ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި އިމިގްރޭޝަންގެ ގާނޫނަށް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މަޝްވަރާކޮށް ނިންމައި ތަޅުމަށް ފޮނުވި ރިޕޯޓު ރަނގަޅު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
20 ޖުލައި 2020
ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި އިމިގްރޭޝަންގެ ގާނޫނަށް ގެންނަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މަޝްވަރާކޮށް ނިންމައި ތަޅުމަށް ފޮނުވި ރިޕޯޓު ރަނގަޅު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވަނީ އެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައިވާ ހުރިހާ ކަންކަމަށް ތާއީދު ކުރައްވައި، އެ އިސްލާހަށް ސަރުކާރުން އިތުރުކުރަން މިވަގުތަށް ބޭނުންވާ އިތުރު ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު މިގޮތަށް މި ވިދާޅުވީ، ތަޅުމަށް ފޮނުވި ރިޕޯޓަށް އަލުން ވިސްނުމަށް އެދި ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ފޮނުވާލުމުން އެކަމުގައި މިނިސްޓަރުގެ ހިޔާލު ހޯދަން މަޖިލީހަށް ހާޒިރުކުރުމުންނެވެ. މިނިސްޓަރާ ކޮމިޓީން ސުވާލުކުރީ، ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި 100،000ރ. އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމާ މެދު ކޮމިޓީން އަލުން ވިސްނަން ނަޝީދު އެދިވަޑައިގެންފައި އޮތުމާ އެކު ހިޔާލު ހޯދުމަށެވެ.
- ގާނޫނަށް މާއްދާއެއް އިތުރަން (އެއީ ކޯޕަރޭޓް ރެސިޑެންސް ވިސާ އާއި މީޓިން ވިސާ)
ސަރުކާރުގެ ހުށަހެޅުމަކީ މިހާރު ގަވާއިދަކުން ދޫކުރާ ކޯޕަރޭޓް ރެސިޑެންސް ވިސާ ދިނުން ގާނޫނުގެ މާއްދާއެއްގެ ގޮތުގައި ހިމެނުމަށެވެ. އެއީ، ގާނޫނީ ބާރު އިތުރުކޮށް އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ހޯދަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ކޮމިޓީން އިމިގްރޭޝަން ގާނޫނަށް ބަދަލު ގެންނަން ހުށަހެޅީ ސަރުކާރުން ބޭނުންވި ގޮތަށް ކަމަށެވެ. ރެސިޑެންސީ ވިސާ އަކީ ސިޓިޒަންޝިޕާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެއީ ޓޫރިސްޓް ވިސާ ދޭ އުސޫލުން ތަންކޮޅެއް ގިނަ އަހަރުތަކުގައި ރާއްޖޭގައި އުޅެން ދޭ ވިސާއެއް ކަމަށެވެ.
"ކޮމިޓީން ގެނެސްފައިވާ ބަދަލުން އެ ގާނޫނީ ބާރުވެރިކަން އެބަ ލިބޭ. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި 100،000ރ. ގެ އިންވެސްޓްމެންޓަކީ މި ވަގުތަކަށް ކޮންމެހެން ބޭނުން ކަމެއް ނޫން،" ފައްޔާޒް ވިދާޅުވި އެވެ.
ކޯޕަރޭޓް ރެސިޑެންސް ވިސާ 2015 ވަނަ އަހަރުން ފެށިގެން ދޫކުރަމުން އަންނަ ކަމަށާއި އެ ވިސާ ދޫކުރަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމުން ކަނޑައަޅާ ފަރާތްތަކަކަށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިހާރު އެ ވިސާ ދޭއިރު ބަލަނީ 50 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ރާއްޖޭގައި ކޮށްފައި ވުމާއި އެއް މިލިއަން ޑޮލަރު، ސަރުކާރުން ކަނޑައަޅާ ވަކި މަޝްރޫއުގައި އިންވެސްޓް ކުރުމުންނެވެ. ނުވަތަ ދެ އަހަރުގެ ފިކްސްޑް ޑިޕޮސިޓެއްގެ ގޮތުގައި އެ ފައިސާ ބެހެއްޓުމަކީ ވެސް ރެޑިންސް ވިސާ މިހާރު ދިނުމުގައި ބަލާ ޝަރުތެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މީގެން ކޮންމެ ކަމެއް ކުރިއަސް ކޯޕަރޭޓް ރެސިޑެންސީ ވިސާ އެބަ ލިބޭ. އޭގައި އޮވޭ އިންވެސްޓަރުންގެ 18 އަހަރު ނުވާ ދަރިންނަށް ވެސް ލިބޭ ގޮތަށް،" ފައްޔާޒް ވިދާޅުވި އެވެ.
ޓޫރިޒަމާއި އިކޮނޮމިކް މިނިސްޓްރީން ވަކިވަކިން މި ވިސާ ދޫކުރާއިރު މިހާތަނަށް އިކޮނޮމިކް މިނިސްޓްރީން ވަނީ 27 މީހަކަށް އެ ވިސާ ދީފަ އެވެ.
