ގުޅިފަޅުން ފްލެޓް ގަންނަން މީގެ ދިހަ ވަރަކަށް އަހަރު ކުރިން ފައިސާ ދައްކައި މިހާތަނަށް ވެސް ހިޔާވަހިކަން ލިބޭނެ ގޮތެއް ހަމަޖެހިފައި ނުވާތީ އެ މީހުންނަށް ބަދަލު ދޭން ސަރުކާރުން ނިންމާފައި ވިޔަސް އެއީ އަދުލުވެރިކޮށް ދޭ ބަދަލެއް ނޫން ކަމަށް ބުނެ، ފްލެޓަށް ފައިސާ ދެއްކި ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
23 ޖުލައި 2020
ގުޅިފަޅުން ފްލެޓް ގަންނަން މީގެ ދިހަ ވަރަކަށް އަހަރު ކުރިން ފައިސާ ދައްކައި މިހާތަނަށް ވެސް ހިޔާވަހިކަން ލިބޭނެ ގޮތެއް ހަމަޖެހިފައި ނުވާތީ އެ މީހުންނަށް ބަދަލު ދޭން ސަރުކާރުން ނިންމާފައި ވިޔަސް އެއީ އަދުލުވެރިކޮށް ދޭ ބަދަލެއް ނޫން ކަމަށް ބުނެ، ފްލެޓަށް ފައިސާ ދެއްކި ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު އެޅި ފްލެޓުތަކަކީ މީހުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައަޅައި، ފްލެޓަށް އޭރު ފައިސާ ދެއްކި 18 އާއިލާއަކަށް ހުޅުމާލޭން ފްލެޓް ދިން ނަމަވެސް 140 އާއިލާއަކަށް އަދިވެސް ބަދަލެއް ނުލިބެ އެވެ.
ގުޅިފަޅަކީ މީހުން ދިރިއުޅުމަށް އެކަށީގެން ނުވާ ތަނެއް ކަމަށް ކުރީގެ ސަރުކާރުން ބުނެފައި ވިޔަސް މި ސަރުކާރުން ވަނީ، ވިޔަފާރި ބަނދަރު ހަަދަން ގުޅިފަޅުން ހިއްކާ ބިމުގެ ވަކި ވަރެއް ބޯހިޔާވަހިކަމަށް ހާއްސަކުރަން ނިންމައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ، ސަަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި މިިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، މެމްބަރެއްގެ ސުވާލަކާ ގުޅިގެން ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވީ، ގުޅިފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ފަހު ދިރިއުޅުމަށް ވަކި މިންވަރެއް ކަނޑައަޅާނެ ކަމަށެވެ.
މި ސަރުކާރުން ވަނީ ފްލެޓަށް ފައިސާ ދެއްކި މީހުންނަށް ބަދަލުދިނުމުގެ އެގްރިމެންޓުތަކުގައި މިދިޔަ ހޯމަ ދުވަހު ސޮއިކުރަން ފަށައިފަ އެވެ. އޭގައި ސަރުކާރުން ވަނީ ދެ ގޮތެއް ހުށަހަޅައިފަ އެވެ. އެއީ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އެޅި ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ ފްލެޓް ދިނުން ނުވަތަ ސަރުކާރުން އެންމެ އަވަހަށް އިމާރާތްކުރާ ތިން ކޮޓަރީގެ ފްލެޓެއް ދިނުމެވެ.
ދެ ކޮޓަރީގެ ދެ ފްލެޓަށް މިލިއަނެއްހާ ރުފިޔާ ދެއްކި މުހައްމަދު އަފީފް "މިހާރު" އަށް ބުނީ، ސަރުކާރުން މިހާރު ހުށަހަޅާފައިވަނީ ހައްގު ބަދަލެއް ނޫން ކަމަށެވެ. އޭނާ ބުނީ ބައެއް މީހުން އެއް ފްލެޓަށް ވުރެ ގިނަ ފްލެޓަށް ފައިސާ ދައްކާފައިވިއަސް، ލިބެނީ އެއް ފްލެޓް ގަތް މީހާ އަށް ލިބޭ ވަރުގެ ބަދަލެއް ކަމަށެވެ. އެކަން ގަބޫލުނުކުރާ ކަމަށް އަފީފް ބުންޏެވެ.
