުވަން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލިވަޕޫލަށް މި މެޗުގައި ލީޑުނަގައިދިނީ ސްކޮޓްލެންޑްގެ ވާތުބެކް އެންޑީ ރޮބަޓްސަން އެވެ. އޭނާ މި ލަނޑު ޖެހީ ފަބީނިއޯ ނަގައިދިން ހުރަހަކުން ބޮލުންނެވެ. ބާންލީން އެއްވަރުކުރީ ދެ ވަނަ ހާފުގައި ޖޭ ރޮޑްރިގޭޒް ޖެހި ގޯލުންނެވެ. ލިވަޕޫލުން މެޗުގެ ފަހު ވަގުތު ރޮބަޓްސަން އަށް ކުރި ފައުލަކަށް ޕެނަލްޓީ ހޯދަން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެކަމަކު އެކަން ކާމިޔާބުވާގޮތެއް ނުވި އެވެ. ބާންލީ މޮޅުކޮށްދޭން ޖޯހަން ބާގް ގުޑްމުންޑްސަން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

"މި އިހުސާސްކުރެވެނީ ބައްޔެއްގެ ގޮތުގައި. އަހަރެމެންނަށް ޕެނަލްޓީއެއް ލިބެން ޖެހޭ ހާލަތެއް ދިޔަ. ހަގީގަތުގައި މިއީ ބާންލީ އާއި ލިވަޕޫލްގެ މެޗަކަށް ވުރެން. ލިވަޕޫލާއި ޕޯޕްގެ ކުރިމަތިލުމެއް،" ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުންޏެވެ.

ބަދަލުތަކާ އެކު ރޭގެ މެޗަށް ނުކުތް ޗެލްސީ އަށް ރޭގެ މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ޝެފީލްޑް ފެނުނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކުޅުނުތަނެވެ. އެގޮތުން ފުރަތަމަ ހާފުގައި ޝެފީލްޑުން ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ ޑޭވިޑް މެކްގޯލްޑްރިކާއި އޮލީ މެކްބާނީ އެވެ. ޓެމީ އަބްރަހަމް ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު ޗެލްސީ އަށް ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް ފޮނުވައިނުލެވުނެވެ. ދެ ވަނަ ހާފުގައި ބަދަލުތައް ގެނެސްގެން ލަނޑު ޖަހަން ޗެލްސީން ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ. ޝެފީލްޑްގެ ފަހު ގޯލު ވެސް ޖެހީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި މެކްގޯލްޑްރިކް އެވެ.

ޗެލްސީގެ ކޯޗު ލަމްޕާޑް ބުނީ މުޅި މެޗުގައި ވެސް މޮޅުވުމުގެ ރޫހުގައި ބޮޑަށް މަސައްކަތްކުރީ ޝެފީލްޑް ކަމަށާއި އެ ޓީމަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.

ބްރައިޓަން ދަނޑުގައި ރޭ ސިޓީގެ ފަސް ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި އިނގިރޭސި ވިންގް ރަހީމް ސްޓާލިން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މިއާ އެކު މި ސީޒަނުގައި ސްޓާލިން ވަނީ ހުރިހާ މުބާރާތެއްގައި 27 ގޯލު ހަމަކޮށްފަ އެވެ. ސިޓީގެ އަނެއް ދެ ގޯލު ޖެހީ ބެނާޑޯ ސިލްވާ އާއި ގަބްރިއެލް ޖީސޫސް އެވެ.

އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 4-0 އިން ބަލިވި ނޯވިޗް ސިޓީ ވަނީ ބާކީ ތިން މެޗު އޮއްވައި ރެލިގޭޓްވެފަ އެވެ. ވެސްޓް ހޭމްގެ ހަތަރު ގޯލު ޖެހީ ވެސް މިކައެލް އެންޓޯނިއޯ އެވެ.