Roadha Mihaaru
އަލީ ވަހީދު ހައްޔަރުކުރި ކަމެއް ނޭނގޭ: ފުލުހުން

އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ނުލިބޭ: ފުލުހުން

25 އޯގަސްޓް 2021

ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ ގައުމުން ހައްޔަރުކުރި ކަމުގެ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތަށް ހާޒިރު ނުވެ އިނގިރޭސި ވިލާތުގައި އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ ގައުމުން ހައްޔަރުކުރި ކަމުގެ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ފުލުހުންނާ ގުޅޭ އެއްވެސް ފަރާތަކުން ވެސް އަދި ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އަލީ ވަހީދު ހައްޔަރުކުރީ އޭނާ އަށް ކުރާ ދައުވާތަކާ ބެހޭ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތައް ބައިވެރިކޮށްގެން އޮންލައިންކޮށް މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބާއްވަން އުޅެނިކޮށެވެ. އޭނާ ހައްޔަރުކުރި އިރު، ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުވުމަށް ފޮނުވި އަމުރަށް ތަބާ ނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ވެސް އެބަ އޮތެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އަލީ ވަހީދުގެ ހުކުމް ތަންފީޒުކުރުމަށް އޭނާ މާލެ ގެނައުމަށްޓަކައި އިންޓަޕޮލް އާއި އިނގިރޭސި ފުލުހުންގެ އެހީއަށް ވެސް އެދޭނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއްކޮށްފައި އޮއްވައި، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުކޮށްފައި ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ކޯޓުން ހުއްދަ ދިން ފަހުން އޭނާ ރާއްޖެ އަށް ވަޑައެއްނުގަންނަވަ އެވެ. އެކަމާ ހެދި އޭނާގެ ޝަރީއަތްތަކާއި އެ ޝަރީއަތާ ގުޅޭ އިސްތިއުނާފުގެ މައްސަލަތައް ވެސް ވަނީ ހުއްޓިފަ އެވެ.

ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ސުޕްރީމް ކޯޓުން އަލީ ވަހީދަށް ކުރި ހުކުމުގައި އޭނާގެ އެއްވެސް މައްސަލައެއް ކޯޓުތަކުން ކުރިއަށް ނުގެންދެވި އޮތް އޮތުމާ ބެހޭ ގޮތުން ބުނެފައި ވަނީ އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ފެންނަ ނަމަ ރައްޔިތުންގެ އިތުބާރު ގެއްލި، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ރާއްޖޭގެ ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވުރު އުފެދޭ ކަމަށެވެ.