ބަދަލު ދިނުމުގެ އެއްބަސްވުމުގައި، ފްލެޓް ލިބުނަސް ނުލިބުނަސް ދައުވާ ނުކުރެވޭނެ ކަމަށް ބުނެފައި އޮންނަ ކަމަށާއި އެއީ "އޭގެ ތެރޭގައި ބައްދާލުން" ކަމަށް އޭނާ ތުހުމަތުކުރި އެވެ. އެއްބަސްވުމުގައި ދެ ފަރާތުގެ ސޮއެއް އޮންނަން ޖެހުނަސް، މިނިސްޓްރީން ދިން ލިޔުމުގައި ސޮއިކުރަން ޖެހެނީ ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި މީހުން އެކަންޏެވެ. އޭގައި މިނިސްޓްރީގެ އެއްވެސް ބޭފުޅެއްގެ ސޮއެއް ނެތެވެ.
"މިއީ ހައްގު ބަދަލެއް ނޫން... ހަމައެކަނި މިނިސްޓްރީގެ ނަމުގަ ހަދާފައި އޮތް ފޯމެއްކަން އެނގެނީ. އެތަނުގެ ސޮއެއް ނެތް،" އެއް ފްލެޓަށް ހަމަ އަގު ދައްކައި އެހެން ފްލެޓަކަށް ތިން ޑައުންޕޭމަންޓް ދައްކާފައިވާ އަފީފް ބުންޏެވެ.
އޭނާ ބުނީ އެގްރިމެންޓުގައި ސޮއިކުރަން ސަރުކާރުން މަޖުބޫރު ނުކުރިއަސް ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި މީހުންނާ މެދު ސަރުކާރުން މިހާރު ކަންތައް ކުރާގޮތުން، މައްސަލަ ހައްލުކުރުމުގެ ވިސްނުން ހުރިކަމުގެ މާ ބޮޑު އިތުބާރެއް ނެތްކަމަށެވެ.
ބަދަލުގެ ގޮތުގައި ސަރުކާރުން ހުށަހަޅާފައިވާ ދެ ގޮތާ މެދު ހިތްހަމަނުޖެހިގެން، އެ އެއްބަސްވުމުގައި ސޮއިކުރަން ގިނަ މީހުން ދެކޮޅު ހަދާކަމަށް އަފީފް ބުންޏެވެ.
ގުޅިފަޅުން ފަސް ފްލެޓަށް 1.2 މިލިއަން ރުފިޔާ ދެއްކި އާއިލާއަކުން ވާހަކަދެއްކި މީހަކު ބުނީ، މިނިސްޓްރީން މިހާރު ހަމަޖައްސާފައިވަނީ ބަދަލެއް ނޫން ކަމަށެވެ. އެއީ "އިނާޔަތެއް" އޭނާ ބުނީ އެގްރިމެންޓްގެ ނަމުގައި "އެއްޗެއް" ހަދާފައިވާއިރު އެގްރިމެންޓެއްގައި ހުންނަންޖެހޭ އެއްވެސް ސިފައެއް ނެތް ކަމަށެވެ.
"ސޮއިކުރުމަށްފަހު، ފްލެޓް ދިނަސް ނުދިނަސް އެއްވެސް ޝަރުއީ ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް އެ މީހަކު އިއުތިރާފު ކުރުމާއި ދޭނެ ދުވަހަކުން ދޭން އެމީހަކު ހުންނަންވީކަން އެއިން [އެގްރިމެންޓުން] ބޮޑަށް އެނގެނީ. ކޯޓަށް ނުވަދެ ތިބޭށޭ. އެހެން ބުނާ ކަހަލަ ގޮތަކަށް އޮތީ ބުނެލާފައި،" އެމީހާ ބުންޏެވެ.
މިއީ ހައްގު ބަދަލެއް ނޫން... ހަމައެކަނި މިނިސްޓްރީގެ ނަމުގެ ހަދާފައި އޮތް ފޯމެއްކަން އެނގެނީ. އެތަނުގެ ސޮއެއް ނެތް،" އަފީފް
އޭނާ ބުނީ 10 އަހަރު ވެގެންދިޔަ މައްސަލައަކަށް މިއީ ހައްގު ބަދަލެއް ނޫން ކަމަށެވެ.
