އޭނާ އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ރާވައިގެން ބަޔަކު ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށާއި އިންސާފުވެރި ތަހުގީގެއްގައި، ކުށެއް ނުކުރާކަން ސާފުވާނެ ކަމަށް އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކޮށްފައިވާ އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
20 ޖުލައި 2020
އޭނާ އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ރާވައިގެން ބަޔަކު ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށާއި އިންސާފުވެރި ތަހުގީގެއްގައި، ކުށެއް ނުކުރާކަން ސާފުވާނެ ކަމަށް އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކޮށްފައިވާ އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި ފުރަތަމަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު، މީޑިއާގައި އަލީ ވަހީދު ވިދާޅުވީ، މިއީ ސިޔާސީ ނުފޫޒު އެކުލެވޭ މައްސަލައެއް ކަމަށެވެ. މައްސަލައިގެ ތަހުގީގު ނިމުމުން ރައްޔިތުންނަށް ހަގީގަތް ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ރޭ އިންކާރު ކުރައްވައިފަ އެވެ. ނަމަވެސް ފުލުހުން ކުރަނީ ސީދާ ކޮން ތުހުމަތުތަކެއް ކަމެއް ނޫސްވެރިން ގާތު ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެކަން ތަފުސީލު ކޮށްދޭނީ ފުލުހުން ކަމަށެވެ.
އަލީ ވަހީދު، އޭނާގެ ގާނޫނީ ވަކީލު ހަސީނާ އެކު ރޭ ފުލުސް އޮފީހުން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"އަޅުގަނޑު ދެކޭގޮތުގައި މިއީ ރޭވިގެން ހިންގާފައިވާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވެ އަޅުގަނޑު [ފުލުސް އޮފީހުގައި] ދަންނަވާފައި އޮންނާނެ ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،" މައްސަލައިގެ ތަފުސީލަށް ވަޑައިނުގެން އަލީ ވަހީދު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވުމާއެކު، ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި އެވެ. ނަމަވެސް އިސްތިއުފާ ނުދެއްވުމުން ރައީސް ވަނީ މި މަހުގެ ނުވައެއްގައި އޭނާ މަގާމުން ވަކިކުރައްވައިފަ އެވެ. މިއީ ޖިންސީ ގޯނާގެ ތުހުމަތުގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރެއްވި ފުރަތަމަ ފަހަރެވެ.
ވަޒީރުކަމުގެ އިތުރުން ޖޭޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެންގެވި އެވެ. ނަމަވެސް އަލީ ވަހީދު އެ އަށް ވެސް ތަބައެއް ނުވެ އެވެ.
އަލީ ވަހީދު ރޭ ވިދާޅުވި ގޮތުގައި، ވަޒީރުކަމުން އިސްތިއުފާ ނުދެއްވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ގަބޫލު ނުކުރައްވާތީ އެވެ. ރައްޔިތުންގެ ތެރެއަށް ނުކުމެވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދެވީ އިހުލާސްތެރިކަމާއެކު ކަމަށާއި އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑު ދެކޭގޮތުގައި މިއީ ރޭވިގެން ހިންގާފައިވާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވެ އަޅުގަނޑު ދަންނަވާފައި އޮންނާނެ ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް.--- އަލީ ވަހީދު
މީގެ ކުރިން ސިޔާސީ އެކި ކަންކަމުގައި ފުލުހަށް ހާޒިރު ކުރުމުން ހަނު ހުންނެވި ނަމަވެސް މި ފަހަރު ފުލުހުންގެ ހުރިހާ ސުވާލުތަކަކަށް ޖަވާބު ދެއްވި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައި ހަނު ހުންނަވަން ގަސްދު ނުކުރައްވާ ކަމަށާއި ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
"މި މައްސަލައާ އަޅުގަނޑު ކުރިމަތިލާނަން،" ވަރަށް ޔަގީންކަމާ އެކު އަލީ ވަހީދު ވިދާޅުވި އެވެ.
ތަހުގީހަށް ފުލުހަށް ހާޒިރުވުމަށްފަހު، ކުރީގެ ޓޫރިޒަމް މިނިސްޓަރު @ali20waheed ނޫސްވެރިންނާ ވާހަކަދައްކަވަނީ. pic.twitter.com/rIoMOQ6wNb
— އާސިމާ ނިޒާރު (@AasiKaleyfaan) July 19, 2020
އަލީ ވަހީދު ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި، ވަޒީރުކަމުން އޭނާ ވަކިކުރެއްވުމަށް ރައީސް ނިންމެވި ނިންމުމަށް ފުރިހަމަ އަށް އިހުތިރާމް ކުރައްވަ އެވެ. އަދި މިނިވަން ތަހުގީގެއް ހިންގައި ރައީސަށާއި ރައްޔިތުންނަށް ހަގީގަތް ސާފުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް ގެނައުމަށާއި ކޮވިޑް-19 ގެ ތެރޭގައި ބުރަ މަސައްކަތެއް ކުރެއްވިކަން ފާހަގަކުރައްވައި، އަލީ ވަހީދު ވިދާޅުވީ އޭނާ މިހާރު ހުންނެވީ ވަރަށް ދެރަވެފައި ކަމަށެވެ. ޒުވާން ހަޔާތް ވެސް މިރޭ ނިމޭނެ ކަމަށާއި އެކަމަކު ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލިހާއި އިހުލާސްތެރިކަމާއެކު ސިޔާސީ ޕާޓީތަކުގައި އިސް މަގާމުތައް އަދާކުރައްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި، މިވަގުތު އޭނާގެ ހުރިހާ އަމާޒެއް ވެސް، ވިސްނުމެއް ވެސް ހުރީ ކުރާ ތުހުމަތުތައް ސާފުކޮށްދިނުމަށެވެ.
"މި ދުވަސްވެސް ނިމިގެންދާނެ. މި ކަހަލަ ތޫފާނުގެ ވައި އަބަދަކު ވެސް ނުހުންނާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ފުރަތަމަ ފަހަރަށް އޭނާ ފުލުސް އޮފީހަށް ހާޒިރުކުރިއިރި، އެ މައްސަލައިގައި 15 މީހެއްގެ ބަޔާން ކުރިން ނަގާފައިވާ ކަމަށް ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވެ އެވެ.
މި ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދުގެ މޮބައިލް ފޯނާއި ލެޕްޓޮޕް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ތުހުމަތުތަކެއްކޮށް ޓޫރިޒަމްގެ މުވައްޒަފަކު އިސްތިއުފާދީފި
އިސްތިއުފާ ނުދެއްވުމުން އަލީ ވަހީދު ވަކިކޮށްފި
އަލީ ހައްޔަރުކުރި ކަމެއް ހަފުތާއެއް ވީއިރު ވެސް ނޭނގޭ
އަލީ ވަހީދު ހައްޔަރުކުރި ކަމެއް ނޭނގޭ: ފުލުހުން
ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ރާއްޖެ އިން ބޭރަށް
އަލީ ވަހީދުގެ މައްސަލަ މަޝްވަރާއަށް ޕީޖީއަށް
އަލީ ވަހީދަށް ދައުވާކުރަން ވަރަށް އަވަހަށް ފޮނުވާނަން: ޕޮލިސް
އަލީ ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފި
އަލީ ވަހީދަށް ކުރާ ތުހުމަތުގައި 15 މީހަކު ބަޔާންދީފި
އަލީ ވަހީދާ ދެކޮޅަށް މުވައްޒަފުން ތެދުވީ އެކުގައި