Roadha Mihaaru
ރާއްޖެ އަލުން ބަންދުކޮށްގެން ފައިދާއެއް ނެތް: ނަޝީދު

ރާއްޖެ އަލުން ބަންދު ކޮށްގެން ލިބޭނެ ގެއްލުން ބޮޑު: ނަޝީދު

29 ޖުލައި 2020

ރާއްޖޭގެ ބޯޑަރުތައް އަލުން ބަންދު ކުރުމަކީ ދިވެހިންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ބޯޑަރުތައް އަލުން ބަންދު ކުރުމަކީ ދިވެހިންނަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެކަމަކު ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް އަނެއްކާވެސް ދަނީ ވަރުގަދަ ކުރަމުންނެވެ.

އެކަމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައިވަނީ ރާއްޖެ އަލުން ބަންދު ކުރުމަކީ ދިވެހިންނަށް ފައިދާ ހުރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ކޮވިޑް-19 އާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި އެ ބަލިން ސަލާމަތްވުމަށްޓަކައި ގައުމު ބަންދުކޮށް، ވިޔަފާރިތައް ބަނގުރޫޓްވާން ޖާގަ ދީފި ނަމަ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓްގައިވެ އެވެ.

ނަޝީދުގެ ޓްވީޓް

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންއަށް ލުއިދިން ފަހުން އިއްޔެއަކީ މިހާތަނަށް އެންމެ ގިނަ ދިވެހިން ޕޮޒިޓިވްވި ދުވަހެވެ. ބައްޔަށް ޕޮޒިޓިވްވި 137 މީހުންގެ ތެރޭގައި އިއްޔެ 92 ދިވެހިން ޕޮޒިޓިވް ވެފައިވާއިރު، އެކަމާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިންޒާރު ދެއްވައިފަ އެވެ. އަމީން ވިދާޅުވެފައިވަނީ ނުރައްކަލުގެ ރަނގަބީލުގެ އަޑުގަދަވަމުންދާ ކަމަށެވެ.

"އާއްމު ހާލަތަށް އެދޭ ނަމަ މާސްކު އަޅުއްވާ. އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރައްވާ. ބައްދަލުވާ އަދަދު މަދުކުރައްވާ. ކޮންމެހެން ނުކުންނަންޖެހޭ ހާލަތުގައި މެނުވީ ނުކުމެވަޑައި ނުގަންނަވާ،" އަމީން ކުރެއްވި ޓުވީޓެއްގައި ރޭ ވިދާޅުވި އެވެ.

ރާއްޖެ އިން 3،500 އަށް ވުރެން ގިނަ މީހުންނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު 15 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.