އެ ފްލެޓުތަކަށް އެކި މީހުން ފައިސާ ދައްކާފައިވަނީ އެކި ވަރަށެވެ. ތަޅުދަނޑި ހަވާލުކުރުމާ ހަމައަށް ޑައުންޕޭމަންޓުގެ ގޮތުގައި 30 ޕަސެންޓް ނަގާނެ އެވެ. ބާކީ 70 ޕަސެންޓް ދައްކަން ޖެހޭނީ ފްލެޓަށް ވަނުމަށްފަހު، 20 އަހަރަށް ބަހާލައިގެންނެވެ. އެހެންވެ ޑައުންޕޭމަންޓަށް 75،000ރ. ދެއްކި މީހުން ވެސް ކުލީގެ ގޮތުގައި ދައްކަންޖެހިފައި އޭރު އޮންނާނީ ވަރަށް ކުޑަ އަގެކެވެ.
ނަން ހާމަނުކުރަން އެދި ވާހަކަދެއްކި މީހާ ބުނީ ގުޅިފަޅު ފްލެޓަކީ ނިންމާފައި އޮތް ވިޔަފާރިއެއް ކަމަށެވެ. އޭގެ އަގަށް ސަރުކާރަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި އެތަންތަން ސަރުކާރަށް ނެގުމުން، ފްލެޓުގެ ބަދަލުގައި ފްލެޓް ދޭންޖެހޭނެ ކަމަށް ބުންޏެވެ.
"ގެއްލުމުގެ އަގަށް ބަލައިފި ނަމަ އަޅުގަނޑުމެންގެ އަތުން ފްލެޓަށް ދޭންޖެހޭ އެއްޗެއް ނޯންނާނެ. ދިހަ އަހަރު ވެގެންދާއިރު އެ ލިބެނީ ވަރަށް ބޮޑު ގެއްލުމެއް. ހަމައެކަނި ފައިސާގެ ގެއްލުމެއް ނޫން ދޯ އަޅުގަނޑުމެންނަށް ވާނީ. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ވާ ގެއްލުމާއި އެތައް އާއިލާއެއް ރޫޅިގެން ދިޔަ މައްސަލައެއްގެ ތެރޭގައި މި މައްސަލަ އެބަ ހިމެނޭ،" އޭނާ ބުންޏެވެ.
ސޮއިކުރުމަށްފަހު، ފްލެޓް ދިނަސް ނުދިނަސް އެއްވެސް ޝަރުއީ ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށް އެމީހަކު އިއުތިރާފު ކުރުމާއި ދޭނެ ދުވަހަކުން ދޭން އެމީހަކު ހުންނަންވީކަން އެއިން [އެގްރިމެންޓުން] ބޮޑަށް އެނގެނީ. ކޯޓަށް ނުވަދެ ތިބޭށޭ. އެހެން ބުނާކަހަލަ ގޮތަކަށް އޮތީ ބުނެލާފައި.
އެގްރިމެންޓުގައި ބުނާގޮތުން، ބަދަލުގެ ގޮތުގައި ހިޔާ މަޝްރޫއު އަދި މި ސަރުކާރުން އެންމެ އަވަހަށް އަޅާ ތިން ކޮޓަރީގެ ފްލެޓް ބޭނުންވާ މީހުންނަށް، އެ ތަނުގެ ކުލީގެ ގޮތުގައި، ދައްކަން ޖެހޭ 432،000 ރުފިޔާ، ގުޅިފަޅަށް މިހާރު ދައްކާފައިވާ ފްލެޓްގެ އަގުން އުނިކުރާނެ އެވެ. އެއީ މަހަކަށް 12،000ރ. ގެ ރޭޓުންނެވެ. އެ އަދަދު ކަނޑައަޅާފައިވަނީ ޑިސެމްބަރު 2017 އިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އެ ޑިސެމްބަރު، 2017 އަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަދަލު ލިބުނު 18 އާއިލާއަށް ހުޅުމާލެއިން ފްލެޓު ލިބުނު މަހެވެ.
އެ ފްލެޓުތަކަކީ ތިން ކޮޓަރި އާއި ސިޓިން ރޫމު ތަންތަނަށް ވާއިރު އެތަންތަނުގެ ބޮޑުމިނަކީ 740 އަކަފޫޓެވެ. މިހާރު އަޅާފައި ހުރި ދެ ކޮޓަރީގެ ތަންތަން ވެސް އެއީ 530 އަކަފޫޓު ކަމަށް ބުންޏެވެ،
"އެއްވެސް ގޮތަކުން މީތި އިންސާފެއް ނުވޭ ނޫންތޯ؟. މީތި އިންސާފުކޮށް ކިރާނެ އެއްވެސް ގޮތެއް އަހަރެމެންނަކަށް ނުފެނުނު،" އޭނާ ބުންޏެވެ.
ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކި އެހެން މީހަކު ވެސް ބުނީ، 18 އާއިލާއަށް ފްލެޓު ލިބުމަކީ ބާކީ ތިބި މީހުންގެ ހައްގު ގެއްލެންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެހެންވެ، ޑައުންޕޭމަންޓް ދެއްކި ތާރީހުން ފެށިގެން ޑިސެމްބަރު 2017 އަކީ، ހައްގުތައް ގެއްލިގެން ދިޔަ އަހަރުތަކުގެ ގޮތުގައި ސަރުކާރުން ނުބަލާ ކަމަށް ބުންޏެވެ.
"އެއްވެސް ހަމަޖެހޭ ގޮތަކަށް ނޫން މި އޮތީ،"
ކުރިން ވާހަކަދެއްކި މީހާ ވެސް ބުނީ، ސަރުކާރުން އެންމެ އަވަހަށް އިމާރާތްކުރާ ފްލެޓުން ތަނެއް ދޭނެ ކަމަށް ބުންޏަސް އެކަމުގެ ތަފްސީލެއް ނެތް ކަމަށެވެ. އެ މައުލޫމާތުތައް އެގްރިމެންޓުގައި ހުންނަންޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.
"އެއްބަސްވުމުގައި މި އިންނަނީ ސަރުކާރުން އެންމެ އަވަހަށް އިމާރާތްކުރާ އެޕާޓްމަންޓުތަކުން އެޕާޓްމަންޓެއް ދޭނެ ކަމަށް. މިހާރު އެބަ އިމާރާތްކުރޭ ތިމަރަފުށީގައި ވެސް. ކުޅުދުއްފުށީގައި ވެސް. އައްޑޫގައި ވެސް. އަޅުގަނޑުމެން ދާން ޖެހިދާނެ ނޫންތޯ މިހެން ގޮސް ތުރާކުނަށް ވެސް. އެއީ ހަމަ ސަރުކާރުގެ އިމާރާތެއް ނޫންތޯ؟. ދެން ބޭނުމިއްޔާ އެތަނަށް ދާށޭ. އެކަހަލަ ގޮތަކަށް ދެން. އެކަމަކު ސާފުކޮށް އެގްރިމެންޓެއް ނުވަތަ އެއްބަސްވުމެއް ވިއްޔާ ވަރަށް ސާފުކޮށް އޮންނަން ޖެހޭނެ ނޫންތޯ މި އެއްޗަކީ ކޮން ކޮބައިކަން،" އޭނާ ބުންޏެވެ.
އެ ފްލެޓުތަކުގެ އަގާ ގުޅޭ މައުލޫމާތު ހާމަކޮށްފައި ނެތުމަކީ ވެސް ޝަކުވާއެކެވެ. މިކަމާ ވާހަކަ ދެއްކި މީހަކު މިސާލެއްގެ ގޮތުން ބުނީ ބަދަލުގެ ގޮތުގައި އެމީހުންނަށް ސަރުކާރުން ދައްކަން ޖެހެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް ތިން މިލިއަން ރުފިޔާ ކަމަށާއި އެކަމަކު ފަހު ވަގުތު އެ ފްލެޓުގެ އަގަކީ ހަ މިލިއަން ރުފިޔާ ކަމަށް ވެސް އަންގައިފާނެ ކަމަށެވެ. އެހެންވެ ދައުލަތުން ފްލެޓަށް ފައިސާ ދެއްކި މީހުންނަށް އެއްވެސް އެއްޗެއް ދޭން ނުޖެހުނަސް އެމީހުންނަށް އަނެއްކާ ވެސް ޖެހެނީ އެޕާޓްމަންޓުގެ ފުލް ޕޭމަންޓް ދައްކަން ކަމަށް ބުންޏެވެ.
"އެއީ ހަމަ ސީދާ އޮޅުވާލައި މަކަރު ހެދުމެއް ނޫންތޯ؟ އެއްބަސްވުން އެ އޮތީ މަކަރުވެރި ގޮތަކަށް ހަދާފައި އިން އެއްޗެއް. ބޭނުމަކީ ދައުވާ ނުކުރުމާއި އެކަން ކުރިޔަ ނުދިނުން އަސްލު ބޭނުމަކީ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި މީހާ ބުންޏެވެ.
