Roadha Mihaaru
ފެނާއި ކަރަންޓް ބިލް ދައްކަން ގެސްޓްހައުސްތަކަށް ލުޔެއް

ފެނާއި ކަރަންޓް ބިލު ދައްކަން ގެސްޓްހައުސްތަކަށް ލުއި ދީފި

24 ޖުލައި 2020

ފެނާއި ކަރަންޓް ބިލްތައް ދެއްކުމުގައި ގެސްޓްހައުސްތަކަށް ލުއިތަކެއް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފެނާއި ކަރަންޓް ބިލްތައް ދެއްކުމުގައި ގެސްޓްހައުސްތަކަށް ލުއިތަކެއް ދީފި އެވެ.

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އިން ބުނީ ކޮވިޑް-19އާ ހެދި ގެސްޓްހައުސްތަކުގެ ހިދުމަތް ހުއްޓާލުމާ ގުޅިގެން ގިނަ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. ގެސްޓްހައުސްތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުން ކަރަންޓް ބިލްތަކާއި ފެން ބިލްތައް ނުދެއްކި ފުނިޖެހި ފައިސާގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

މިކަން ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފަ އެވެ. ފެން ބިލްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުދައްކާ ހުރި ބިލްތައް މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހަ މަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސްޓެލްކޯ އާއި ފެނަކަ އާއި އެމްޑަބްލިއުއެސްސީން އެއްބަސްވެފައިވާ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުންޏެވެ.

މިގޮތަށް ބަހާލައިގެން ބިިލްތަކަށް ފައިސާ ދައްކަން ބޭނުންވާ ގެސްޓްހައުސްތަކުން ސްޓެލްކޯ އާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ގުޅައިގެން ކުރިއަށް ގެންދިއުމަށް ގެސްޓްހައުސް އެސޯސިއޭޝަނުން އެދެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ދާއިރާ ހުއްޓިފައި އޮތުމަށް ފަހު ރިސޯޓުތައް ހުޅުވާލީ މި މަހު އެވެ. އަންނަ މަހު ގެސްޓްހައުސްތައް ވެސް ޓޫރިސްޓުންނަށް ރައްކާތެރިކަމުގެ ވަކި ހާއްސަ ފިޔަވަޅުތަކަކާ އެކު ހުޅުވައިލާނެ އެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ގާތްގަނޑަކަށް ނުވަލައްކަ އެއްހާ ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.