Roadha Mihaaru
ރޭގެ ހަމަނުޖެހުމާ ގުޅިގެން 22 ބިދޭސީއަކު ހައްޔަރު

ރޭގެ ހަމަނުޖެހުމާ ގުޅިގެން 22 ބިދޭސީއަކު ހައްޔަރުކޮށްފި

21 ޖުލައި 2020

ވ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ރޭ ހިންގި ހަމަނުޖެހުމާ ގުޅިގެން 22 މީހަކު 15 ދުވަހުގެ މުއްދަތަށް ހައްޔަރުކުރަން ކޯޓުން އަންގައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ވ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ރޭ ހިންގި ހަމަނުޖެހުމާ ގުޅިގެން 22 މީހަކު 15 ދުވަހުގެ މުއްދަތަށް ހައްޔަރުކުރަން ކޯޓުން އަންގައިފި އެވެ.

ފުލުހުން މިރޭ ބުނީ، މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 22 ބިދޭސީ މަސައްކަތްތެރިން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ފެލިދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ރޭގެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް އެ މީހުންގެ ސުޕަވައިޒަރުގެ ކޮޓަރިއަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އެ ރަށުގައި މަސައްކަތަށް ހުރަސް އަޅައި ބިދޭސީން އިހުތިޖާޖު ކުރުމާ ގުޅިގެން ފުލުން ރޭ ބުނެފައި ވަނީ މައްސަލަ ހައްލު ކުރުމަށް އެ ބިދޭސީންގެ ސްޕޮންސަރު ހަރަކާތްތެރިވި ކަމަށެވެ.

ނަމަވެސް ވ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ މި ރަށުގެ ބިދޭސީން އިހުތިޖާޖަށް ނުކުތީ ކޮން ސަބަބަކާ ހެދީ ކަމެއް ފުލުހުން ނުބުނެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރުވާ ބައެއް ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާއިރު، އެ މީހުން އިހުތިޖާޖު ކުރުމާއި އެ ކަންކަމާ ގުޅިގެން ހަމަނުޖެހުން ހިންގުން ދަނީ އާންމުވަމުންނެވެ. ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ރިޒް ކުންފުނީގެ ބިދޭސީންތަކެއް ވެސް މި މަހުގެ ދެވަނަ ދުވަހު އެ ރަށުގައި 13 ދިވެއްސަކު ރަހީނުކޮށް، ބޮޑު ހަމަނުޖެހުމެއް ހިންގި އެވެ. އެ ތަނުން ވެސް 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރު އިތުރުކޮށްފައިވާއިރު، އެމީހުންގެ މައްޗަށް ފުލުހުން ވަނީ ޓެރަރިޒަމާއި ވައްކަން ފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުކޮށްފަ އެވެ.

ހުޅުމާލޭގައި އިމާރާތްކުރާ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކޮންޓްރެކްޓަރު ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން ވެސް މި މަހުގެ 13 ގައި ހިންގި ހަމަނުޖެހުމުގައި ފުލުހުންނަށް އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށާއި ބައެއް އާންމުންގެ މުދަލަށް ވެސް ގެއްލުން ދީފަި ވެ އެވެ. މި ހަމަނުޖެހުމުން ވެސް 41 ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު އެ މީހުންގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވަނީ، ބިދޭސީންގެ މައްސަލައަކީ ގައުމީ މަސްލަހަތަށް ނުރައްކާވާ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.