Roadha Mihaaru

ބިދޭސީންގެ ހަމަނުޖެހުމާ ގުޅިގެން 126 މީހަކު ދޫކޮށްލައި ހަތް މީހަކު ހައްޔަރުކޮށްފި

މީގެ އެތައް ދުވަހެއް ކުރިން ފެށިގެން ތިލަފުށީގައި ބިދޭސީ މަސައްކަތު މީހުންތަކެއްގެ ހިތްހަމަނުޖެހުންތަކެއް ހޫނުވަމުން ގޮސް އެންމެ ފަހުން މިއަދު މުޒާހަރާ އަށް ނުކުމެ ފުލުހުންނަށް ހަމަލާދީފި އެވެ. އެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 133 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، އޭގެ ތެރެއިން ހަތް މީހަކު ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ބިދޭސީންގެ ހަމަނުޖެހުން ކޮންޓްރޯލްކޮށް 7މީހަކު ހަައްޔަރު

މީގެ އެތައް ދުވަހެއް ކުރިން ފެށިގެން ތިލަފުށީގައި ބިދޭސީ މަސައްކަތު މީހުންތަކެއްގެ ހިތްހަމަނުޖެހުންތަކެއް ހޫނުވަމުން ގޮސް އެންމެ ފަހުން މިއަދު މުޒާހަރާ އަށް ނުކުމެ ފުލުހުންނަށް ހަމަލާދީފި އެވެ. އެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 133 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، އޭގެ ތެރެއިން ހަތް މީހަކު ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ތިލަފުށީގައި ބިދޭސީންނާ ފުލުހުންނާ ދެމެދު ހިނގި ހަމަޖެނުޖެހުންތަކެއްގައި ދެ ފުލުހަކަށް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށާއި އެ މައްސަލައިގައި ވަގުތީ ގޮތުން 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ ކަމަށެވެ. އެކަމަކު، އެ 133 މީހުންގެ ތެރެއިން ހަތް މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހައްޔަރުކުރި ހަތް މީހުންނަކީ އިންޑިއާގެ ހަތް ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، މިއަދު ވެސް ނުކުމެ މުޒާހަރާކުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ތިލަފުށީގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ކުރިމައްޗަށް އެއްވި އައިމާ ކޮންސްޓްރަކްޝަންގެ މުވަައްޒަފުންތަކެކެވެ. އެ މީހުންގެ މައިގަނޑު މައްސަލަ އަކީ އެއް މަސް ދުވަހުގެ މުސާރަ މިހާތަނަށް ދީފައި ނެތުމާއި ގައުމަށް ދާން ބޭނުންވެގެން ތިބި މީހުންނަށް އެ ފުރުސަތު ވެސް މިހާތަނަށް ހަމަނުޖެހި އޮތުމެވެ.

އެނގިފައިވާ ގޮތުގައި ތިލަފުށީގައި ހަޅުތާލުކުރުމުގައި އިސްކޮށް އުޅުނީ އައިމާ އިން ރިސޯޓެއް ހެދުމުގެ މަސައްކަތުގައި ގެންގުޅުމަށް ފަހު، އެ ތަނުގައި ހަަމަނުޖެހުން ހިންގައިގެން ފުލުހުންގެ ބެލުމުގެ ދަށުން ގެންދިޔަ ބައެކެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ އާއި ބަންގްލަދޭޝް މީހުންނެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީން މިއަދު ތިލަފުށީގައި ހަމަނުޖެހުން ހިންގީ ރޭ ހާޓްއެޓޭކެއް ޖެހިގެން ބިދޭސީއަކު މަރުވުމުން އެކަމާ ރުޅިއައިސްގެންނެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ރިސޯޓުން ކުއްލިއަކަށް ގެނެސް އެމީހުން ވައްދާނެ ތަނެއް ނެތުމުން، އައިމާގެ ގުދަނެއްގައި ބޭތިއްބީ ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ. އެ ތިލަފުއްޓަށް ކުއްލިއަކަށް ގެންނަން ޖެހުމުން ތަނެއް ހަމަނުޖެހި، ބައިތިއްބަން ޖެހުނު ގުދަނުގައި ދިރިއުޅުމުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަން "މިހާރު" އަށް އޮތީ އެނގިފަ އެވެ.

އެކަމަކު އައިމާ އިން މި މައްސަލާގައި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންކަމުން އެތައް ސަތޭކަ ބިދޭސީ މަސައްކަތު މީހުން ރިސޯޓުން ގެންނަން ޖެހުނު މައްސަލައިގެ ތަފުސީލެއް ވެސް، އަދި ތިލަފުށީގައި ކުރަމުން އައި ހަޅުތާލުގެ މައުލޫމާތު ވެސް، އެ ކުންފުނީގެ ފަރާތުން ލިބޭ ގޮތެއް ނުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް، އެ މީހުންގެ ފަރާތުން ކުރީ ދުވަސްތަކުގައި ފެނިފައެއް ނުވެ އެވެ. އެތައް ސަތޭކަ ބަޔަކު އެއްވެ ތިބި އިރު، މާސްކް އަޅާފައި ވަނީ ވެސް މަދު ބައެކެވެ.

ރާއްޖޭގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި އޮތީ އެއް ތަނެއްގައި ތޮއްޖެހިގެން އުޅެމުން ދާ ބަގްލަދޭޝް މީހުންގެ ތެރޭގަ އެވެ. އެހެންކަމުން މާލޭގައި ހުރި އެފަދަ އެތައް ތަނަކުން ގުޅިފަޅަށާއި ހުޅުމާލެއަށް އެތައް ސަތޭކަ ބަޔަކު މިހާރު ވަނީ ބަދަލުވެފަ އެވެ. އެކަމަކު ތިލަފުށީގެ ހަޅުތާލުގެ ފޮޓޯތަކުން ފެންނަނީ ވަރަށް ތޮއްޖެހުން ބޮޑުކޮށް އަދި ރައްކާތެރިކަމުގެ ފިޔަވަޅު ވެސް ނެތި، ބިދޭސީން އުޅެމުން ދާ ތަނެވެ.