Roadha Mihaaru
މާސްގައި ދިރުން ހުރިތޯ ބަލަން އުޅަނދެއް ފޮނުވައިފި

މާސްގައި ދިރުން ހުރިތޯ ބަލަން ނާސާ އިން އުޅަނދެއް ފޮނުވައިފި

31 ޖުލައި 2020

ކޭޕް ކެނެވާރަލް (ޖުލައި 31) - މާސްގައި އެއްވެސް ޒަމާނެއްގައި ދިރުމެއް ހުރިތޯ ބެލުމަށް އެމެރިކާގެ ޖައްވީ އެޖެންސީ ނާސާ އިން އުޅަނދެއް ފޮނުވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޭޕް ކެނެވާރަލް (ޖުލައި 31) - މާސްގައި އެއްވެސް ޒަމާނެއްގައި ދިރުމެއް ހުރިތޯ ބެލުމަށް އެމެރިކާގެ ޖައްވީ އެޖެންސީ ނާސާ އިން އުޅަނދެއް ފޮނުވައިފި އެވެ.

އެއްޓަނުގެ ހަ ފުރޮޅުލީ ރޯވާ، އެޓްލަސް ރޮކެޓުގައި އުދުއްސާލައިފައި ވަނީ ފްލޮރިޑާގެ ކޭޕް ކެނަވަރަލް ސެންޓަރުންނެވެ. ގަޑިއަކު 40،000 މޭލުގެ ބާރު މިނުގައި ދަތުރުކުރާ އުޅަނދު މާސްއާ ހަމައަށް ފޯރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު 18 ވަނަ ދުވަހު އެވެ. ދަތުރު ފުރިހަމަވެއްޖެ ނަމަ މިއީ 1997 ވަނަ އަހަރުގެ ފަހުން މާސްގެ ދަތުރު ފުރިހަމަ ކުރި ފަސް ވަނަ އުޅަނދަށްވާނެ އެވެ.

ނާސާގެ ރޯވާ އިން މާސްގެ ބިމުން ގަލާއި ވެލީގެ ސާމްޕަލް ނަގައި ދުނިޔެ އަށް ފޮނުވަން ރައްކާކުރާނެ އެވެ. މާސްގައި ބިލިއަން އަހަރު ކުރިން ފެންގަނޑެއް އޮތް ކަމަށް ބުނާ ޖެޒެރޯ ކްރޭޓާ އިން ވެސް ސާމްޕަލް ނަގާނެ އެވެ. ރޯވާ ތިރިކުރާނީ އެ ތަނަށެވެ.

މިއީ 11 ދުވަސްތެރޭ މާސް އަށް ފޮނުވި ތިންވަނަ އުޅަނދެވެ. މީގެ ކުރިން ވަނީ ޔޫއޭއީ އާއި ޗައިނާ އިން ވެސް މާސް އަށް އުޅަނދުތައް ފޮނުވައިފަ އެވެ. ޗައިނާގެ އުޅަނދު މާސް އަށް ފޯރާނީ އަންނަ އަހަރުގެ މެއި މަހު އެވެ.

ނާސާގެ ރޯވާގެ އަނެއް ބޭނުމަކީ ކުރިމަގުގައި އިންސާނުން މާސް އަށް ދަތުރު ކުރެވިދާނެތޯ ބެލުމެވެ. އެކަމަށް އޮތް ހުރަހަކީ މާސްގެ އެޓްމޮސްފިއާގެ 96 ޕަސެންޓަކީ ކާބަންޑައިއޮކްސައިޑަށްވުމެވެ. އެހެންވެ ލިކުއިޑް އޮކްސިޖަން ދުނިޔެ އިން މާސް އަށް ގެންދިއުމަށް ވެސް ޚިޔާލުކޮށްފައިވެ އެވެ.

ނާސާ އިން މި ފަހަރު މާސް އަށް ފޮނުވާފައި ވަނީ 2012 ވަނަ އަހަރު ފޮނުވި ކިއުރިއޮސިޓީ ރޮބަޓާ އެއްގޮތް އުޅަނދެކެވެ. ނާސާގެ ރޯވާގައި 23 ކެމެރާ އާއި މައިކްރޯފޯން ހަރުކޮށްފައިވެ އެވެ. ސައެންސްވެރިން އުއްމީދު ކުރަނީ މައިކްރޯފޯނުގެ އެހީގައި ފުރަތަމަ ފަހަރަށް މާސްގެ އަޑު ރެކޯޑް ކުރެވޭނެ ކަމަށެވެ.

ނާސާގެ ރޯވާގެ މަސައްކަތަކަށް ވާނީ މާސްގެ ބިމުން އެއްކުރާ ސާމްޕަލްތައް ދަގަނޑުގެ ކުދި ޓިއުބުގައި ބަންދުކޮށް ޖެރީޒޯ ކްރޭޓާގައި ބެހެއްޓުމެވެ. ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީން ވަނީ އެ ސާމްޕަލްތައް ދުނިޔެ އަށް ގެނައުމަށް 2026 ވަނަ އަހަރު އިތުރު ދެ މިޝަން މާސް އަށް ފޮނުވަން ނިންމައިފަ އެވެ. ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީން ލަފާކުރާ ގޮތުގައި ސާމްޕަލް ދުނިޔެ އަށް ގެނައުމުގެ މިޝަނަށް 2.7 ބިލިއަން ޑޮލަރު ޚަރަދުވާނެ އެވެ. އެންމެ ފަހުން ފޮނުވި ރޯވާއާ އެކު ޕްރޮޖެކްޓުގެ އަގު ހަތް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.