ކެމްޕެއިން ދުވަސްވަރު ސޯލްޓް ކެފޭގައި ބައްދަލުކުރައްވައި، އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންތިހާބުވެވަޑައިގެންފި ނަމަ 100 ދުވަހުގެ ތެރޭގައި ހައްގު ބަދަލު ހަމަޖައްސައިދޭނެ ކަމަށް ވައުދުވެ ވަޑައިގެންފައި ކަމަށް، ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި މީހުން ބުނެ އެވެ. މި މީހުން ބުނި ގޮތުގައި އެ ބަދަލަކީ ކޮބައިކަމާއި ދޭނެ އެއްޗަކާއި ކަމެއް ނިންމާނީ ފައިސާ ދެއްކި މީހުން ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި، އެ ބައްދަލުވުމުގައި ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި މީހުންގެ ފަރާތުން ބައިވެރިވި މީހުން ހުށަހެޅި ހުށަހެޅުންތައް ކަމުނުގޮސް، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަގީގަތުގައި މިވަގުތު ދޭން ޖެހޭނީ ބިމެއް ކަމަށް އަސްލަމް ވިދާޅުވި ކަމަށް ބުންޏެވެ.
"ރައީސް އެހެން މީޓިންއަކަށް ވަޑައިގަންނަން ޖެހުނީމަ މިހާރުގެ ހައުސިން މިނިސްޓަރު އަސްލަމް އެ ބައްދަލުވުން ކުރިއަށްގެންދެވީ. އޭރު ވިދާޅުވީ ފްލެޓެއް ނޫނޭ. ފައިސާ އިން ވެސް މިކަމެއް ނުނިމޭނޭ. އެހެންވެ ތިމަންނަ މެން މި ނިންމަނީއޭ ތި ބޭފުޅުންގެ އަސްލު ބަދަލަކީ މާލެ ސަރަހައްދުގެ ކޮންމެ ވެސް އެއް ތަނަކުން ބިމެކޭ ދެއްވާނީ،" އޭނާ ބުންޏެވެ.
ގުޅީފަޅުން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ދިނުމަށް އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ. މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި މަސައްކަތް މިނިސްޓްރީގައި ކުރިއަށްދާނެ. pic.twitter.com/zN1fpZ8IbQ
— Min.of National Planning, Housing & Infrastructure (@MoNPImv) July 20, 2020
އެ މީހުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވެއްގައި ރައީސް ވަނީ ބަދަލުގެ ގޮތުގައި މި ސަރުކާރުން ބިން ނުދޭނެ ކަމަށާއި އެކަމަކު މާލެ ސަރަހައްދުން އެއްވެސް ބަޔަކަށް ބިމެއް ދޭ ނަމަ އެކަން ކުރާނީ ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި 140 މީހުންނަށް ބިން ދިނުމަށް ފަހުގައި ކަމަށް ވިދާޅުވެފަ އެވެ.
"ސަރުކާރުން ހުށަހަޅާފައިވާ އޮޕްޝަންތައް ގަބޫލެއް ނުކުރެވޭނެ. ގުޅިފަޅުން ދީފިއްޔާ މާ ރަނގަޅު،"
އެ ކަންބޮޑުވުންތަކާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ މި މަހުގެ ހަތް ވަނަ ދުވަހު، މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވި ޕްރެސް ކޮންފަރެންސްގައި ތަފްސީލުކޮށްދެއްވި ހަމަތަކުގެ މައްޗަށް އުނިއިތުރެއް ނެތި ގުޅިފަޅުން ފްލެޓު ގަތް މީހުންނަށް ބަދަލުދޭނެ ކަމަށެވެ. އެ ބަދަލަކީ ދެ ފަރާތަށް ވެސް އެއްބަސްވެވޭ، އަދުލުވެރި ހަމަތަކެއްގެ މައްޗަށް ދެވޭ ބަދަލެއްކަން ސަރުކާރުން ޔަގީންކުރާނެ ކަމަށް ވިދާޅުވި އެވެ.
