Roadha Mihaaru
މި ދެނީ މާލޭ މީހުން ނޭވާލާނެ ޖާގަ: އަސްލަމް

މި ދެނީ މާލޭ މީހުން ނޭވާލާނެ ޖާގަ: އަސްލަމް

26 ޖޫން 2023

މާލޭ މީހުންނަށް ގޯތިދޭން ނިންމީ މާލެ ރައްޔިތުންނަށް ނޭވާލެވޭނެ ގޮތެއް ހޯދައިދިނުމަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭ މީހުންނަށް ގޯތިދޭން ނިންމީ މާލެ ރައްޔިތުންނަށް ނޭވާލެވޭނެ ގޮތެއް ހޯދައިދިނުމަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ އާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މާލެ ރައްޔިތުންނަށް ގޯތި ދެނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މިވަގުތަށް އެކަން ކުރަން ޖެހޭ ކަމަށެވެ.

"މިވަގުތަށް މިކަން ކުރަން އެބަ ޖެހޭ ޔަގީނުންވެސް. ފުރަތަމަ ދިރިހުރުމަށް މަސައްކަތް ކުރެވޭނީ ނޭވާ ލެވިގެން. އެހެންވެ ނޭވާ ލައްވަން މި އުޅެނީ. ނޭވާލަން ފެށީމަ ދެން އަޅުގަނޑުމެން ކުރަން ޖެހޭ އަދި ބައިވަރު ކަންކަން ހުންނާނެ. މިއުޅެނީ މާލޭގެ ރައްޔިތުންނަށް ހަމައަށް ނޭވާ ލެވޭނެ ގޮތެއް ހޯދައިދޭންވެގެން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ނޫން ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ބިމުގެ ދަތިކަން ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި މި ސަރުކާރުން އެ ރަށްރަށަށް ބިން ހިއްކައިގެން ގޯތިދެމުން ގެންދާ ކަމަށެވެ.

"މާލޭގައި ދިރިއުޅޭ ރައްޔިތުން ރާއްޖޭގެ އެހެން ތަންތަނުގައި ދިރިއުޅޭ ރައްޔިތުންނާ އެހާ ބޮޑު ތަފާތުކުރުމެއް ގެންގުޅެން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެހެން ރަށްރަށުން ވެސް ގޯތިދޭ، ބޯދާ ޒަމާނުން ފެށިގެން ގޯތިދޭ. މާލޭގެ ރައްޔިތުންނަށް ވެސް ކޮންމެވެސް މިންވަރަކަށް ލިބެން ޖެހޭނެ. ލިބެން އޮތް މިންވަރަކުން ދޭން ޖެހޭނެ،" އަސްލަމް ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުންނަށް ވެސް މި ހިއްކި ބިމުން ކޮންމެވެސް މިންވަރެއްގެ ބިންކޮޅެއް ލިބެން ޖެހޭ. އެ ހަމަހަމަކަން އެބަ ގެންގުޅެން ޖެހޭ. އެ ސަބަބަށްޓަކައި އަޅުގަނޑުމެން އެކަން މި ކުރަނީ."

މިއަދަކީ މާލޭގެ ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާއިރު ސަރުކާރުން އެކަމުގެ ހައްލު ގެނެސްދޭނެކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މިއަދު އިއުލާން ކޮށް ގެޒެޓް ކުރަނީ ބިންވެރިޔާގެ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނެވެ.

ފުރަތަމަ ދޭނީ މިހާރު އިއުލާނުކޮށްފައިވާ 5،000 ގޯތި ކަމަށާއި މި ސްކީމަށް 15،164 ފޯމް ހުށަހެޅި ކަމަށް އަސްލަމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދު ގެޒެޓް ކުރަނީ އޭގެ ތެރެއިން 10،314 މީހަކަށް ލިބޭ ގޯއްޗެވެ.