Roadha Mihaaru
މުޒާހަރާގެ ބިލް ކުރިއަށް ނުދަނީ އަނބުރާ ގެންދިއުމުން؟

މުޒާހަރާގެ ފުރުސަތު ދޭ ބިލް ކުރިއަށް ނުދަނީ އަނބުރާ ގެންދިއުމުން؟!

17 ޖުލައި 2020

އެއްވެ އުޅުމުގެ ހައްގު ހަނިކުރި އިސްލާހު އުވައިލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް ކުރިއަށް ނުދަނީ އެ ބިލް އަނބުރާ ގެންގޮސްފައި ވާތީ ކަމަށް ބިލް ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އިއްޔެ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެއްވެ އުޅުމުގެ ހައްގު ހަނިކުރި އިސްލާހު އުވައިލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް ކުރިއަށް ނުދަނީ އެ ބިލް އަނބުރާ ގެންގޮސްފައި ވާތީ ކަމަށް ބިލް ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އިއްޔެ ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި އިސްލާހު ގެނެސް، މާލޭގައި މުޒާހަރާ ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ވަނީ ދީފަ އެވެ. އެހެންވެ، ހޯމް މިނިސްޓްރީން ކަނޑައަޅާފައި ވަނީ ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ. އެ އިސާލާހާ ދެކޮޅަށް ކުރިން އެންމެ ބޮޑަށް އަޑުއުފުލި، މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން މިހާރު އޭގެ ވާހަކައެއް ނުދައްކަ އެވެ. ޔާމީންގެ ސަރުކާރުން ގެނައި އިސްލާހު ބަދަލުކުރާކަށް ވެސް މަސައްކަތެއް ނުކުރެ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 27 ގައި، ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ވިދާޅުވެފައި ވަނީ އިސްލާހު އެއްކޮށް އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރޫއަރާފާނެ ފަދަ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށެވެ.

އެ އިސްލާހު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި، އެ ބިލުގެ މަސައްކަތް ކޮމެޓީގައި ކުރިއަށް ނުދާތީ ވިލިމާލޭ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް، ސުވާލު ކުރެއްވުމުން ކޮމިޓީގެ މުގައްރިރު އެމްޑީޕީގެ މެމްބަރު ޝަރީފް ވިދާޅުވީ، އެ ބިލް އަނބުރާ ގެންގޮސްފައިވާ ކަމަށް ޖާބިރު ވިދާޅުވެފައިވާ ކަމަށެވެ. އެކަމަކު، ރަސްމީ ސިފައެއްގައި މަޖިލީހުގެ އިދާރާއަށް އެކަން އަންގާފައި ނުވާތީ އެ ބިލު ކޮމިޓީގައި އޮތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އެ ބިލް އޮތްގޮތަށް ފާސްކޮށް، ކޮންމެ ތަނެއްގައި އެއްވެ އުޅުމުގެ ހައްގު ދިނުމަކީ ރަނގަޅު ގޮޮތެެއް ނޫން ކަމަށާއި އޭގެ ސަބަބުން އާންމު މަސްލަހަތު ގެއްލޭނެ ކަމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކޮމިޓީގައި ކުރިން ބުނެފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އުޝާމް ވިދާޅުވި ގޮތުގައި، މާލޭގައި އެއްވެ އުޅުމުގެ ހައްގު ހަނިކުރީ ގާނޫނުގެ މައްސަލައަކަށް ވުރެ ސަރުކާރުން ނިންމި ނިންމުމެއްގެ ސަބަބުންނެވެ. އެކަމަކު، ޖާބިރު ހުށަހެޅުއްވި އިސްލާހުގެ ބިލު ކޮމިޓީގައި ޕާކު ކޮށްފައި ބޭއްވުމުގެ ބަދަލުގައި ކޮންމެވެސް އެއްގޮތަކަށް އެކަން ނިންމައިދޭން އުޝާމް އެދިވަޑައިގަތެވެ.

"އެއް އަހަރު ދުވަސްވަނީ. އެއީ ރަނގަޅު ގޮތެއް ނޫން. ކޮމެޓީގެ ހުރިހާ މެމްބަރުންގެ ޒިންމާއެއް އެއީ މަސައްކަތްތައް ބަރާބަރަށް ނިމިފައި ހުރިކަން ޔަގީން ކުރުން. އަޅުގަނޑު އެދެން ކޮންމެވެސް އެއްގޮތަކަށް އެކަން ނިންމައި ދިނުމަށް،" އުޝާމް ވިދާޅުވި އެވެ.

އެހެން ބައެއް މެމްބަރުން ވެސް ވަނީ އެ މައްސަލައާ މެދު ކޮންމެވެސް އެއްގޮތެއް ކޮމިޓީން ނިންމުމަށް އެދިވަޑައިގެންފަ އެވެ. ޝަރީފް ވިދާޅުވީ ޖާބިރު އެ ބިލް އަނބުރާ ގެންދެވިކަން ރަސްމީކޮށް މަޖިލީހަށް އެންގިކަން ކަށަވަރު ކުރާނެ ކަމަށެވެ.

ދާދި ފަހުން ވެސް ހޯމް މިނިސްޓްރީން ވަނީ ހުއްދަ ނެތި މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވި އެވެ.