"އެގޮތުން، އެ ފަރާތްތަކުގެ ނުރުހުމުގައި، އެ ފަރާތްތަކަށް އެއްބަސްނުވާ ގޮތަކަށް ރާއްޖޭގެ އެހެން ކަންކޮޅަކުން ބޯހިޔާވަހިކަން ހަމަނުޖައްސާނެކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން އަރުވަމެވެ،" މިނިސްޓްރީން ބުންޏެވެ. އެ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، ގެދޮރު ގަތުމަށް އެކި މަރުހަލާގައި 140 މީހުން ޑައުންޕޭމަންޓް ނުވަތަ އެއަށްވުރެ ގިނައިން ވެސް ފައިސާ ދައްކާފައިވާ ކަމަށެވެ. އެހެންވެ ނިންމުމަކީ، ގުޅިފަޅުން ހައުސިން ޔުނިޓު ގަތުމަށް ފައިސާ ދައްކާފައިވާ ކޮންމެ މީހަކަށް، ބަދަލުގެ ގޮތުގައި އެއް ހައުސިން ޔުނިޓް މި އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ލިބޭނެ ގޮތެއް ހަމަޖައްސައިދިނުން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ބަދަލު ދޭނެ އިތުރު ހަތަރު ގޮތެއް ވެސް އެ ދުވަހުގެ ނިއުސް ކޮންފަރެންސްގައި އަސްލަމް ވިދާޅުވި އެވެ.
1 - ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށް، މި ނިމެންދާ ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓުތަކުގެ ތެރެއިން ހައުސިން ޔުނިޓެއް، އެ ހައުސިން ޔުނިޓުތައް ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި އެ ސްކީމުގެ ދަށުން ދޫކުރާ ހައުސިން ޔުނިޓުތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ގަތުމުގެ ފުރުސަތު، 140 އާއިލާއަށް ދިނުން
2 - ތިން ވަނަ ކަމަކަށް، ގުޅިފަޅުން ފްލެޓް ގަތުމަށް ދައްފައިވާ ފައިސާއާ އެއްވަރުގެ އަދަދެއް، ހައުސިން ޔުނިޓު ވިއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުން އުނިކުރުން.
3 - ގެއްލުން ލިބުނު 140 އާއިލާއަށް ހައުސިން ޔުނިޓު ނުލިބުމުގެ ސަބަބުން ބޯހިޔާވަހިކަމަށް މި މުއްދަތުގައި ކޮށްފައިވާ ހަރަދަށް ބަދަލެއްގެ ގޮތުގައި، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހިނގާ ކޮންމެ މަހަކަށް، ތިން އަހަރު ދުވަހަށް 12،000ރ. ރޭޓުން ކޮމްޕެންސޭޝަނެއް ދިނުން. ޖުމްލަ މެކްސިމަމް ގޮތުގައި 432،000ރ.
4 - ހައުސިން ޔުނިޓު ގަތުމަށް ދެއްކި ފައިސާ ބަދަލެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ އާއި، ގެއްލުމުގެ ބަދަލުގައި ކަނޑައަޅާފައިވާ 432،000ރ، ގަންނަ ހައުސިން ޔުނިޓު މަގުން އުނިކުރުމަށްފަހު ބާކީވާ އަދަދެއް 20 އަހަރު ދުވަހަށް ބަހާލައިގެން ދައްކާ ގޮތަށް އަލަށް ލިބޭ ހައުސިން ޔުނިޓުގެ ކަންތައްތައް ހަމަޖެއްސުން. ހިޔާ ފްލެޓް އަންނަ ޑިސެމްބަރު މަހުގެ ކުރިން އަދި ސަރުކާރުން އަޅާ ފްލެޓު އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ފޯރުކޮށް ނުދެއްވިއްޖެ ނަމަ، އެ ފްލެޓް ލިބެންދެން، މަހަކު 12،000 ރުފިޔާ ފްލެޓްގެ އަގުން އުނިކުރާނެ އެވެ. އިތުރަށް ފައިސާ ދައްކާފައިވާ ނަމަ، އެ އިތުރުވާ މިންވަރު ސަރުކާރުން ދޭނެ އެވެ.
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
ހިލޭ ބަހާ ގޯތީގައި މުޅި އާބާދީ ހިޔާވަހިކުރެވޭ!
މި ދެނީ މާލޭ މީހުން ނޭވާލާނެ ޖާގަ: އަސްލަމް
އެހެން ރަށްރަށުން ވެސް ގޯތިދެވޭ އުސޫލެއް އޮންނަން ޖެހޭ
ރަށްރަށުގެ ގެ އަޅައިދެވޭނީ ވިޔަފާރި އުސޫލުން: އަސްލަމް
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
ފްލެޓްތަކުގެ އަގު 7،000ރ. އަށް ވުރެ ކުޑަވާނެ
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ހިޔާ ފްލެޓުތައް ނިމެން އަށް މަސް ނަގާނެ: އަސްލަމް