Roadha Mihaaru
މައްސަލަ ބޮޑުވެ ވިސާގެ އިސްލާހަށް ހިޔާލު ހޯދަނީ

ހިޔާލުތަފާތުވުން ބޮޑުވުމުން ރެސިޑެންސް ވިސާގެ އިސްލާހަށް ހިޔާލު ހޯދަން ނިންމައިފި

20 ޖުލައި 2020

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި 100،000ރ. އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމާ މެދު އާއްމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި ރާއްޖޭގައި 100،000ރ. އަށް ވުރެ ބޮޑު އިންވެސްޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެނައުމާ މެދު އާއްމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

ގައުމީ ސަލާމަތާއި ޚާރިޖީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝަރީފް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކާ މެދު އާއްމުންގެ ހިޔާލު ހޯދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ. އެހެންވެ، ބިލް އަވަހަށް ފާސްކުރަން ފޮނުވުމުގެ ބަދަލުގައި ކޮމިޓީގެ ވިސްނުން ހުރީ ހިޔާލު ހޯދުމުގެ އެ ބައްދަލުވުން ނިންމައި އަންނަ މަހުގެ ތެރޭގައި ބިލް ފާސްކުރަން ފޮނުވާށެވެ.

އިމިގްރޭޝަންގެ ގާނޫނަށް ގެންނަ އިސްލާހުތަކާ މެދު ކޮމިޓީގައި މަޝްވަރާކޮށް ނިންމައި ތަޅުމަށް ފޮނުވުމުން މަޖިލީހުގެ ރައީސް އަނބުރާ ކޮމިޓީ އަށް ފޮނުވާލެއްވީ އެވެ. އެމަނިކުފާނު އެދިވަޑައިގަތީ ރެސިޑެންސް ވިސާ ލިބޭނެ ލުއި ގޮތްތަކެއް އިސްލާހުތަކުގެ ތެރޭގައި ހިމެނުމާ މެދު ވިސްނުމަށެވެ.

އެކަމަކު މި ގޮތަށް ގާނޫނު އިސްލާހުކުރަން ސަރުކާރުން ވެސް ދެކޮޅެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީގައި ވިދާޅުވީ ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި އިމިގްރޭޝަންގެ ގާނޫނަށް ގެންނަން ކޮމިޓީން މަޝްވަރާކޮށް ނިންމައި ތަޅުމަށް ފޮނުވި ރިޕޯޓު ރަނގަޅު ކަމަށެވެ.

އޭނާ ވަނީ އެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައިވާ ހުރިހާ ކަންކަމަށް ތާއީދު ކުރައްވައި، އެ އިސްލާހަށް ސަރުކާރުން އިތުރުކުރަން މިވަގުތަށް ބޭނުންވާ އިތުރު ކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ހުށަހެޅުމަކީ މިހާރު ގަވާއިދަކުން ދޫކުރާ ކޯޕަރޭޓް ރެސިޑެންސް ވިސާ ދިނުން ގާނޫނުގެ މާއްދާއެއްގެ ގޮތުގައި ހިމެނުމަށެވެ. އެއީ، ގާނޫނީ ބާރު އިތުރުކޮށް އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ހޯދަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.