އެއާއެކު ވިދާޅުވި ގޮތުގައި 500،000 ޑޮލަރުގެ އިންވެސްޓްމެންޓް ކުރާ ފަރާތްތަކަށް ރެސިޑެންސް ވިސާ ދިނުމާމެދު ވިސްނިދާނެ އެވެ. އެއީ، އެ މީހަކު ގާނޫނާ ޚިލާފު ނުވާ ނަމަ، ރާއްޖެ އަށް އެނބުރި އައިސް އުޅެވޭ ގޮތަށް އޮންނަ ވިސާއެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ފައްޔާޒް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ވިސާ ދިނުމުގެ ބަދަލުގައި ވިސްނުމަކީ ސެކަންޑް ހޯމް ޕްރޮގްރާމެއް ހިންގައި އެއަށް ރެސިޑެންސީ ވިސާ ދޭން ކަމަށެވެ. ކޯޕަރޭޓް ރެސިޑެންސީ ވިސާގެ ތެރެއިން ވެސް އެ ބަދަލުތައް ގެނެވިދާނެ ކަން ފާހަގަކުރެއްވި އެވެ.
"ނަމަވެސް އަޅުގަނޑުމެން މިހާރު ފަރުމާކުރަމުން މި އަންނަނީ ރެސިޑެންސީއާ ގުޅޭ ގާނޫނެއް. އެއީ ތަންކޮޅެއް ވަރުގަދަ، އިންވެސްޓަރަށް ވެސް ހައްގުތަކެއް ކަށަވަރުވާ ގޮތަށް ވިސާގެ ކަންކަން ބައްޓަންކުރަން، އެކަމަކު އެ ބިލް މަޖިލީހަށް ހުށަހެޅޭނީ ކޮން އިރަކުން ކަމެއް އަދި ނޭނގެ،" ފައްޔާޒް ވިދާޅުވި އެވެ.
ސެކަންޑް ހޯމް ޕްރޮގްރާމް ފެށުމުގެ ވިސްނުން ހުރީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ހއ. ދަށްޕަރުގަ އެވެ.
މިސާލަކަށް އޭގެ އަދަދު ތަންކޮޅެއް ކުޑަވާނެ، މިނިމަމް 300،000 ޑޮލަރުގެ އިންވެސްޓްމެންޓެއް. އެއީ އެ ކަހަލަ ތަނަކުން އުފައްދާ ވިލާއެއް ނުވަތަ އެޕާޓްމެންޓެއް ގަތީމަ ވަދެވޭ ގޮތަށް. އެ ގާނޫނު ފަރުމާކޮށްފައި ހުށަހަޅާނަން.
ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް މިހާރު ވެސް ވިސާ ދެ އެވެ. އެކަމަކު ޖެހޭނީ އަހަރުން އަހަރަށް އާ ކުރާށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އާއިލާތަކުން އުފުލަން ޖެހޭ މި ތަކުލީފް ލުއިކޮށްދޭން ޖެހެ އެވެ.
ފައްޔާޒް ވިދާޅުވީ ރާއްޖޭގައި ކައިވެނިކޮށްގެން އުޅޭ ބިދޭސީން އަހަރުން އަހަރަށް ވިސާ އާ ކުރަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި ކޮންމެ މީހަކީ ނާޖާއިޒު ފައިދާ ނަގާނެ މީހެއް ނޫން ކަމަށް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޮމިޓީގައި ބައިވެރިވި ޖެންޑާ މިނިސްޓްރީގެ އޮފިޝަލުން ވެސް ވަނީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދޭ ވިސާގެ މުއްދަތު ކުރު މައްސަލައިގައި ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ކުރު މުއްދަތެއްގައި، ކައިވެނީގައި ހިމެނޭ ކުދިންގެ ހައްގުތަކާ ގުޅުން ހުރި މައްސަލަ ނުކުންނަ ކަމަށެވެ.
އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާ އިސްލާހުތަކުގައި ހުރި އާއްމުންގެ ކަންބޮޑުވުންތަކަށް ވެސް ފައްޔާޒް ރައްދު ދެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑިމޮކްރަސީގައި ވެރިކަން ހިނގަން ދަތިވާނެ ކަމަށާއި އެކަމަކު ވެސް ރައްޔިތުންގެ ރުހުން ނެތި އެއްވެސް ކަމެެއް ސަރުކާރުން އަދި މަޖިލީހުން ވެސް ނުކުރާނެ ކަމަށެވެ. އެހެން ނޫން ނަމަ، އެ ދެވެނީ ހުދުމުހުތާރު ކަމާ ދިމާލަށް ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނަމަވެސް ރައްުޔިތުން ނޭދޭ ނަމަ ސަރުކާރުން އެ ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން ފައްޔާޒް ދެއްވި އެވެ.
މައްސަލަ ބޮޑުވެ ވިސާގެ އިސްލާހަށް ހިޔާލު ހޯދަނީ
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
ފައްޔާޒުގެ ވޯޓު ފާސްކުރަން ވޯޓު ހަމައެއް ނުވޭ
ސަރުކާރުގެ ބޭނުމަށް މެމްބަރުންނަށް ގުޅާނަން: ފައްޔާޒު
ނަޝީދު ވިދާޅުވަނީ އިސްލާހު ހުށަނާޅުއްވާ ކަމަށް
"ވިސާ މައްސަލާގައި ނަޝީދުގެ އަމަލު ގަވާއިދާ ޚިލާފު"
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ނަމަ ވިސާ ދޭން އެދެފި