Roadha Mihaaru
އެއްވެއުޅުމުގެ އިސްލާހު ފޮނުވާލުމުން އުޝާމްގެ ފާޑުކިޔުން

ހުއްދަ ނުނަގައި މާލޭގައި މުޒާހަރާ ކުރެވޭ އިސްލާހު ފޮނުވާލުމުން އުޝާމް ފާޑުވިދާޅުވެއްޖެ

25 ނޮވެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ނިންމުމާ ހިލާފަށް، ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު ފާސްނުކޮށް އަނބުރާ ފޮނުވާލުމުން އެ ކޮމިޓީގެ މެމްބަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ނިންމުމާ ހިލާފަށް، ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު ފާސްނުކޮށް އަނބުރާ ފޮނުވާލުމުން އެ ކޮމިޓީގެ މެމްބަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ވައުދުވީ އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އެއްވަނަ އިސްލާހު ބާތިލްކުރުމަށް ކަމަށެވެ. ނަމަވެސް އެ އިސްލާހު ބާތިލްކުރުމަށް މިއަދު ވޯޓަށް އެހުމުން އެކަން ފާހެއް ނުވި ކަމަށް ވިދާޅުވި އެވެ.

"ވައުދުވެފައި ވައުދު ފުއްދޭނީ ދެން މިހާކަން ވަރަށް،" އުޝާމްގެ ޓްވީޓުގައި ވިދާޅުވި އެވެ.

މާއްދާ އުވާލުމަށް 13 މެންބަރުން ވޯޓު ދެއްވިއިރު އެކަމާ ދެކޮޅަށް 25 މެންބަރުން ވޯޓު ދެއްވި އެވެ. ދެ މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އެ ބިލް އިތުރަށް ފުރިހަމަކުރުމަށް ސަލާމަތީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް އަނބުރާ ފޮނުވުމަށް 56 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ.

ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިިދިޔަ އޮކްޓޯބަރު މަހު ނިންމީ ހުއްދަ ނުހޯދައި މާލޭގައި އެއްވެ އުޅެވޭނެ ކަމަށެވެ.

އެއްވެ އުޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ގާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅަށް އޭރު އިދިކޮޅު ފަރާތްތައް (މިހާރު ވެރިކަން ކުރާ ކޯލިޝަނުން) ސިލްސިލާކޮށް މުޒާހަރާކުރަން ފެށުމުން އެކަމަށް ހުރަސްއެޅުމުގެ ގޮތުންނެވެ. އެ އިސްލާހުގައި ވަނީ، ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ.

މި އިސްލާހު ތަސްދީގުކުރުމާ އެކު އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ގާނޫނަށް ގެނައި އެ އިސްލާހު އުވާލުމަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެކަމަކު އެ އިސްލާހާ އެއްގޮތަށް ހުއްދަ ހޯދައިގެން މުޒާހަރާކުރަން މި ވެރިކަމުގައި ހޯމް މިނިސްޓްރީން ވެސް އިއުލާންކުރި އެވެ. އެއާއެކު ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުވި އެވެ.