Roadha Mihaaru
ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހަދަން ފަށައިފި

ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހަދަން އެމްޓީސީސީން ފަށައިފި

21 ޖުލައި 2020

ފުއްމުލަކުގައި ރަށު ތެރޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ފުއްމުލަކުގައި ރަށު ތެރޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެ ރަށުގެ 31 މަގެއްގެ 15،932 މީޓަރުގެ ސަރަހައްދެއް ހަދާނެ އެވެ. މަސައްކަތުގައި ހިމެނެނީ 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 އަކަމީޓަރުގެ ތާރު އެޅުމާއި، ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުން ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން މަގުތަކުގައި ބައްތި ހަރުކުރުމާއި ފެން ހިންދާ ނިޒާމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓުގެ ދަށުން ކުރާނެ އެވެ.

އެމްޓީސީސީއާ މިދިޔަ އަހަރުގެ ޖުލައި މަހު ހަވާލުކުރި މި މަސައްކަތަށް 279.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން ޖެހެނީ 730 ދުވަސް ނުވަތަ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ.

ފުވައްމުލަކުގެ ބޮޑެތި މަގުތައް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރުޑީސީއާ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެ މަސައްކަތް ނުކުރެވި އޮތުމުން މި ސަރުކާރުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އެވެ.